ރައީސް މައުމޫން މެލޭޝިޔާގެ އިސްލާމިކް ޔުނިވާސިޓީއަށް ޒިޔާރަތްކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މެލޭޝިޔާގެ އިސްލާމިކް ޔުނިވާސިޓީއަށް ޒިޔާރަތްކުރައްވައިފި އެވެ.
ރައީސް މައުމޫން މެލޭޝިޔާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ ދައުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.
މެލޭޝިޔާގެ އިސްލާމިކް ޔުނިވާސިޓީއަށް މައުމޫން ޒިޔާރަތްކުރެއްވުމުން އެމަނިކުފާނަށް ޔުނިވާސިޓީގެ ފަރާތުން އިސްތިގްބާލު ކުރެއްވީ ފަސް ޕްރޮފެސަރުންގެ މައްޗަށް އެކުލެވޭ ވަފްދަކުންނެވެ. އެ ވަފްދުގެ އިސްބޭފުޅެއްގެ ގޮތުގައި ހުންނެވީ އެ ޔުނިވާސިޓީގެ ޑެޕިއުޓީ ރެކްޓަރ ޕްރޮފެސަރ ޑޮކްޓަރ އަބްދުލްއަޒީޒް ބަރްޣޫތު އެވެ. ޑެޕިއުޓީ ރެކްޓާގެ އޮފީހުގައި އޮތް ބައްދަލުކުރެއްވުން ފެށްޓެވުމުގެ ކުރިން ރައީސް މައުމޫން، ޑެޕިއުޓީ ރެކްޓާއަށް ވެދުމެއް އެރުއްވިއެވެ. އަދި ޔުނިވާސިޓީގެ ރަމްޒެއް ކަމަށްވާ ގަޑިއެއް ޑެޕިއުޓީ ރެކްޓަރ، ރައީސް މައުމޫނަށް ވެދުން ކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޑެޕިއުޓީ ރެކްޓަރ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަކީ މެލޭޝިޔާގެ އިސްލާމިކް ޔުނިވާސިޓީ އުފެއްދި މުއައްސިސުންގެ ގޮތުގައި ތިބި ހަތް އިސްލާމީ ގައުމުގެ ތެރޭގައި ހިމެނޭ ގައުމަކަށްވެފައި އެވަގުތު ރާއްޖޭގެ ރައީސަކަށް ހުންނެވީ ރައީސް މައުމޫން ކަމަށްވާތީ އެ ޔުނިވާސިޓީ އުފެއްދުމުގަ އާއި އޭގެފަހުން ޔުނިވާސިޓީ ކުރިއަށްދާ ދިއުމުގައި ރާއްޖޭގެ ފަރާތުން ދެއްވާ އެއްބާރުލެއްވުމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ. އަދި ފެށުނީއްސުރެ ޔުނިވާސިޓީގެ ބޯޑުގައި ރާއްޖޭގެ ފަރާތުން މެލޭޝިއާއަށް ހުންނަވާ ސަފީރު ހިމެނިވަޑައިގަންނަވާތީ އެކަން ފާހަގަ ކުރައްވާ ޝުކުރު އަދާކުރެއްވިއެވެ.
އަދި މި ޔުނިވާސިޓީއިން ތައުލީމު ހާސިލު ކުރެއްވި ބޭފުޅުން ރާއްޖޭގެ މަތީ މަގާމުތަކުގައި ހިދުމަތް ކުރައްވާކަންވެސް ޑެޕިއުޓީ ރެކްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް ރާއްޖޭގެ ގިނަ ދަރިވަރުންތަކެއް ޔުނިވާސިޓީން ތައުލީމު ހާސިލު ކުރަމުން ގެންދާކަމުގައިވެސް ވިދާޅުވިއެވެ.
ރައީސް މައުމޫންގެ ވާހަކަފުޅުގައި، އެމަނިކުފާނަށް ޔުނިވާސިޓީއިން ވިދާޅުވި މަރްހަބާއަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖޭގެ ވަރަށް ގިނަ ދަރިވަރުން މި ޔުނިވާސިޓީން ތައުލީމު ހާސިލުކުރަމުންދާތީ އެކަމާ އުފާފުޅު ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މައުމޫން ފައުންޑޭޝަން އުފެއްދެވި މަގްސަދާއި ފައުންޑޭޝަނުން ކުރައްވަމުންގެންދަވާ ކަންތައްތަކުގެ ވާހަކަ ވިދާޅުވެދެއްވިއެވެ. އަދި ދިވެހި ދަރިވަރުންނަށް މި ޔުނިވާސިޓީގައި ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ފައުންޑޭޝަންގެ ތެރެއިން ލިބޭގޮތްވުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމެއް ކަމުގައިވެސް ވިދާޅުވިއެވެ. އަދި ފައުންޑޭޝަނާބެހޭ ލުއިފޮތެއް ޕްރޮފެސަރ ބަރްޣޫތަށް ދެއްވިއެވެ.
މައުމޫން ފައުންޑޭޝަންގެ ޗެއާމަންގެ މިހުށަހެޅުއްވުމަށް ޔުނިވާސިޓީގެ ފަރާތުން މަރުހަބާ ވިދާޅުވިއެވެ. އަދި މިކަން ހަމަޖެހޭ ރަނގަޅު އުސޫލުތަކެއްގެ މަތިން ކުރިއަށް ގެންދިއުމަށްޓަކައި އެމްއޯޔޫ އެއްގައި ދެފަރާތުން ސޮއިކުރުން ރަނގަޅުވާނެ ކަމުގައިވެސް ޔުނިވާސިޓީގެ ފަރާތުން ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމަށްފަހު ޔުނިވާސިޓީގެ މުހިންމު ބައެއް ތަންތަން ރައީސް މައުމޫން ބައްލަވައިލެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ