އުއްމީދުތައް ހާސިލު ކުރެވޭނީ އެއްބައިވަންތަކަމުގައި ދެމި ތިބެގެން - މައުމޫން

އުއްމީދުތައް ހާސިލު ކުރެވޭނީ އެއްބައިވަންތަކަމުގައި ތިބެގެން ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ކާނިވަލް ސަރަހައްދުގައި ޕީޕީއެމްގެ ފަރާތުން މިރޭ ކުރިއަށް ގެންދާ "އުއްމީދީ 16" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ސަރުކާރު ހިންގަމުން ގެންދަނީ ޕީޕީއެމް އަދި އެމްޑީއޭ ގުޅިގެން ކޯލިޝަން ސަރުކާރެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ސަރުކާރުގެ އުއްމީދުތައް ހާސިލު ކުރެވޭނީ ދެ ޕާޓީ އެއްބައިވަންތަކަމުގައި ދެމި ތިބިގެން ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ދެ ޕާޓީ ގުޅިގެން ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެސްދޭނެ ކަމުގެ ޔަގީންކަން ޕީޕީއެމްގެ ފަރާތުން ދެއްވާ ކަމަށެވެ.
މީގެ އިތުރުން ނިމިގެން ދިޔަ އަހަރަކީ ސަރުކާރަށް ވަރަށް ކާމިޔާބު އަހަރެއް ކަމަށާއި، މިއަހަރު ސިފަ ކުރެވެނީ އުއްމީދީ އަހަރެއްގެ ގޮތުގައި ކަމަށް މައުމޫން ވިދާޅުވިއެވެ. އަދި އުއްމީދަކީ ހަމައެކަނި އެކަން ކުރުމަށް ހިތު ނިޔަތް ގަތުމުން ހާސިލްވާ ކަންކަން ނޫން ކަމަށާއި މި އުއްމީދުތައް ހާސިލް ކުރުމަށް ކެނޑިނޭޅި ހިތްވަރާއެކު ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކާމިޔާބު ސިޔާސީ ޕާޓީތަކަކީ ރައްޔިތުންނަށް އުއްމީދު ގެނެސްދޭ ޕާޓީތައް ކަމަށެވެ. އެހެން ކަމުން ޕީޕީއެމް އަކީ އެފަދަ ޕާޓީއަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ރައީސް މައުމޫން ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އެންމެ ބޮޑު އެއް އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ޕީޕީއެމްގެ މެމްބަރުންގެ އަދަދު އެއްލައްކަ އަށް އެރުވުމެވެ. އަދި އެޕާޓީ އަކީ ކާމިޔާބު ޕާޓީއެއް ކަމަށް ހެދުމަކީ އެމަނިކުފާނުގެ އުއްމީދެއް ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ