ހަނގުރާމަ މެދުކެނޑު ނަމަވެސް އަދިވެސް ގިނަ ފްލައިޓްތައް ކެންސަލް!

އެމެރިކާ އާއި އިސްރާއީލުން އީރާނާއި ދެކޮޅަށް ފެށި ހަނގުރާމަ މެދުކަނޑާލާ ސަރަހައްދީ ހަމަނުޖެހުންތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރި ނަމަވެސް، ރާއްޖެއަށް ދަތުރުކުރާ ފްލައިޓް އޮޕަރޭޝަންތަކަށް އަދިވެސް ދަނީ ބޮޑެތި ބުރޫތަކެއް އަރަމުންނެވެ. ވަކިން ހާއްސަކޮށް މެދުއިރުމަތީގެ ރޫޓުތަކުން ރާއްޖެއަށް ދަތުރުކުރާ ގިނަ ފްލައިޓްތަކެއް އަދިވެސް އަންނަނީ ކެންސަލްވަމުންނެވެ.
މެދުއިރުމަތިން ރާއްޖެއަށް ދަތުކުރާ ހުރިހާ ފްލައިޓެއްގެ ދަތުރުތައް މެދުކެނޑިފައި ނުވި ނަމަވެސް، ގިނަ އެއާލައިންތަކުން ދަނީ ވަކިވަކި ރޫޓުތަކެއް ކެންސަލް ކުރަމުންނެވެ. މިއަދާއި މާދަމާ ވެސް ރާއްޖެއަށް ދަތުރުކުރަން އޮތް 20 ފްލައިޓެއްގެ ދަތުރު ވަނީ ކެންސަލް ކޮށްފައެވެ.
އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ރާއްޖެއާއި މެދުއިރުމަތީގެ މުހިންމު ހަބްތަކާ ގުޅުވައިދޭ ރޫޓުތަކަށެވެ. ދުބާއީ، ދޯހާ، ޝާރްޖާ އަދި ބަހްރޭނުން ރާއްޖެއަށް ކުރާ އަދި ރާއްޖެއިން އެ ގައުމުތަކަށް ކުރާ ބައެއް ފްލައިޓްތައް ދުވަހުގެ އެކި ވަގުތުތަކުގައި ވަނީ "ކެންސަލް" ވެފައެވެ. މީގެ ތެރޭގައި އެމިރޭޓްސް، ގަތަރު އެއާވޭސްއާ ގުޅުންހުރި ރޫޓުތައް އަދި އެއާ އަރަބިއާ ފަދަ ބޮޑެތި އެއާލައިންތަކުގެ ދަތުރުތައް ހިމެނެއެވެ.
މީގެ ބަދަލުގައި، ކުއާލަލަމްޕޫރު، ސިންގަޕޫރު އަދި އިންޑިއާގެ މުމްބާއީ، ކޮޗިން، ޓްރިވެންޑްރަމް އަދި ބެންގަލޫރު ފަދަ އޭޝިއާގެ މަންޒިލްތަކާ ރާއްޖެ ގުޅުވައިދޭ ރޫޓުތައް މެދުކެނޑުމެއް ނެތި ކުރިއަށްދެއެވެ.
ލަންޑަން ހީތުރޯ، ފްރެންކްފަޓް، ޒިއުރިކް އަދި ވިއެންނާ ފަދަ ޔޫރަޕްގެ މަންޒިލްތަކުން ކުރާ ދިގު ދަތުރުތައް ކާމިޔާބުކަމާއެކު އަންނަނީ ރާއްޖެއަށް ކުރަމުންނެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި ހަނގުރާމަ މެދުކަނޑާލާފައި އޮތް ނަމަވެސް ވައިގެ ދަތުރުތައް ހަމައަކަށް ނޭޅިގެން އުޅެނީ އޮޕަރޭޝަނަލް އަދި ޖިއޯޕޮލިޓިކަލް އެތައް ސަބަބަކާއިހެދިއެވެ. ހަނގުރާމައިގެ ހަރަކާތްތައް މަދުވި ނަމަވެސް، މެދުއިރުމަތީގެ ބައެއް ސަރަހައްދުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައި އޮތުން ނުވަތަ ހުޅުވާލާފައިވަނީ ހަމައެކަނި ބައެއް ވަގުތުތަކުގައެވެ. މިފަދަ ހާލަތްތަކުގައި އެއާލައިންތަކުން އާންމުކޮށް އިސްކަންދެނީ ރައްކާތެރިކަމަށާއި ގަވާއިދުތަކަށް ބޯލެނބުމަށެވެ.
މީގެ އިތުރުން، ލޮޖިސްޓިކަލް ގޮންޖެހުންތައް ވެސް ހުރިކަން ދާއިރާގެ މަސްދަރުތަކުން ފާހަގަކުރެއެވެ. ގިނަ ދުވަސްތަކެއް ވަންދެން ދަތުރުތަކަށް ބުރޫއަރާފައި އޮތުމުގެ ސަބަބުން، ބޯޓުތައް ބޭނުންކުރާ ތަރުތީބާއި ފަޅުވެރިންގެ ޝެޑިއުލްތައް އަދިވެސް ވަނީ އޮޅުންބޮޅުންވެފައެވެ. އަދި ދަތުރުކުރާ މަގު ބަދަލުކުރުމުގެ ސަބަބުން އޮޕަރޭޝަންތައް ވަނީ އިތުރަށް އުނދަގޫވެފައެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ޖެޓް ފިއުލް ލިބުމުގެ ދަތިކަމާއި އަގަށް އަންނަ ބަދަލުތަކަކީ ވެސް މާ މުހިންމު ނޫން ރޫޓުތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް އެއާލައިންތަކުން ނިންމާ ސަބަބުތަކަކަށް ވެދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
އަނެއް މުހިންމު ކަމަކީ ދަތުރުވެރިންގެ ޑިމާންޑެވެ. ހަނގުރާމައިގެ ސަބަބުން އައި ބަދަލުތަކާއެކު ދަތުރުވެރިންގެ އިތުބާރު އިއާދަވުމަށް ވަގުތު ނަގައެވެ. އެހެންކަމުން، ފްލައިޓް ފުރޭވަރަށް ފަސިންޖަރުން ނެތް ނަމަ އެއާލައިންތަކުން ދަތުރުތައް އެއްކޮށްލުން ނުވަތަ ކެންސަލް ކުރުން އެކަށީގެންވެއެވެ.
މެދުއިރުމަތީގެ ހަބްތަކުން އަންނަ ޓްރާންސިޓް ފަސިންޖަރުންނަށް ބޮޑަށް ބަރޯސާވާ ރާއްޖެއަށް، މިފަދަ މެދުކެނޑުންތަކުގެ ސަބަބުން ކުރާ އަސަރު ވަރަށް ބޮޑެވެ. ޔޫރަޕާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރުކުރާ ގިނަ އަދަދެއްގެ ފަތުރުވެރިން އާންމުކޮށް ދުބާއީ އާއި ދޯހާ ފަދަ ސިޓީތައް މެދުވެރިކޮށް ދަތުރުކުރާތީ، ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަންނަނީ ވަރަށް ބޮޑަށް އަސަރު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ