ޑްރަގު ވިޔަފާރިކުރާކަމުގެ ތުހުމަތުގައި 17 އަހަރު ކުރިން ވަކިކުރި އެމްއެންޑީއެފް މީހަކަށް ވަޒީފާދޭން އަންގައިފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ސަސްޕެންޑުކުރުމަށް ފަހު މީގެ 17 އަހަރު ކުރިން ވަޒީފާއިން ވަކިކުރި ސިފައިންގެ މީހެއްގެ ވަޒީފާ އިއާދަކޮށްދީ، ގެއްލުނު ޕްރޮމޯޝަންތައް ހިމެނޭހެން އެ މުއްދަތަށްވާ މުސާރަ އާއި އެލަވަންސްތައް ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.
މައްސަލައިގެ ފެށުން - މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށާއި ސައްހަ ނޫން ފައިސާ ގެންގުޅޭކަމުގެ ތުހުމަތުގައި އެމްއެންޑީއެފްގެ ލާންސް ކޯޕަރަލްގެ މަގާމުގައި ވަޒީފާ އަދާކުރަމުންދިޔަ މުހައްމަދު އިސްމާއިލް ހައްޔަރުކުރީ 9 އެޕްރީލް 2007ގަ އެވެ.
މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ލިޔެކިއުންތަކަށް ބަލާއިރު، މި މައްސަލާގައި މުހައްމަދު އިސްމާއިލް ވަޒީފާއިން ސަސްޕެންޑުކޮށްފައިވަނީ 9 އެޕްރީލް 2007ގަ އެވެ. 
ވަޒީފާއިން ސަސްޕެންޑުކުރި ސަބަބަކަށް ޑިފެންސް މިނިސްޓްރީން ކޯޓުގައި ބުނެފައިވަނީ، އެ މައްސަލައިގެ ބަންދުން 22 ޖޫން 2007ގައި އޭނާ ދޫކޮށްލާފައިވާއިރު، ހުއްދަ ހޯދުމަކާ ނުލައި ވަކި ސަބަބެއް ބަޔާންކުރުމެއް ވެސް ނެތި ދެ މަސްދުވަހު ވަޒީފާއަށް ނުނިކުމެ ހުރުމުންނާއި ތުހުމަތުކުރެވޭ މައްސަލަ ޝަރީއަތަށް ހުށަހަޅަން ނިންމާފައިވާތީ ކަމަށެވެ. އެއަށް ފަހު އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ 10 މާޗު 2009ގަ އެވެ.
އެކަމަކު، މުހައްމަދު އިސްމާއިލް ބުނަނީ އޭނާއަށް އެ ނޯޓިސް ލިބިފައިވަނީ 2016 ވަނަ އަހަރު އެތައް ފަހަރަކު އެދިގެން ކަމަށެވެ.
ވީ ކިހިނެއް؟ - މި މައްސަލާގައި ސިވިލް ކޯޓުން 2016 ވަނަ އަހަރު ނިންމާފައިވަނީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށާއި ވަޒީފާ އިއާދަކޮށްދޭން ނުޖެހޭ ކަމަށެވެ. ވަޒީފާ އިއާދަކޮށްދިނުމަށް ސިވިލް ކޯޓުން މިފަހަރު އަމުރުކުރީ، ސިވިލް ކޯޓުގެ ކުރީގެ ނިންމުން އޭނާ ހައި ކޯޓުގައި އިސްތިއުނާފުކުރުމުން، އެ މައްސަލަ އަލުން ބަލައި ގޮތެއް ނިންމުމަށް ހައި ކޯޓުން އަންގާފައިވާތީ އެވެ.
ހައި ކޯޓުން ސިވިލް ކޯޓަށް އެންގީ، އެކަން ހިނގައިދިޔަ ގޮތް ސާފުކޮށް، މައްސަލާގައި އޭނާގެ ފަރާތުން ހުށަހަޅާފައިވާ ހެކިވެރިންގެ ހެކިބަސް ނަގައިގެން މައްސަލާގައި ގޮތެއް ކަނޑައެޅުމަށެވެ.
ތަފްސީލް - މިފަހަރު ސިވިލް ކޯޓުން ގޮތް ކަނޑައެޅިއިރު މުހައްމަދު އިސްމާއިލްގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަސް ނަގާފައިވެ އެވެ.
ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު މި މައްސަލާގައި ނިންމި ނިންމުމުގައި ބުނީ، ވަޒީފާއަށް ނުކުތުމަށް އޭނާއަށް ހުރަސް އެޅިފައިވަނީ ވަކި ގޮތެއް ނާންގައިގެން ކަމާއި ވަޒީފާއަށް ނުކުންނަން އޭނާގެ ފަރާތުން ތަކުރާރުކޮށް މަސައްކަތްތަކެއް ކޮށްފައިވާކަން އެ ހެކިވެރިންގެ ހެކިބަހަށް ބެލުމުން އެނގޭ ކަމަށެވެ. 
ސިވިލް ކޯޓުގެ ހުކުމްގައި ބުނީ، މުހައްމަދު އިސްމާއިލް ވަޒީފާއިން ސަސްޕެންޑުކުރުމަށް ފަހު ވަޒީފާއިން ވަކިކުރުމާ ހަމައަށް، އަހަރަކަށް ވުރެ ދިގު މުއްދަތެއްވީއިރު ސަސްޕެންޝަނާ މެދު ގޮތެއް ނިންމާފައިނުވަނީ ކީއްވެގެންކަން ދައުލަތަށް ބުނެނުދެވޭ ކަމަށެވެ. އަދި ވަޒީފާއިން ވަކިކުރަން އެހާ ގިނަ ދުވަސް ނަގަންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ސިވިލް ކޯޓުގެ ނިންމުމުގައިވެ އެވެ.
މީގެ އިތުރުން، އޭނާ ސަސްޕެންޑުކުރީ ޑިސިޕްލިނަރީ ކޮމިޓީއަށް ހުށަހަޅައި ލަފާ ހޯދައިގެން ކަމެއް ފެންނަން ނެތުމުން، ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިވާކަން ދައުލަތަށް ސާބިތުކޮށް ނުދެވޭ ކަމަށް ކަނޑައެޅި އެވެ.
އެހެންވެ ސިވިލް ކޯޓުން އަމުރުކުރީ:
އޭނާގެ ވަޒީފާ އިއާދަކޮށް، ސަސްޕެންޑުކުރި ތާރީހުން ފެށިގެން ވަޒީފާއިން ވަކިކުރިކަން އެންގި 9 އޮކްޓޫބަރު 2016ގެ ނިޔަލަށް ލިބޭނެ މުސާރަ އާއި އެލަވަންސްތައް ހަމަޖައްސައިދިނުމަށް
ވަޒީފާއަށް ނުނިކުމެވުމުގެ ސަބަބުން ގެއްލިގެންދިޔަ ޕްރޮމޯޝަންގެ ފުރުސަތުތައް ދިނުމަށް
އެކަންކަން ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ހަމަޖައްސަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ