އާ ވަޒީރުން ހުވާކުރައްވައިފި: ފޮރިން މިނިސްޓަރަކަށް އިރުތިޝާމް، ސަގާފަތާ ބެހޭ މިނިސްޓަރަކަށް ހީނާ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން މިއަދު 10 ވަޒީރުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ވުޒާރާތަކުގެ މަސައްކަތްތަކަށް ބޮޑު ބަދަލެއް ގެނެސް އާ ކެބިނެޓު މިރޭ ހުވާކުރައްވައިފިއެވެ. އާ ކެބިނެޓަށް ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. އާ ކެބިނެޓަށް ހުވާކުރެއްވި ބޭފުޅުންގެ ތެރޭގައި، ތަރުޖަމާނު ހީނާ ވަލީދާއި އިނގިރޭސި ސަފީރު ޑރ. އިރުތިޝާމް އާދަމް ހިމެނެއެވެ. ފިނޭންސް މިނިސްޓަރަކަށް މޫސާ ޒަމީރު ހޯމް މިނިސްޓަރަކަށް އަލީ އިހުސާން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް އިސްމާއީލް ޝަފީއު ހެލްތު މިނިސްޓަރަކަށް ގިލާ އަލީ އިކޮނޮމިކް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު އިސްލާމިކް އެފެއާޒް މިނިސްޓަރަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރަކަށް މުހައްމަދު އަމީން ޔޫތު އެންޑް ސްޕޯޓްސް އެމްޕަވަމެންޓް އަބްދުﷲ ރާފިއު އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ހީނާ ވަލީދު އިންފްރާސްޓްރަކްޗާ ހައުސިން، އެންޑް އާބަން ޑިވެލޮޕްމެންޓް އަބްދުﷲ މުއްތަލިބު އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް އަލީ ޝަރީފް އެންމެ ގިނަ ވަޒީރުން އައްޔަންކުރި މި ސަރުކާރުގައި މީގެ ކުރިން ވެސް ކެބިނެޓަށް އެކި ބަދަލުތައް ގެންނަވައިފައިވެއެވެ. އެގޮތުން، ޑިސެންބަރު 30، 2024ގައި، ހެލްތު މިނިސްޓަރު ކަމުގައި ހުންނެވި ޚަލީލް ފޮރިން މިނިސްޓްރީއަށް ބަދަލުކުރެއްވިއެވެ. އަދި ފުރަތަމަ ފިނޭންސް މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ޝަފީގް އިސްތިއުފާ ދެއްވުމުން، އެ މަގާމަށް މޫސާ ޒަމީރު އައްޔަންކުރެއްވިއެވެ. އޭގެ ކުރިން ޒަމީރު ހުންނެވީ ފޮރިން މިނިސްޓަރުކަމުގައެވެ. އެ ދުވަހު ހެލްތު މިނިސްޓަރު ކަމަށް އައްޔަންކުރެއްވި ނާޒިމް ކުރިން ހުންނެވީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމުގައެވެ. މީގެ އިތުރުން ހަމަ އެ މަހު، ކުރިން ވަކިން އޮތް ދެ މިނިސްޓްރީއެއް ކަމަށްވާ ހައުސިން މިނިސްޓްރީއާއި ޕްލޭނިން މިނިސްޓްރީ އެއްކޮށްލެއްވިއެވެ. އަދި އެއްކޮށްލި މިނިސްޓްރީއަށް ޑރ. އަބްދުﷲ މުއްތަލިބު އައްޔަން ކުރައްވައި، ހައުސިން މިނިސްޓަރަކަށް ހުންނެވިހައިދަރު ހަޔާ އެޑިޔުކޭޝަން މިނިސްޓަރަކަށް ބަދަލުކުރެއްވިއެވެ. އޭރު ހަޔާ އެޑިއުކޭޝަން މިނިސްޓަރަކަށް ހުންނެވީ، މިއަދު އެގްރިކަލްޗާ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ޑރ. މާރިޔާއެވެ. މި ސަރުކާރުން އަނެއްކާވެސް ކެބިނެޓަށް ބަދަލުތައް ގެނެސްފައިވަނީ، ސަރުކާރަށް އޮތް ތާއިދު ދައްކުވައިދޭނެ ކަމަށް ބެލެވުނު އިންތިޚާބުތަކެއް މި މަހުގެ ހަތަރެއްގައި ބާއްވައިފައި ވަނިކޮށެވެ. އެ އިންތިޚާބުތަކުން ސަރުކާރަށް ކުރިމަތިވީ ބޮޑު ނާކާމިޔާބީއަކާއެވެ. އޭގެ ސަބަބުން، ކެބިނެޓަށް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ވެސް ގިނަ ބަޔަކު ފާހަގަކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ