ކެބިނެޓުގައި ހިމެނިވަޑައިގެންނެވި 10 ވަޒީރަކު މިއަދު އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ބަދަލުތައް ގެނައުމަށް ރައީސް މުހައްމަދު މުއިއްޒަށް ފުރުސަތު ދެއްވުމަށް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ކެބިނެޓުގައި ހިމެނިވަޑައިގެންނެވި 10 ވަޒީރަކު އިސްތިއުފާ ދެއްވުމުން ރައީސް މުއިއްޒު ވަނީ އެ ބޭފުޅުންގެ އިސްތިއުފާ ގަބޫލު ކުރައްވައިފަ އެވެ.
ތަފްސީލް - ރައީސް އޮފީހުން ބުނީ، މިނިސްޓަރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް މުއިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެގޮތުން ކަމަށެވެ.
އިސްތިއުފާ ދެއްވި މިނިސްޓަރުންގެ ހިދުމަތުގެ އަގުވަޒަންކުރައްވައި އެ ބޭފުޅުންނަށް ރައީސް ޝުކުރު އަދާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިއަދު އިސްތިއުފާ ދެއްވި މިނިސްޓަރުންނަކީ:
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު
ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން
ސޯޝަލް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް
އެގްރިކަލްޗާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ
ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް
ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު
ޓޫރިޒަމް އެންޑް އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު
ދިވެހި ބަހުގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހިމް
މީގެ އިތުރުން، ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވެސް ވަނީ އިއްޔެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ގުޅުން ހުރި - ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއަށް ފަހު، ސަރުކާރު ކުންފުނިތަކުގެ ބައެއް ވެރިން ވަނީ މަގާމުން ވަކިކޮށް ނުވަތަ އިސްތިއުފާ ދޭން އަންގާފަ އެވެ. އެގޮތުން:
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވަނީ މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވާފައި؛ އޭނާ އިސްތިއުފާ ދެއްވީ އެ ކަމަށް އެދުމުން
މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ފަރުހަތު ޝަހީރު ވަނީ ވަކިކޮށްފައި
އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުގައި ހުންނެވި އަބްދުލް މަތީން ވަނީ އިސްތިއުފާ ދެއްވާފައި
އެގްރޯނެޓް ކުންފުނީގެ އެމްޑީއަކަށް ހުންނެވި ހުސެން ދީދީ ވަނީ ވަކިކޮށްފައި
ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ވެސް ވަނީ ވަކިކޮށްފައި
އެމްޑަބްލިއުއެސްސީގެ އެމްޑީއަކަށް ކުރިން ސްޓެލްކޯގެ އެމްޑީކަން ކުރެއްވި އަދި ފަހުން ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ހުސެން ފަހުމީ މިއަދު ވަނީ އައްޔަންކޮށްފަ އެވެ.
ވަޒީރުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ބަދަލުތައް ގެންނަން ފުރުސަތު ދިނުމަށް: ރައީސް އޮފީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ