ޔާމީންގެ ވަކީލު އާސިފްގެ ރާގާ ހެދި ގާޒީ ހައިލަމަށް ތުރާ!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވަކީލު އާދަމް އާސިފް ހުލާސާ ބަޔާން ހުށަހެޅުއްވި ރާގު ހުރި ގޮތުން ހީވަނީ "ހުތުބާއެއް ވިދާޅުވާހެން"ކަމަށް ވިދާޅުވެ، ވާހަކަދައްކަވާ ރާގު ބަދަލުކުރުމަށް ގާޒީ އަހްމަދު ހައިލަމް އެދިވަޑައިގެންފިއެވެ. މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގައި މިއަދު އޮތް އަޑުއެހުމުގައި އޮތީ ދެ ފަރާތުން ހުލާސާ ބަޔާން އިއްވުމެވެ. ދައުލަތުން ހުލާސާ ބަޔާން ހުށަހަޅައި ނިންމާލުމުން ދެން ހުލާސާ ބަޔާން ހުށަހެޅުއްވީ ރައީސް ޔާމީންގެ ގާނޫނީ ޓީމުންނެވެ. އެގޮތުން ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލީ ޝާހުއަށްފަހު، ބަޔާން ވިދާޅުވާން ފެއްޓެވީ އާސިފްއެވެ. ކްރިމިނަލް ކޯޓުގައި އެހެން އަޑުއެހުންތަކަށް ވެސް ދިފާއީ ވަކީލެއްގެ ގޮތުގައި ވަޑައިގަންނަވާ އާސިފްގެ ރާގު މިއަދު ހުރީ އެހެން ދުވަސްތަކާއި ހިލާފަށެވެ. ބަސްތައް ވިދާޅުވުމުގައި ބަނޑިބަނޑިލެއްވުމާއި އަދަޔާ ހިލާފަށް ދަމާލުން ފަދަ ކަންކަން ވަނީ ފާހަގަވެފައެވެ. ގާތް ގަޑަކަށް 30 ވަރަކަށް މިނިޓު ވަންދެން އެ ރާގުގައި ހުލާސާ ބަޔާން ހުށަހެޅުމުގައި ހޭދެ ގާޒީ ހައިލަމް އެކަން ހުއްޓުވައިލެއްވިއެވެ. އަދި އެކަން ބަދަލުކުރުމަށް ނަސޭހަތްތެރިވިއެވެ. ހައިލަމް: ވަކީލު، ތަންކޮޅެއް ރަނގަޅަށް ހަމަ ބަޔާން ވިދާޅުވެދެއްވާ. ވަކީލަކީ އަލަށް ވަޑައިގަންނަވާ ބޭފުޅެއް ނޫނެއް ނޫން ތޯ. ހުތުބާއެއް ވިދާޅުވަނީ އެއް ނޫނެއް ނޫންތޯ. ވަކީލު އަލީ ޝާހުވެސް އަދި ދައުލަތުގެ ވަކީލުންވެސް ބަޔާން އެ ހުށަހެޅުއްވީ. ވަކީލަކީ އަލަށް ކްރިމިނަލް ކޯޓަށް ވަޑައިގަންނަވާ ބޭފުޅެއް ނޫން. އާސިފް: ވަރަށް ބޮޑަށް މާފުކުރައްވާތި އަޅުގަނޑުގެ އަޑު ތަންކޮޅެއް އެ ހުންނަ ގޮތް... ހައިލަމް: އަޑެއް ނޫން އެއަކީ. ވަކީލަކީ އަލަކަށް މި ކޯޓަށް ވަޑައިގެންނެވި ބޭފުޅެއް ނޫން. ހުލާސާ ބަޔާން ވެސް އަލަކަށް ނޫން ވަކީލު ތި ހުށަހަޅުއްވަނީކީ އެއް، އާސިފް: އަޑު ތަންކޮޅެއް ދައްކުރާނަން އެނގޭތޯ، ހައިލަމް: އަޑެއްގެ ވާހަކައެއް ނޫން ޝަރީއަތުން މި ދެންނެވީކީއެއް. ރާގުވެސް ތި ގެންގުޅުއްވާ ގޮތުން ހުތުބާއެއް ވިދާޅުވަނީހެންވެސް އެބަ ހީވެ. ޑްރާމާއެއް ކުޅުއްވަނީހެންވެސް ހީވެ، އާސިފް: އާދެ ވަރަށް ބޮޑަށް މާފު ކުރައްވާތި އިއްޒަތްތެރި ފަނޑިޔާރު..، ގާޒީ ހައިލަމްގެ އެ ވާހަކަތަކަށް ފަހު އާސިފްގެ ރާގު ވަނީ ކުރިއެކޭ ވެސް އެއްގޮތަށް އޭނާގެ ނޯމަލް "ޓޯނަށް" ވެއްޓިފައެވެ. އަދި މާ ގިނަ އިރުތަކެއް ނުވެ އޭނާ ހުލާސާ ބަޔާން ހުށަހެޅުން ނިންމަވާލެއްވުމަށްފަހު ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަލީ ޝާހުއާ ހަވާލުކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ