އިގްތިސާދު ހުއްޓުވާލައިގެން ލިބޭ ގެއްލުން މާބޮޑު ކަމަށާއި ކޮރޯނާ ވައިރަސްއާ އެކު ދިރިއުޅެން ދަސްކުރަން ޖެހޭ ކަަމަށް ވިދާޅުވެ، އެ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރަން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާތީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
އުމަރު އޭނާގެ ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ލިބުނަސް އަމިއްލަ ދާއިރާތަކުގައި މަސައްކަތް ކުރާ 120،000 އަށް ވުރެ ގިނަ މީހުން ތިބީ މުސާރައެއް ނުލިބި ކަމަށެވެ. ބިދޭސީންގެ ގިނަ ބަޔަކު ކާބޯތަކެތި ނުލިބިގެން ސަލާން ޖަަހަމުންދާ ކަމަށް "މިހާރު"ގައި މިއަދު ލިއުނު ޚަބަރުގެ ސްކްރީން ޝޮޓެއް ހިއްސާ ކުރައްވަމުން އޭނާ ވިދާޅުވީ "އެތައް ދިވެހިންނެއް ވެސް ތިބީ ބަނޑުހައި ހޫނުކަމުގައި" ކަމަށެވެ.
"ލޮކްޑައުން އަކީ ހައްލެއް ނޫން. އިގްތިސާދު ހުއްޓުވާލައިގެން ތިބުމުގެ ގެއްލުން މާބޮޑު. ކޮރޯނާ ވައިރަސްއާ އެކު ދިރިއުޅެން ދަސްކުރުން ނޫން ގޮތެއް ނެތް،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި، އެހެން ގައުމުތަކުގައި ވެސް ދަނީ ލޮކްޑައުންގެ ހާލަތު ދޫކޮށްލަމުންނެވެ. އޭގެ ބަދަލުގައި އެ ގައުމުތަކުން ދަނީ "ހާޑް އިމިއުނިޓީ" އާ ދިމާއަށް ކަމަށް އުމަރު ވިދާޅުވި އެވެ.
"ލޮކްޑައުންގެ ވިސްނުން މުރާޖައާ ކުރަންޖެހޭ. ލޮކްޑައުން އަކީ ވައިރަސް އަށް ވުރެ ބޮޑު ގެއްލުމެއް ދޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވެސް ކުރިން ވިދާޅުވީ ލޮކްޑައުންގައި އަބަދު ނުތިބެވޭނެ ކަމަށާއި ކޮންމެވެސް ވަގުތަކުން އެ ފިޔަވަޅު ދޫކޮށްލަން ޖެހޭނެ ކަމަށެވެ. އެހާ ހިސާބަށް ނަފްސާނީ ގޮތުން މީހުން ތައްޔާރުވާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަގީގަތުގައި ވެސް ކޯވިޑް އޮތް ތަނެއްގައި ދިރިއުޅޭ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި އަށް ބައިވަރު ބަދަލުތަކެއް ގެންނަން ޖެހޭނެ،" ޑރ. އަފްޒަލް ކުރިން ވިދާޅުވެފައި ވެ އެވެ.
އުމަރުގެ ފޭސްބުކް ޕޯސްޓް
އުމަރުގެ ފޭސްބުކް ޕޯސްޓްއެ ބަލި މުޖުތަމައުގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ފެތުރިފައިވާ ހާލަތުގައި ދިރިއުޅުމުގެ ވައްޓަފާޅި އަށް ގެންނަންޖެހޭ ބަދަލުތަކުގެ ތެރެއިން ފުރަތަމަ ކަމަކީ ޑރ. އަފްޒަލް ވިދާޅުވި ގޮތުގައި މީހުންނާ ބައްދަލުކުރުން މަދުކުރުމެވެ. އެގޮތުން، ކޮންމެހެން ބައްދަލުކުރަން ޖެހޭ ބަޔަކާ ނޫނީ ބައްދަލު ނުކުރުމަކީ ދިރިއުޅުމުގެ އާދަކާދައަކަށް ހަދަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ދެވަނަ ކަމަކީ ކޮވިޑްގެ އަލާމާތެއް ފެނޭތޯ ބަލައި އެ ކަމަށް ހުށިޔާރު ވެގެން އުޅުމެވެ. އެފަދަ ކަމެއް ފާހަގަ ވެއްޖެ ނަމަ ކަމާ ބެހޭ ފަރާތްތަކަށް ވީހާ ވެސް އަވަހަކަށް އެންގުމަކީ އެގޮތުން ކުރަން ޖެހޭނެ ކަމެކެވެ. ބަލި ޖެހޭ މީހުން، އެ މީހުން ދިރިއުޅޭ ތަންތަނުގައި ކަރަންޓީނު ކުރަން ޖެހުމަކީ ވެސް ބަލި ފެތުރޭ މަރުހަލާގައި އަންނާނެ ކަމެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.
"ހުރިހާ އެންމެން، ރާއްޖޭގެ އާބާދީގެ ބޮޑުބައެއް، ކަރަންޓީނު ފެސިލިޓީއަކަށް އެކޮމޮޑޭޓެއް ނުވެސް ކުރެވޭނެ،" އޭނާ ވިދާޅުވެފައި ވެ އެވެ.
އިގްތިސާދު ހުއްޓުވާލައިގެން ލިބޭ ގެއްލުން މާބޮޑު: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ