ކުރިއަށް އޮތީ ރާއްޖެއަށް މޫސުން ރަނގަޅު ދުވަސްތަކެއް، އެކަމަކު ފިނިހޫނުމިން ކުރިއަށްވުރެ މަތިވާނެ: މެޓް
ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ރަނގަޅުވާނެ ނަމަވެސް ފިނިހޫނުމިން ކުރިއާ އަޅާބަލާއިރު ކުޑަކޮށް މަތިވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ. އެ އިދާރާއިން ބުނީ ކުރިއަށް އޮތް ދެތިން ދުވަހު ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް، އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށެވެ. މި ހިނގާ އޭޕްރީލް މަހު ވާރޭ ވެހުމުގެ މިންވަރަށް ބަލާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ މަދުން ވާރޭވެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ ގިނައިން ވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ފިނިހޫނުމިނަށް ބަލާއިރު، މި މަހު މުޅި ރާއްޖޭގައި ވެސް ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރު ވެސް އާންމު މިންވަރަށް ވުރެ ކުޑަކޮށް މަތިވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އޭޕްރީލް މަހަކީ ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އެންމެ ހޫނުގަދަ މަސް ކަމަށް ވުމާއެކު، މި މަހުގެ ކޮންމެ ދުވަހަކު ވެސް ވަކި ވަގުތުތަކެއްގައި ފިނިހޫނުމިނާ ގުޅޭ މައުލޫމާތު އާންމުކުރަން އެ އިދާރާއިން ވަނީ ނިންމާފައެވެ. މެޓް އޮފީހުން ބުނި ގޮތުގައި އޭޕްރީލް މަހަކީ ރާއްޖޭގެ މޫސުން އިރުވައި މޫސުމުން ހުޅަނގު މޫސުމަށް ބަދަލުވާ ދުވަސްވަރެވެ. "މި ދުވަސްވަރު ވައި މަޑުވެ، ވައިގެ ތެތްކަން ނުވަތަ ހިއުމިޑިޓީ ހިފެހެއްޓިފައި ހުންނާތީ ވައިގެ ހަގީގީ ހޫނުމިނަށް ވުރެ އިހުސާސްވާ ހޫނުމިން އެތައް ގުނައެއް އިތުރުވާނެ،" އެ އިދާރާއިން ފާހަގަކުރިއެވެ. އެހެންކަމުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ސްޓޭޝަންތައް މެދުވެރިކޮށް ކޮންމެ ދުވަހަކު ފިނިހޫނުމިން އާންމުކުރަމުން ދާނެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، 1992 ވަނަ އަހަރުން ފެށިގެން ރެކޯޑްކޮށްފައިވާ ޑާޓާތަކުން ދައްކާ ގޮތުގައި ކޮންމެ އަހަރެއްގެ އޭޕްރީލް މަހު ރާއްޖޭގެ ފިނިހޫނުމިން އެވްރެޖްކޮށް 29.7 ޑިގްރީ ސެލްސިއަސްއަށް މައްޗަށް އަރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ