އިސްތިއުފާ ދެއްވި ބައެއް ވަޒީރުން އެހެން މިނިސްޓްރީތަކަށް؟!
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ކެބިނެޓުން މިއަދު އިސްތިއުފާ ދެއްވި ބައެއް ވަޒީރުން, އެހެން ބައެއް މިނިސްޓްރީތަކަށް އައްޔަން ކުރައްވަން އުޅޭކަމުގެ މައުލޫމާތު ލިބިއްޖެއެވެ. ދިވެހިރާއްޖޭގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 10 ވަޒީރަކު މިއަދު ކުއްލި ގޮތަކަށް މަގާމުން ވަނީ އިސްތިއުފާ ދެއްވައިފިއެވެ. މިއަދު އިސްތިއުފާ ދެއްވި ބޭފުޅުންގެ ތެރޭގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި، ދިފާޢީ ވަޒީރު ޣައްސާން މައުމޫނާއި، ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމްގެ އިތުރުން އެހެނިހެން މުހިންމު ވުޒާރާތަކުގެ ވަޒީރުން ހިމެނިވަޑައިގަންނަވައެވެ. https://www.sun.mv/220619 "ސަން" އަށް އެނގިފައިވާގޮތުގައި މިއަދު އިސްތިއުފާ ދެއްވި ބައެއް ވަޒީރުން ސަރުކާރުގެ އެހެން މިނިސްޓްރީތަކަށް އައްޔަން ކުރައްވަން އަންނަނީ މަޝްވަރާތައް ކުރައްވަމުންނެވެ. އެގޮތުން ޑިފެންސް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ޣައްސާން, ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދެއްވިއެވެ. އަދި ނިމިދިޔަ ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓްގައި ވާދަކޮށް ނާކާމިޔާބުވި ބައެއް ބޭފުޅުން ވެސް ވަޒީރުކަމުން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ބައެއް މަސްދަރުތަކުން މައުލޫމާތުދެއެވެ. ހަމަ އެހެންމެ އިސްތިއުފާ ދެއްވި ބައެއް އެހެން ބޭފުޅުން ވެސް ކުރިން ހުންނެވި މިނިސްޓްރީ ނޫން އެހެން މިނިސްޓްރީއަކަށް އައްޔަން ކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. މީގެ އިތުރުން، މިހާރު ވަކިވަކިން ހިންގަމުން އަންނަ ބައެއް ވުޒާރާތައް އެއްކޮށްލައިގެން ހިންގުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށްވެސް އިތުބާރު ހުރި މަސްދަރުތަކުން މައުލޫމާތު ލިބެއެވެ. މިއީ ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، މަސައްކަތްތައް އަވަސްކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށް ބެލެވެއެވެ. https://www.sun.mv/220608 ވަޒީރުންގެ މަޖިލީހަށް ގެންނަ މި ބަދަލުތަކުގެ އިތުރުން، ވަޒީރުކަން ނޫން އެހެން ބައެއް އިސް މަގާމުތައްވެސް މިއަދު އިސްތިއުފާ ދެއްވި ބައެއް ބޭފުޅުންނަށް ދަނީ ހުށަހަޅަމުންނެވެ. މީގެ ތެރޭގައި ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ އިސް މަގާމުތަކާއި، ރައީސް އޮފީހުގެ އިސް މަގާމުތައް ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ. މިހާރުވެސް ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ވަނީ މަގާމުން ވަކިކޮށް ނުވަތަ އިސްތިއުފާ ދެއްވާފައެވެ. އޭގެ ތެރޭގައި އެމްޕީއެލް، މިފްކޯ އަދި ފެނަކަ ފަދަ ކުންފުނިތަކުގެ އިސްވެރިން ހިމެނެއެވެ. މި ބަދަލުތަކާއެކު އާ ކެބިނެޓް އެކުލަވާލައި، ސަރުކާރުގެ މަސައްކަތްތައް އާ ހިތްވަރަކާއެކު ފެށުމަށް ތައްޔާރުވަމުންދާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މިކަމުގެ ތަފްސީލުތައް ރަސްމީކޮށް ހާމަކުރާނެކަމަށް ބެލެވެއެވެ. އަދި އަލަށް އައްޔަންކުރައްވާ ވަޒީރުންނަށް ރުހުން ހޯދުމަށް ވަރަށް އަވަހަށް، ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށް ބެލެވެއެވެ. މި ބޮޑު ބަދަލާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ، މި ބޭފުޅުން އިސްތިއުފާ ދެއްވާފައިވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށްޓަކައި ރައީސް މުޢިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ