އިންޓަރ ސްކޫލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ކާމިޔާބު ކަމާއެކު ނިންމާލައިފި

9 ވަނަ މައިލޯ އިންޓަރ ސްކޫލް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ރޭ ނިންމާލައިފިއެވެ.
މިފަހަރުގެ މުބާރާތުގައި ޖުމްލަ 9 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި އަތޮޅުތެރެއަށް ނިސްބަތްވާ ސްކޫލެއްވެސް ހިމެނެއެވެ. އެއީ ތ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. މިއަހަރުގެ މުބާރާތުގައި އަލަށް ވާދަކޮށް ތ. އަތޮޅު ތަޢުލީމީ މަރުކަޒުން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. މުބާރާތުގައި ތ. އަތޮޅު ތަޢުލީމީ މަރުކަޒު ވަނީ އެޓީމު ބައިވެރިވި ދެ އުމުރުފުރާއިންވެސް ޗެމްޕިއަންކަން ހޯދާފައެވެ. އެއީ 16 އަހަރުން ދަށާއި 18 އަހަރުން ދަށުގެ ފިރިހެން ބައިން،، މީގެ އިތުރުން އެ ސްކޫލުގެ ދަރިވަރުންވަނީ މި ދެ އުމުރުފުރާގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަންވެސް ހޯދާފައެވެ.
މީގެ އިތުރުން މި މުބާރާތުގައި 12 އަހަރުން ދަށާއި 14 އަހަރުން ދަށާއި 16 އަހަރުން ދަށާއި 18 އަހަރުން ދަށުގެ އުމުރުފުރާގައި އަންހެން އަދި ފިރިހެން ކުޅުންތެރިން ވާދަކުރިއެވެ. 12 އަހަރުން ދަށުގެ ފިރިހެން ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލެވެ. 16 އަހަރުން ދަށުގެ އަންހެން ޓީމު އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އަމީނިއްޔާ ސްކޫލެވެ.
ސިންގަލްސް އިވެންޓުތަކަށް ބަލާއިރު 18 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން އަމީނިއްޔާ ސްކޫލުގެ ލައިސާ ފަތުހުﷲ ހޯދިއިރު، 16 އަހަރުން ދަށާއި 14 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އިސްކަންދަރު ސްކޫލުގެ އައިޝަތު ރަފާ ނާޒިމެވެ. 12 އަހަރުން ދަށާއި 14 އަހަރުން ދަށުގެ ފިރިހެންބައިން ޗެމްޕިއަންކަން ހޯދީ ބިލަބޮންގެ އަޙްޔާ އަހުމަދު ޚާލިދެވެ. ސިންގަލްސް އިވެންޓުގެ 18 އަހަރުން ދަށުގެ ފިރިހެން ބައިގެ ޗެންޕިއަންކަން ހޯދީ އަނޫފް އަހުމަދެވެ. އަދި 12 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން ޗެންޕިއަންކަން ހޯދީ ބިލަބޮންގެ ޒަރާ ހަސަން ލަތީފެވެ.
ވީސްޕޯޓްސް އަށް މައުލޫމާތުދެއްވަމުން ޓޭބަލް ޓެނިސް އެސޯސިއޭޝަނުގެ ރައީސް އަލީ ރަޝީދު ވިދާޅުވީ ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ކުދިން ހޯދީ ވަރަށް ފުރިހަމަ ކާމިޔާބީއެއް ކަމަށެވެ. އެކި އުމުރުފުރާތަކުން އެކުދިން ޗެމްޕިއަންކަން ހޯދީ މާލޭގެ ވައިޑީޕީގެ ކުދިން ބަލިކުރުމަށްފަހު ކަމަށްވެސް އަލީ ރަޝީދު ވިދާޅުވިއެވެ.
މިފަހަރުގެ މުބާރާތް ކުރިއަށްދިޔައީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ