މާލޭ ޓެކްސީ ލައިން ހިލޭކުރި ހަފްތާ ނިމިއްޖެ، އެކަމު އަދިވެސް އަގު ނުނަގާ
މި ހިނގާ އޭޕްރިލް މަހުގެ ކުރީކޮޅު ސަރުކާރުން މާލޭގައި ފެށި ޓެކްސީ ލައިނުގެ ޚިދުމަތަށް ހަފުތާއެއް ފާއިތުވެގެން ދިޔައިރު، އެ ޚިދުމަތް އަދިވެސް ހިލޭ ދޭކަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން މިއަދު ހާމަކޮށްފިއެވެ. ޓެކްސީގެ ޚިދުމަތްދޭ އެމްޓީސީސީގެ ހޮޓްލައިނަށް ގުޅުމުން ބުނީ، މާލޭ ޓެކްސީ ލައިންގެ ޚިދުމަތް އަދިވެސް ދެނީ ހިލޭ ކަމަށެވެ. "އަދި އެކޮޅުން (މައި އިދާރާއިން) އަޅުގަނޑުމެންނަކަށް އަންގައިފައެއް ނެތް ވަކި ދުވަހެއް، އެކޮޅުން އަންގައިފައި އޮތީ އަދި ފްރީކޮށް ކަމަށް،" ހޮޓްލައިނަށް ގުޅުމުން ބުންޏެވެ. އެމްޓީސީސީން މީގެ ކުރިން ބުނެފައިވާ ގޮތުުގައި، މާލޭ ޓެކްސީ ލައިންގެ ޚިދުމަތް މެދުވެރިކޮށް މިމަހުގެ ތިންވަނަ ދުވަހުން ފެށިގެން ނުވަވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުކުރެވޭނެއެވެ. https://sun.mv/220084 އެހެންވެ، އެ މުއްދަތަށްފަހު ޓެކްސީ ލައިންގެ ޚިދުމަތަށް ޑިމާންޑު އޮތީ ކިހިނެއްތޯއާއި، ދަތުރުތަކަށް އެދުމަށް އާންމުން އެންމެ ގިނައިން ބޭނުންކުރީ ކޮން ޕްލެޓްފޯމެއްތޯ 'ސަން'އިން ސުވާލުކުރުމުން، އެމްޓީސީސީގެ ޕީއާރު އޮފިޝަލަކު ވިދާޅުވީ، "މިވަގުތު ތީގެން އެއްވެސް ކަމަކަށް ކޮމެންޓެއް ނެތް" ކަމަށެވެ. އެއީ ކީއްވެތޯ ސުވާލުކުރުމުން އޮފިޝަލް ވަނީ ފޯނު ބާއްވައިފައެވެ. އެހެންވެ، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސަޢުދީގެ ބަހެއް ހޯދަން ގުޅި ނަމަވެސް، ޖަވާބެއް ލިބޭ ގޮތް ވަނީ ނުވެފައެވެ. ފާހަގަކުރެވޭ ގޮތުގައި، މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ތައާރަފުކުރި ފުރަތަމަ ހަފުތާގައި އެކަނިވެސް ޚިދުމަތަށް ބާރުބޮޑުވެ، ހޮޓްލައިން ނަންބަރު، 1655 އަށް ނުގުޅޭ ކަމަށް އާންމުން އައީ ބުނަމުންނެވެ. އެގޮތުން ކިޔޫގައި ވިއްސަކަށް މިނެޓު މަޑުކުރަން ޖެހި، ކާރަށްވެސް ދިގު އިންތިޒާރެއް ކުރަން ޖެހޭ ކަމުގެ ޝަކުވާ ބައެއް އާންމުން އައީ ކުރަމުންނެވެ. އެކަމާ ގުޅިގެން އެމްޓީސީސީން އޭރު ބުނީ، ޓެކްސީ ލައިނުގެ ޚިދުމަތް ފުރަތަމަ ހަތް ދުވަހު ހިލޭ ލިބޭ ގޮތަށް ހަމަޖައްސައިފައި އޮތުމުން، ގިނަ އަދަދެއްގެ ކަސްޓަމަރުން ޚިދުމަތަށް އެދި ގުޅަމުން އަންނަ ކަމަށެވެ. https://sun.mv/220120 ކޯލް ސެންޓަރުގެ އޭޖެންޓުން މެދުނުކެނޑި 24 ގަޑިއިރު މަސައްކަތްކުރަމުން އަންނަ ކަމަށް، އެ ކުންފުނިން ބުންޏެވެ. "ނަމަވެސް [ކަސްޓަމަރުން] ގުޅާ އަދަދު ވަރަށް ގިނަ، އެހެންވެ ކިޔޫގަ [ކަސްޓަމަރުން] އަބަދު ތިބެން ޖެހެނީ،" އެމްޓީސީސީން ބުންޏެވެ. މާލޭ ޓެކްސީ ލައިންގެ ޚިދުމަތާއެކު، އެމްޓީސީސީން ވަނީ ވެބް އެޕްލިކޭޝަނެއް ވެސް ތައާރަފުކޮށްފައެވެ. ނަމަވެސް ވެބް އެޕްލިކޭޝަން ތައާރަފުކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭ ވަނީ ނަގައިފައެވެ. އެގޮތުން، އެ ވެބް އެޕްލިކޭޝަންގައި ރަޖިސްޓްރީވުމަށް އާންމުން ދޭ މައުލޫމާތު ލީކުވާ ކަމުގެ ކަންބޮޑުވުން ވަނީ ސޯޝަލް މީޑިއާގައި ފާޅުކޮށްފައެވެ. ކަން އެހެން އޮއްވައި، މާލޭ ޓެކްސީ ލައިންގެ އެޕްލިކޭޝަން ހެދުމުގައި ކޮރަޕްޝަން އޮތް ކަމަށް ބުނާ މައްސަލައެއް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ވަނީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފައެވެ. https://sun.mv/220267 މާލޭ ޓެކްސީ ލައިންގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ 150 ކާރު މާލެ ގެނައީ ނިމިދިޔަ މާރިޗު މަހުގެ ފަހުކޮޅެވެ. އޭގެ ތެރޭގައި މާލޭގެ ހަނި މަގުތަކުގައި ދުއްވޭނެ ކާރުތަކުގެ އިތުރުން، މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާނެ ސައިޒުތަކުގެ ކާރުތައް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ