އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރުވެއްޖެ

އިންޑިއާގެ މިއުޒިކީ ދާއިރާގައި އެތައް ޖީލެއްގެ ހިތްތައް ފަތަހަކޮށްފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ، އުމުރުން 92 އަހަރުގައި މިއަދު މަރުވެއްޖެއެވެ. އޭނާ މަރުވިކަން ކަށަވަރުކޮށްދެމުން ދަރިފުޅު އާނަންދު ބޯސްލޭ ބުނީ، އާޝާ މިހާރު ދުނިޔޭގައި ނެތް ކަމަށާއި، އޭނާގެ އެންމެ ފަހުގެ ރަސްމިއްޔާތުތައް އޮންނާނީ މާދަމާ ހަވީރު 4:00 ގައި މުމްބާއީގެ ޝިވާޖީ ޕާކުގައި ކަމަށެވެ. އާޝާ މަރުވީ، އިއްޔެ މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށެވެ. އޭނާގެ މާމަދަރިފުޅު ޒަނާއީ ބޯސްލޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އާޝާ ހޮސްޕިޓަލުގައި އެޑްމިޓްކުރީ "ވަރަށް ބޮޑަށް ވަރުބަލިވެ، މޭގައި އިންފެކްޝަނެއް އުފެދުމުގެ ސަބަބުން" ކަމަށެވެ. އަށްޑިހަ އަހަރަށްވުރެ ދިގު މުއްދަތެއްގައި މިއުޒިކީ ދާއިރާގައި ހަރަކާތްތެރިވި އާޝާގެ މަރާއެކު، އޭނާގެ ލަވަތައް އަޑުއަހައިގެން ބޮޑުވި އެތައް މިލިއަން ބަޔަކަށް ވަނީ ފުން ހިތާމައެއް ކުރިމަތިވެފައެވެ. އާޝާ އެންމެ ފުރަތަމަ ފިލްމީ ލަވައެއް ކިޔާފައިވަނީ އުމުރުން އެންމެ 10 އަހަރުގައެވެ. އެއީ 1943 ވަނަ އަހަރު ނުކުތް މަރާޓީ ފިލްމު “މާޖާ ބާލް” އަށް ކިޔައިދިން “ޗަލާ ޗަލާ ނަވް ބާލާ” އެވެ. ފެށުމުގައި “އޯ ހަސީނާ ޒުލްފޯންވާލީ” ފަދަ ނެށުމުގެ ލަވަތަކަށް މަޝްހޫރުވި ނަމަވެސް، ފަހުން އޭނާ ވަނީ “ދިލް ޗީޒް ކިޔާ ހޭ” ފަދަ ޣަޒަލްތަކާއި “ތޯރާ މަން ދަރްޕަން ކެހެލާޔޭ” ފަދަ ކްލެސިކަލް ލަވަތައް ކިޔުމުގައިވެސް އޭނާގެ ހުނަރުވެރިކަން ސާބިތުކޮށްދީފައެވެ. މީގެ އިތުރުން “ޕިޔާ ތޫ އަބް ތޯ އާޖާ”، “ކަޖްރާ މޮހައްބަތު ވާލާ” އަދި “ރަންގީލާ ރޭ” ފަދަ ލަވަތަކަކީ އޭނާގެ އެންމެ ކާމިޔާބު ލަވަތަކުގެ ތެރޭގައި ހިމެނޭ ލަވަތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ