އެންމެން މާޔޫސްވެއްޖެ: "ގަނަތެޅިގެން" މި ކުރަނީ ކީއް؟

މާޔޫސް ނުވާންވީ ސަބަބެއް އެބައޮތް ހެއްޔެވެ؟ އިބްރާހީމް ހަކީމް އެ ކުންފުނީގައި މަސައްކަތްކުރާތާ މިހާރު ފަންސަވީހަކަށް އަހަރުވީއެވެ. އެހާ ދުވަހު މަސައްކަތެއްގައި ދެމި ހުރެވޭނީ ވަރަށް ބޮޑު ޝައުގެއް ވެސް އޮތީމާކަން ޔަގީނެވެ. މި ހުރިހާ ދުވަސްވީއިރު އޭނާގެ އެއްވެސް ޝަކުވާއެއް ވެސް ނެތެވެ. ކުރެވޭ މަސައްކަތާމެދު ސުވާލު އުފެދުނު އެންމެ ހިނދުކޮޅެއް ވެސް ނާދެއެވެ. އެކަމަކު މިއަދު އޭނާއަށް ކުއްލިއަކަށް އިހުސާސްވާން ފެށީ ބޮޑު މާޔޫސް ކަމެކެވެ. ފަންސަވީސް އަހަރުގެ ތެރޭ އޭނާއަށް ލިބުނު ކުރިއެރުމާއި، ލިބުނު ތަޖުރިބާއާއެކު ކުރަމުން އަންނަ މަސައްކަތަށް ލިބޭ އުޖޫރައާ، އަޅައި ވެސް ނުކިޔޭހާ ފަރަގު ބޮޑު، މާ މަތީ މުސާރައެއްގައި ތަޖުރިބާއެއް ނުދަންނަ މީހަކު "ވައިކުޑައިގައި ފުންމާލީ"އެވެ. މިއީ މިއަދު ރާއްޖޭގައި، ސަރުކާރު ހިއްސާވާ ކޮންމެ ކުންފުންޏެއްގެ ވެސް ހާލަތެވެ. ކޮންމެ ވުޒާރާއެއްގެ ތެރޭގައި ވެސް އޮތް ހާލަތެވެ. އާންމު މަސައްކަތްތެރިޔާ މުޅި އުމުރު ހުސްކުރަމުން އެ ދަނީ ކުޑަ އުޖޫރައެއްގައެވެ. އެކަމަކު ހަމަ ކޮންމެ ވެރިކަމަކާއެކު ބަހައިލާ ސިޔާސީ ވަޒީފާތަކުގައި ކުންފުނިތަކާއި، އެކި މުއައްސަސާތަކުގެ ތެރެއަށް އަދާކުރަންޖެހޭ މާ ބޮޑު ޒިންމާއެއް ނެތި ބޮޑު މުސާރައިގައި މި އަންނަ މީހުންގެ ސަބަބުން "އަސްލު" މުވައްޒަފުންނަށް މި ލިބެނީ ކިހާ ބޮޑު ނިކަމެތި ކަމެއް ހެއްޔެވެ. މިއީ ކިހާ ބޮޑު ބޭ އިންސާފެއް ހެއްޔެވެ؟ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރަން ބޭއްވި ހަފްލާގައި ސިޔާސީ މުވައްޒަފުންނާއި، މުއައްސަސާތަކުގެ ވެރިން -- ފޮޓޯ: ރައީސް އޮފީސް "ޕަންޗް އިން ކޮށްފައި ގެއަށް، ވަރިހަމަތާ" ވަކި ދާއިރާއެއް ބަލާނެ ކަމެއް ނެތެވެ. ސަރުކާރުގެ އެކި ވުޒާރާތަކަށް އެކަނި ބަލައިލި ނަމަވެސް، އެކި ފެންވަރުގެ އެކި ސިޔާސީ ވަޒީފާތައް އެތައް ސަތޭކައިން ބަހައިފައި އެބަހުއްޓެވެ. މިއިން ޒަމާނަކު މިނިސްޓްރީއެއްގައި ނުތިބޭ ވަރަށް، މި ދައުރުގައި ޑެޕިއުޓީ މިނިސްޓަރުން ތިއްބެވިކަން ނަންބަރުތަކުން ހާމަވެއެވެ. ނުވިތާކަށް ކޮންމެ ވުޒާރާއެއްގައި، އެތައް ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންނަކާއި، އެމީހުންގެ ދަށުން ޕޮލިޓިކަލް ޑިރެކްޓަރުންނާއި، އެސިސްޓަންޓު ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަންކޮށްފައި އެބަތިއްބެވެ. އެކަމަކު މީގެ ތެރެއިން ނަތީޖާއެއް ނެރެދެވޭ ފަދަ އެންމެ ކަމެއް ވެސް ކުރަނީ ކިތައް މީހުންތޯ އެއީ ސުވާލު އުފެދޭ ކަމެކެވެ. "އަދިވެސް ހަމަ އަސްލު ވެސް ނެތޭ، މީގެ ތެރެއިން ބައެއް މީހުން މަސައްކަތް ކުރާނެ ވޯކް ސްޓޭޝަން ވެސް. ދެން ކިހިނެއް މަސައްކަތެއްގެ ވާހަކަ އަދި އަންނާނީ. ފިންގަ ޖަހާލައިފައި ދާ މީހުން ހަމަ އުޅޭނީ. އަނެއްކާ މި ދޭތެރެއިން މި ދިޔައީތާ ބޮޑު ކެމްޕޭނެއް ވެސް. މިއިން މީހަކު އޮފީހުން ފެންނަ ފަހަރު ވެސް މަދުވާނެ،" ސަރުކާރުގެ ޕޮލިޓިކަލް ޑިރެކްޓަރެއްގެ ގޮތުގައި ހުރެމެ، މި ވާހަކަތައް ހިއްސާކުރަމުން ބޭފުޅަކު ވިދާޅުވިއެވެ. މީގެ އިތުރުން މިހާތަނަށް އައިއިރު ވެސް މި ފަދަ ވަޒީފާތަކުގައި ތިބި މީހުންގެ މަސައްކަތް ވަޒަންކުރުމަށް ވެސް އެކަށީގެންވާ މިންވަރަށް ކަންކަން ބަލައިފައި ނެތްކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް މިހާރު ކުއްލިއަކަށް ސިޔާސީ ވަޒީފާތަކުގައި ތިބި މީހުންގެ މަސައްކަތް ވަޒަންކޮށް، މަސައްކަތު ލެވަލް ދަށް މީހުން ވަކިކުރަން އިންޒާރުދޭކަމުގެ އަޑުތަކެއް އިވޭ ކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ. ނަމަވެސް މި ފިޔަވަޅު މި ދަނޑިވަޅުގައި މި އައީ ލޯކަލް ކައުންސިލު އިންތިޚާބާއި، ފެންނަނުފެންނަ ވޯޓުގައި ސަރުކާރަށް ކުރިމަތިވި ބޮޑު ނާކާމިޔާބާއަށްފަހުގައާއި، މެދުއިރުމަތީގެ ހަނގުރާމައިގެ "އަސަރު" ކުރަން ފަށައި، ޚަރަދުތަކަށް ކޮންމެވެސް ލުޔެއް ގެންނަން ޖެހިގެންކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެހެން ސަރުކާރުތަކެކޭ އެއްގޮތަށް މި ސަރުކާރުގައި ވެސް ދެ އަހަރާ ބައި ވީއިރު ވެސް ހަމަ ބޮޑު ބޭއިންސާފު ދިޔައީ ކުރިއަށެވެ. އާދައިގެ މުވައްޒަފަކު، އެ ލިބޭ މުސާރައަށް ޓަކައި އެތައް ކަމެއް ގުރުބާންކުރާއިރު، ސިޔާސީ ވަޒީފާތަކުގައި މިހެން އުޅޭ ބައެއްގެ މަސައްކަތް ވަޒަން ނުކުރަންޏާ ކޮންމެ ގޮތެއް ވެސް "ވަރިހަމަ" ކުރަނީއެވެ. މިއީ އަދި އެތައް މައުލޫމާތެއް ހޯދައިގެން އެނގޭ ވުޒާރާތަކުގެ ހާލަތެވެ. ނަންބަރުތައް ހާމަނުކުރާ، ސަރުކާރު ކުންފުނިތައް ކަމަށްވާ، ފެނަކަ، އެމްއޭސީއެލް، ސްޓެލްކޯ، އެމްޕީއެލް ފަދަ ކުންފުނިތަކުގެ ހާލަތު ވަޒަންކުރަން ވެސް ދައްޗެވެ. އެއީ އަދި ފަންނީ މަސައްކަތްތައް ކުރާ ތަންތަނެވެ. އެކަމަކު އެ ތަންތާ ވެސް ބޭއިންސާފުގެ ނިޒާމާ ހެދި ގިނަ އަދަދެއްގެ އާންމު މަސައްކަތްތެރިން މިއަދު ތިބީ އެ ފްރަސްޓްރޭޝަނުގައެވެ. "މިއީ ސިސްޓަމް ފެއިލިއާއެއް. އަހަރެމެން ދާ އޮހުރުވައި އޮޕަރޭޝަންތައް ސްމޫތުކޮށްދޭތޯ ޔަގީންކުރަން ބުރަކޮށް މަސައްކަތްކުރާއިރު، އެއްބަޔަކު މި ތިބެނީ އޭސީ ކޮޓަރީގައި ކޮފީބޮއެ، ހީ ސަކަރާތް ޖަހަން،" ސަރުކާރު ކުންފުންޏެއްގައި މަސައްކަތްކުރާ މީހަކު ބުންޏެވެ. "ދެން މި ޝަކުވާކުރަނީ މިހާރު މީހުން މާ ކަން ފަސޭހައީއޭ. އަގުވަޒަން ނުކުރަންޏާ ކާކު އެވަރުން އުޅޭނީ،" ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ އެމްއޭސީއެލްގެ އިސް ބޭފުޅުންތަކެއް -- ފޮޓޯ/ އެމްއޭސީއެލް ކިޔަވައިގެން ތިބި ޒުވާނުންނަށް ވެސް ވަޒީފާއެއް ނެތް ދެން އޮތީ އަނެއް މައްސަލައެވެ. ސިޔާސީ ގުޅުމެއް ނެތްނަމަ، ސަރުކާރު ހިއްސާވާ ކުންފުންޏަކުން ވިޔަސް، ވުޒާރާއަކުން ވިޔަސް، ނުވަތަ އެހެން މުއައްސަސާއަކުން ވިޔަސް ވަޒީފާއެއް ލިބޭނެކަމަށް ހަމަ އެއްގޮތަކަށް ވެސް އުންމީދުކުރާނެ ކަމެއް ނެތެވެ. އޭވިއޭޝަން ދާއިރާއަށް ހުރި ޝައުގެއްގެ ބޮޑުކަމުން، އަމިއްލަ ޚަރަދުގައި ކިޔަވައިގެން ރާއްޖެ އައި އެކުވެރިއަކު، މިއަދު ވަޒީފާ އަދާކުރަނީ ބޭސް ކުންފުނީގައެވެ. ވަރަށް ފޮނި އުންމީދުގައި އެއާޕޯޓު ކުންފުންޏަށް ވަޒީފާއަކަށް ލައިގެން ވެސް، ހަމަ އެއްގޮތަކަށް ވެސް ހޮވޭ ގޮތް ނުވީއެވެ. މަސައްކަތެއް ކޮށްގެން، ފައިސާ ހޯދައިގެން ނޫނީ އުޅެވޭކަށް ވެސް ނެތެވެ. އެހެންވެ ވަޒީފާއެއް ނެތި ހުރުން ވެސް އެއީ އޭނާއަށް ޗޮއިސްއެއް ނޫނެވެ. އެކަމަކު ކިޔަވައިގެން ހުންނަ، ޒުވާނާއަށް މިހެން ވާންވީ ކީއްވެ ހެއްޔެވެ؟ ވަރަށް ސާފެވެ. ސިޔާސީ ވަޒީފާތަކުން މުއައްސަސާތަކާއި ކުންފުނިތައް ފުރިފައި އޮތް މިންވަރުން، އެ ފަދަ ޒުވާނަކަށް ފުރުސަތު ހޯދަން ދަތީއެވެ. އިންތިޚާބެއް ގާތްވުމުން ނޫނީ ވަޒީފާތަކަށް ހުޅުވައި ވެސް ނުލަނީއެވެ. ނިމިދިޔަ ކައުންސިލު އިންތިޚާބުން ހާމަވި އެންމެ ބޮޑު އެއް ހަގީގަތަކީ އެއީއެވެ. 25 ޑިސެމްބަރު 2025: ރައީސް މުއިއްޒު ޒުވާނުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގެ ތެރެއިން -- ފޮޓޯ ރައީސް އޮފީސް ދައުލަތުގެ މި އަހަރުގެ ބަޖެޓުގެ ތެރެއިން 17 ބިލިއަން ރުފިޔާ ޚާއްސަކޮށްފައިވަނީ ދައުލަތުގެ ނުވަތަ ސަރުކާރުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދިނުމަށެވެ. މިއީ ސަރުކާރު ކުންފުނިތައް ނުހިމަނައެވެ. ރައްޔިތުންގެ ޓެކްސް ފައިސާ ވެސް މި 17 ބިލިއަން ރުފިޔާގެ ތެރޭ ނުހިމެނި ނުދާނެއެވެ. މި ފައިސާއިން މަސައްކަތެއް ނުކުރާ ބަޔަކަށް ހައްގު ނޫން މުސާރައެއް ދިނުމަކީ ހަމަގައިމު ވެސް ބުރަ މަސައްކަތް ކުރާ އެއްވެސް މީހަކު ރުހޭނެ ކަމެއް ނޫނެވެ. މަސައްކަތެއް ނުކޮށް މުސާރަ ނަގާނީ ވެސް ލަދުވެތިކަން ނެތީމައެވެ. އާންމު މުވައްޒަފުންނެކޭ އެއް ހަމައެއްގައި މަސައްކަތް ނުކޮށް އެހެން ތިބެން އެއްވެސް ބަޔަކަށް ފުރުސަތު ދީގެން ވެސް ނުވާނެއެވެ. ނިމިދިޔަ ފެންނަނުފެންނަ ވޯޓުގައި 68 ޕަސެންޓު ރައްޔިތުން ބުނި "ނޫނެކޭ" އިން ދިން އެއް މެސެޖަކީ ވެސް މިދިޔަ ދެ އަހަރާއި ދެތިން މަހުގެ ތެރޭ ސަރުކާރުގެ ތެރެއިން ކުރަމުން އައި މިފަދަ ބޭއިންސާފު އެތައް ކަމަކާ ރައްޔިތުން ދެކޮޅު ކަމެވެ. އެއީ ބަލައިގަންނަ ކަމެއް ނޫން ކަމެވެ. އެހެންކަމުން ދެން ވެސް އެންމެ އިސްކަންދޭންވީ މިފަދަ ސިޔާސީ މަގާމުތައް މަދުކުރާށެވެ. ނަތީޖާ ނެރެދޭނެ، ކަމަށް ގާބިލް، ކިޔަވައިގެން ތިބި ޒުވާނުންނަށް ފުރުސަތު ދޭށެވެ. ދާއިރާ މެންބަރާ ގުޅައިގެން ނޫނީ ވަޒީފާއެއް ހަމަނުޖެހޭހެން މި އޮތް ނިޒާމު ވެސް "ފުނޑައިލަން" ވެއްޖެއެވެ. ސިޔާސީ ވަޒީފާ ބަހަންވީ ޕާޓީއަށް ލިބޭ ބަޖެޓަކުން ޕާޓީ އޮފީހުގައި މަސައްކަތް ކުރާށެވެ. ދައުލަތުގެ ކުންފުނިތަކާއި، މުއައްސަސާތައް މި ނުފޫޒުން މިނިވަން ކުރަންވީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ