ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަންގެ މަޤާމުން އިބްރާހިމް ވަހީދު އަދި ލީގަލް ޑިރެކްޓަރުގެ މަގާމުން އަޙްމަދު މައުރޫފް ވަކިކުރުމަށްފަހު އަލުން ދެ ބޭފުޅުންގެ މަގާމުވެސް އިއާދަކޮށްފިއެވެ.
އެމްޑީޕީން ވަނީ އިބްރާހިމް ވަހީދާއި މައުރޫފުގެ މަޤާމުވެސް އިއާދަކޮށްފައިވާކަން ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދީފައެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިދާރީ، އިބްރާހިމް ވަހީދު އާއި ޕާޓީގެ ލީގަލް ޑިރެކްޓަރު އަޙްމަދު މައުރޫފް މަޤާމުން ވަކިކުރިކަން އެ ބޭފުޅުންނަށް އެންގީ މި މަހުގެ 7ވަނަ ދުވަހުއެވެ. ނަމަވެސް އެ ބޭފުޅުން މަޤާމުން ވަކިކުރި ސަބަބެއް އެމްޑީޕީން އޭރު ހާމަކޮށްފައެއް ނުވެއެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު މަޤާމުން ވަކިކުރިކަން އަންގައި ފޮނުވި ސިޓީގައި ބުނެފައިވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާގައި ޕާޓީގެ ޗެއާޕާސަން ކަމަށް އިންތިހާބުވާ ފަރާތަކުން ޗެއާޕާސަންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވެދޭން ޗެއާޕާސަންގެ ނައިބް (އިދާރީ) އާއި ޗެއާޕާސަންގެ ނައިބް (މާލީ) ގައުމީ މަޖިލީހުގެ ރުހުމާއެކު އައްޔަންކުރެވޭނެކަމަށެވެ. އަދި އެ މާއްދާގައި ޗެއާޕާސަންގެ ދައުރުގެ ތެރޭގައި ޗެއާޕާސަންގެ ނައިބު ވަކިކޮށް ގައުމީ މަޖިލީހުގެ ރުހުމާ އެކު އެހެން ފަރާތެއް ޗެއާޕާސަންގެ ނައިބް ކަމަށް އައްޔަންކުރެވިދާނެކަމަށް ބުނާއިރު، އެ މާއްދާއާ ހަވާލާދީ ޗެއާޕާސަންގެ ނައިބްކަމުން ވަކިކުރާ ހާލަތުގައި ގައުމީ މަޖިލީހުގެ ރުހުން އޮންނަންޖެހޭ ކަމަށް ބުނެފައިނުވާކަމަށެވެ. އެހެންކަމުން އެ މާއްދާގެ ދަށުން ޕާޓީގެ އިދާރީ ޑެޕިއުޓީ ޗެއާޕާސަންގެ މަގާމުން ވަހީދު ވަކިކޮށްފައިވާކަމަށް ޕާޓީގެ ވަގުތީ ޗެއަރޕާސަން ފޮނުއްވި ސިޓީގައި ބުނެފައިވެއެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިދާރީއާއި ޕާޓީގެ ލީގަލް ޑިރެކްޓަރު މަޤާމުން ވަކިކުރުމާ ގުޅޭގޮތުން އެމްޑީޕީން ރަސްމީކޮށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. ނަމަވެސް އެ ބޭފުޅުން ޕާޓީގެ މަޤާމުތަކުން ވަކިކޮށްފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ޕާޓީގެ ތެރޭގައި އުފެދުނު މައްސަލަތަކެއްގެ ތެރެއިންނެވެ. އެގޮތުން އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަދައްކަވަން ފުރުޞަތު ނުދެއްވިކަމަށް ބުނެ ޕާޓީގެ ގިނަ ބަޔަކު ވަނީ އެމްޑީޕީގެ ލީޑަރޝިޕަށް ފާޑުކިޔާފައެވެ.
ނަމަވެސް މިހާރު ޕާޓީގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތައް ރަނގަޅުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
އިބްރާހީމް ވަހީދާއި މައުރޫފުގެ މަޤާމު އިއާދަކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ