ޕީޕީއެމް ހިންގުމުގެ ބާރު އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރެއްވީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕީޕީއެމް އާއި ދެކޮޅަށް ސިވިލް ކޯޓަށް ހުށައެޅުއްވި މައްސަލަ ބޭރުކޮށްލައިފިއެވެ.
މިމަހުގެ އަށްވަނަ ދުވަހު ރައީސް މައުމޫން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ވަނީ ސިވިލް ކޯޓުގެ ހުކުމާއެކު، ޕީޕީއެމް ހިންގުމުގެ ހުރިހާ ބާރެއް ޕާޓީގެ މުސްތަޝާރު ރައީސް ޔާމީނާ ހަވާލުކުރަން ޕާޓީގެ ކައުންސިލުން ނިންމާފައިވަނީ ގާނޫނުއަސާސީއާއި، ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނާއި، ޕީޕީއެމްގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށެވެ. އެހެންކަމުން އެއީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށް ރައިސް މައުމޫން ވަނީ އެދިވަޑައިގެންފައެވެ.
ސިވިލް ކޯޓުން މި މައްސަލައިގައި މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ، ރައީސް މައުމޫން ހުށަހެޅުއްވި މައްސަލައިގައި ހިމެނޭ ކަންކަމަކީ ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށް ކުރިން ކުރި ހުކުމުގައި ގޮތެއް ކަނޑައަޅާފައިވާ ކަންތައްތަކެއް ކަމަށެވެ.
މީގެކުރިން ކުރި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ތާއީދު ކޮށްފައިވާތީ، އެ މައްސަލަ އަލުން ބެލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ހުކުމުގައި ބުނެފައިވެއެވެ.
ޕީޕީއެމްގައި ރައީސަކު ހުންނެވި ނަަމަވެސް އެޕާޓީއަށް މިހާރު ކުރިމަތިވެފައިވަނީ ރައީސަކު ނެތް ފަަދަ ހާލަތެއް ކަމަށް ކަނޑައެޅުމަށްފަހު, ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރަން ސިވިލް ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ 16 ވަަނަ ދުވަހުއެވެ.
ރައީސް މައުމޫން ސިވިލް ކޯޓަށް ހުށައެޅުއްވި މައްސަލަ ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ