ސުޕްރީމް ކޯޓުން އަމުރު ނެރެން އަދީބު އަށްޑިހަ މިލިއަން ހުށަހެޅިކަން ހާމަވެއްޖެ

1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނުވަ ގައިދީއަކު މިނިވަންކުރުމަށް އަމުރު ނެރުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު 80 މިލިއަން ރުފިޔާ ހުށަހެޅި ކަން ހާމަވެއްޖެއެވެ.އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ހިންގާ ތަހުގީގަށް އެކި ފަރާތްތަކުން ދީފައިވާ ސިއްރު ބަޔާންތައް ސޯޝަލް މީޑިއާގައި ދައުރުވަމުން ދާއިރު، ފުލުހުންގެ މެރިން ޕޮލިސްގައި މަސައްކަތްކުރާ ފުލުހަކު ދިން ބަޔާނެއްވެސް ވަނީ ލީކޮށްލާފައެވެ. ފުލުސް މީހާގެ ބަޔާނުގައި ބުނެފައިވަނީ އެކެއް ފެބްރުއަރީގެ އަމުރާ ގުޅިގެން ޑިޕާޓްމެންޓް އެލާޓަށް އައުމާއެކު އޭނާ ދޫނިދޫއަށް ދިޔަ ކަމަށެވެ. ފުލުހުންގެ ލޯންޗުތަކުގެ ފަޅުވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ އެ ފުލުސް މީހާ ބުނީ ސުޕްރީމް ކޯޓުގެ އަމުރުގެ ދަށުން ދޫކޮށްލަންް އަމުރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ފާރިސް މައުމޫނު ދޫކޮށްލުމަށް މާލެ ގެނައުމަށް ލޯންޗް ސްޓޭންޑްބައި ކުރި ކަމަށެވެ. އަދި ލޯންޗުގެ ކެޕްޓަނާއި އިތުރު ފަޅުވެރިއަކު އަދީބާއި ފާރިސް އަރިހު ލޯންޗަށް އެރި ކަމަށާއި، ލޯންޗަށް އެރުމަށްފަހު އަދީބު އިށީނދެ ވަޑައިގަތީ ކަނާތްފަރާތު މެދު ސީޓުގައި ކަމަށާއި، އަދި ފާރިސް އިށީނދެ ވަޑައިގަތީ ވާތްފަރާތު މެދު ސީޓުގައި ކަމަށެވެ. އެދެބޭފުޅުން ވެސް ތިއްބެވީ ލޯންޗްގެ އެއްހަމައެއްގައި ހުރި ސީޓްތަކެއްގައި ކަމުން ދެބޭފުޅުންނަށް އެކަކު އަނެކަކާ ރީތިކޮށް ވާހަކަ ދެއްކޭނެ ކަމަށް ފުލުސް މީހާގެ ބަޔާނުގައި ބުނެފައިވެއެވެ. ދެބޭފުޅުން ލޯންޗަށް އެރުވުމަށްފަހު ނުފުރާ ކުޑަވަގުތުކޮޅަކަށް މަޑުކުރަން އެންގުމުން ލޯންޗު މަޑުކޮށްގެން އޮތްކަމަށާއި އަދީބު އިށީނދެ އިންނެވި ސީޓުގެ ކުރިމައްޗަށްއިން ސީޓުގައި ސިއްރު ހެކީގެ ގޮތުގައި ބަޔާންދިން ފުލުސްމީހާ އިށީން ކަމަށް ބުނެ އޭނާ ވަނީ ބަޔާންދީފައެވެ. އަދި އޭރު ފާރިސް އާއި އަދީބު ވާހަކަ ދައްކަވަމުން ގެންދިޔަ ކަމަށާއި ދެބޭފުޅުންގެ ވާހަކަ އަޑު އިވުނު ކަމަށް ހެކި ދިން ފުލުސް މީހާ ބުނެފައިވެއެވެ. އެގޮތުން އަހުމަދު ފާރިސް މައުމޫނު ގާތު 80 މިލިއަން ހުށަހެޅި ކަމަށާއި، ވަރަށް ސިސްޓަމެޓިކް ގޮތަކަށް ރާވާލ ކަމަށާއި، އެހެންކަމުން އެންމެންތައް ދޫކޮށްލާން ޖެހޭނެ ކަމަށް އަދީބު ވިދާޅުވިކަމަށް ސިއްރު ހެކި ބުނެފައިވެއެވެ. ސިއްރު ހެކި ދިން ފުލުސް މީހާ ބުނެފައިވާގޮތުން އެވަގުތު އޭނާ އާ އަދީބާ ދެމެދު ފޫޓެއްގެ ދުރުމިން ހުންނާނެ ކަމަށާއި، އޭގެ ފަހުން ލޯންޗުގައި ތިއްބާ އަދީބާ ފާރިސް އަލުން ދޫނިދޫ އެރެސްޓް ސްޓޭޝަނާ ދިމާއަށް ގެންދިޔަތަން ފެނުނު ކަމަށް އެނާ ބުނެފައިވެއެވެ. ފުލުހަކު ތަހުގީގަށް ދިން ސިއްރު ބަޔާނެއް ލީކުވެފައިވާއިރު ބަޔާންތައް ލީކުވި މައްސަލަ ފުހުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ގައިދީންތަކެއް މިނިވަން ކުރުމަށް އަމުރު ނެރުނު މައްސަލައިގައި އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވަނީ ގިނަ ދައުވާތަކެއްކޮށްފައެވެ. އަދި އޭގެ ތެރޭގައި ދައުވާކުރި ދެމައްސަލައެއްގެ ހުކުމް އިއްވާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ