ދެވަނަ ބުރު: ކައުންސިލް 2 ގޮނޑި، ޑަބްލިޔުޑީސީގެ 3 ގޮނޑި

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބުގައި ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ ކައުންސިލް ދެ ގޮނޑިއާއި އަންހެނުންގެ ކޮމިޓީގެ 3 ގޮނޑިއަކަށް މީހުން އިންތިޚާބުކުރުމަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގައި އިންތިޚާބުކުރަންޖެހޭ މެންބަރުންގެ ޢަދަދަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު އެއްވަރުވެފައިވާތީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިންތިޚާބު 2026 ގެ ގަވާއިދުގައިވާ ގޮތުގެ މަތިން އިންތިޚާބުގެ އިތިރު ބުރެއް އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ މެންބަރުގެ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށެވެ. ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާއަކީ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑިއެކެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ. ކެލާ ކޮމިޓީގެ ރައީސްގެ މަޤާމާއި ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުގެ މަޤާމަށް މެންބަރުން އިންތިޚާބު ކުރުމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އަންނަނީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.
މި މަހުގެ 4ވަނަ ދުވަހު ބޭއްވި ކައުންސިލް އަދި އަންހެނުންގެ ކޮމިޓީގެ އިންތިޚާބަކީ މިހާތަނަށް އެންމެ ގިނަ ބަޔަކު ވޯޓުލި އިންތިޚާބެވެ. އެގޮތުން 215,346 މީހުން މި އިންތިޚާބުގައި ވޯޓުލާފައިވާއިރު މިއީ ވޯޓުލުމުގެ ޙައްގު ލިބިގެންވާ މީހުންގެ 73 އިންސައްތައަށްވުރެ އިތުރު އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ