މެމްބަރު އިލްހާމް އަދިވެސް ނުފެނޭ: ފުލުހުން

ފުލުހުން ތަހްގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން މިދިޔަ ހުކުރު ދުވަހު، ހޯދަން އިއުލާންކޮށްފައިވާ، ދަނގެތީ ދާއިރާގެ މެމްބަރު އަހްމަދު އިލްހާމް އަހްމަދު އަދި ވެސް ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ވަނީ މިއަދު ދެވަނަ ފަހަރަށް އިލްހާމް ހޯދުމަށް އިއުލާންކޮށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވަނީ، އިލްހާމް ހޯދަމުން ދަނީ އެ އިދާރާގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އިލްހާމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9790048 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. މިދިޔަ ހުކުރު ދުވަހު ފުލުހުން ވަނީ އިލްހާމާ އެކު މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ވެސް ހޯދުމަށް އިއުލާންކޮށްފައެވެ. ފުލުހުން އިއުލާންކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ސިނާން ވަނީ ފުލުހުންގެ ހެޑް އޮފީހަށް ހާޒިރުވެވަޑައިގެންފައެވެ. އަދި ހާޒިރުވުމާއެކު ފުލުހުން ވަނީ ސިނާން ހައްޔަރުކޮށްގެން ދޫނިދުއަށް ގެންގޮސްފައެވެ. ގިނަ ދުވަސްތަކެއް ވަންދެން ބޭރުގައި އުޅުއްވުމަށްފަހު އިލްހާމާއި ސިނާން މާލެ ވަޑައިގަތީ މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެންނެވެ. ހުކުމަށްފަހު ޖެހިގެން އައި ހޮނިހިރު ދުވަހު އެ ދެ މެންބަރުން މާލެ ވަޑައިގަތުމާ އެކު އެއާޕޯޓުން ފުލުހުން ވަނީ ހައްޔަރުކޮށްގެން ދޫނިދުއަށް ގެންގޮސްފައެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އެ ދެ މެންބަރުން މިނިވަންކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ