ބްރިޖު ދަށުގައި ދިރިއުޅުނު މީހުން ފޮނުވާލައި ފުލުހުން އެސަރަހައްދު ބަލަހައްޓަނީ

ބްރިޖު ދަށުގައި މީހުން ދިރިއުޅޭ މައްސަލަ ތަކުރާރުވިޔަ ނުދިނުމަށް އެސަރަހައްދު ބަލައި ފާސްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ އެސަރަހައްދު ދޭތެރެދޭތެރެއިން ބަލައި ފާސްކުރަމުން ދާނެކަމަށެވެ.
ބްރިޖު ދަށުގައި ބަޔަކު ދިރިއުޅެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރުނު ޚަބަރުތަކާ ގުޅިގެން ކުރި ތަހުގީގަކަށް ފަހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ ބްރިޖު ދަށުގައި ދިރިއުޅުނު މީހުން އެސަރަހައްދުން ފޮނުވާލާފައިވާކަމަށެވެ.
ފުލުހުން ވިދާޅުވީ އެމީހުން ފޮނުވާލީ އެތަނުގައި އުޅުނު މީހުން ދެނެގަނެ، އެމީހުންގެ މައުލޫމާތު ސާފުކުރުމަށްފަހުގައި ކަމަށެވެ. އަދި އެސަރަހައްދުގައި ދިރިއުޅެފައިވަނީ ބިދޭސީންކަމަށާއި، އަދި އެސަރަހައްދުގައި މީހުން ދިރިއުޅުމުގެ ސަބަބުން އުފެދިފައި ހުރި ކުނިބުނި ސާފުކޮށްފައިވާކަމަށްވެސް ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ޚާއްސަ ރިޕޯޓެއް ތައްޔާރުކޮށް، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ކަމާއި ބެހޭ އިދާރާތަކާ ހިއްސާކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
އަދި މިފަދަ މައްސަލަތަކުގައި އިޖުތިމާޢީ އެހީތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތައް ހިމެނިދާނެތީ، އެފަރާތްތަކުގެ ރައްކާތެރިކަމާއި މަސްލަހަތު ޙިމާޔަތް ކުރުމަށްޓަކައި ކަމާއި ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުން އަންނަކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ