ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގެންފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފް މައްސަލަ މިއަދު ބަލައިގެންފި އެވެ.ދަށު ކޯޓުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށް މައްސަލަ ނިންމީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.ދަށު ކޯޓާއި ހައިކޯޓުން ރައީސް ޔާމީނާ ދެކޮޅަށް މައްސަލަ ނިންމުމުން ހައިކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ މީގެ ދެ ހަފްތާއެއް ކުރިންނެވެ.މައްސަލަ ބަލައިގެންފައިވީ ނަމަވެސް އަޑުއެހުންތައް ފަށާނެ ވަކި ދުވަހެއް ސުޕްރީމް ކޯޓުން އަދި ހާމަކޮށްފައެއް ނުވެ އެވެ. ޔާމީންގެ މައްޗަށް ދައުލަތުން މަނީ ލޯންޑްރިންގެ ދައުވާކުރީ އެ މަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ ދައުރުކުރި އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހަދާ އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް އެ ފައިސާގެ އަސްލު އޮޅުވާލި ކަމަށް ވަނީ ސާބިތުވެފަ އެވެ.މި މައްސަލާގައި ޔާމީން ޖަލަށް ލައި ޖޫރިމަނާކުރަން ހުކުމްކުރީ ނޮވެމްބަރު 28، 2019 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ