ގެއްލުނު ގޮނޑި އަނބުރާ ހޯދަން ސިނާނު ޕްރައިމަރީއަށް ކުރިމަތިލައްވަނީ

ސުޕްރީމް ކޯޓުގެ ހުކުމާ އެކު ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް މެމްބަރަކު ހޮވުމުގެ ބައި-އިލެކްޝަނަށް ޕީއެންސީން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެ ގޮނޑި ގެއްލުނު މުހައްމަދު ސިނާން މިރޭ އިއުލާންކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ޕީއެންސީގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގައި ހުންނަވަނިކޮށް ސިނާންގެ ގޮނޑި ގެއްލުނީ، ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމަކާ އެއްގޮތަށް ދަރަނި ނުދައްކާ އޮތް މައްސަލައެއްގަ އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަކަށް ނުދައްކާ އޮތް 2.5 މިލިއަން ރުފިޔާ، ހަ މަސް ދުވަސްތެރޭ ދައްކަން ކުރި ހުކުމަކާ އެއްގޮތަށް އެ ފައިސާ ދައްކާފައިނުވާތީ، ސިނާންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް މިދިޔަ އަހަރުގެ 13 ފެބްރުއަރީގައި މައްސަލައެއް ހުށަހެޅި އެވެ. ސިނާން ވަނީ ހަމަ އެ ދުވަހު ދަރަނީގެ އޭރު ދައްކަން ހުރި ބައި އެއްކޮށް ދައްކާފަ އެވެ.
އެކަމަކު، ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ ނަމަ މެމްބަރުކަމުގެ ޝަރުތު އުނިވާތީ، މިދިޔަ އާދީއްތަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފަ އެވެ. 
ތަފްސީލް - ގެއްލުނު މެމްބަރުކަން އަނބުރާ ހޯދަން ވާދަކުރައްވާނެކަން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ހާމަކުރައްވަމުން ސިނާނު ވިދާޅުވީ އިންތިހާބު ކާމިޔާބުކުރުމަށް ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީއަށް ނިސްބަތްވާ ހުރިހާ މެންބަރުންގެ ފުރިހަމަ ތާއީދާއި އިހުލާސްތެރި އެއްބާރުލުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެނގުން މުހިންމު - މި ދާއިރާއަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އޮތީ 6 ޖޫންގަ އެވެ.
މި ބައި-އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓު ކަނޑައަޅަން އޮންނަ ޕްރައިމަރީއަށް ކުރިމަތިލާން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް މިހާރު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.
ނަމަވެސް ޕްރައިމަރީ ބާއްވާނީ ޕާޓީގެ އެތެރޭގައި އޮންނަ އިންތިހާބުތަކާ ގުޅޭ ޓެކްނިކަލް ކޮމިޓީން ކަނޑައަޅާ މިންގަނޑަށް ފެތޭ އެކަކަށް ވުރެ ގިނަ މީހުން ތިބި ނަމަ ކަމަށް ޕީއެންސީން ބުންޏެވެ.
ޕްރައިމަރީ ބާއްވަން ޖެހޭ ނަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ 25 އޭޕްރީލްގެ ހެނދުނު 8 އިން ހަވީރު 4 ޖެހުމާ ހަމަޔަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ