ރައްޔިތުން ލޭ ކެކޭ މިންވަރު ބެލުމަށް ކަންތައްތައް ނުކުރުމަށް ޑީއާރުޕީން ގޮވާލައިފި

ރައްޔިތުން ލޭ ކެކޭ މިންވަރު ބެލުމަށް ކަންތައްތައް ނުކުރުމަށް ޑީއާރުޕީން ސަރުކާރަށް މިއަދު ގޮވާލައިފި އެވެ. ހދ. ކުޅުދުއްފުށީގައި މިއަދު އެ ރަށު ރައްޔިތުން ކުރި މުޒާހަރާއާ ގުޅިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ޑީއާރުޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ކެލާ ދާއިރާގެ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ އެ ރަށުގެ ރައްޔިތުން މުޒާހަރާކުރަން ޖެހުނީ ސަރުކާރުން ރައްޔިތުންގެ އަޑުނާހައި ރައްޔިތުންގެ ހައްގުތަކަށް ނާޖާއިޒު ގޮތެއްގައި ބާރު ފޯރުވުމުގެ ސަބަބުން ކަމަށެވެ. "ރަށްރަށުގައި ތަފާތު ކަންތައްތަކާ ގުޅިގެން ލޭކެކިގެން އެކިއެކި ކަންތައްތައް އެބަ ކުރޭ. ކުޅުދުއްފުށީގައި މިއަދު ވެސް ރައްޔިތުން މުޒާހަރާއެއްކުރި. އޭގެ ކުރިން ވެސް ވަނީ ހޮސްޕިޓަލް ކަންތައްތަކުގައި މުޒާހަރާކޮށްފައި،" އޭނާ ވިދާޅުވި އެވެ. ޑރ. މައުސޫމް ވިދާޅުވީ އެރަށުގެ ބިން ވިއްކުމުގެ ކަންތައް ކުޅުދުއްފުށީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން މެދުވެރިކޮށް ސަރުކާރުން ކުރަމުންގެންދަނީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގެ މަފްހޫމާ ހިލާފަށް ކަމަށެވެ. "ކައުންސިލްތަކަށް ލިބުނު ބާރު ނަހަމަ ގޮތުގައި ހިފައި ކައުންސިލާއި ރައްޔިތުންނާ ޖެހޭ ގޮތަށް މައި ސަރުކާރުން ކަންތައްތައް އެބަ ކުރޭ. ކޮންމެ ރަށެއްގައި ވެސް މިއޮންނަނީ ކުޑަކުޑަ ކޮމިއުނިޓީއެއް. ދެން މިހެން ދިމާވާ ކަންތައްތަކުގައި މީހުންނަށް އަނިޔާވެ ގޮތްގޮތްވީމަ ރަށުތެރޭގައި ފިތުނަ ފަސާދަ އުފެދިގެން މިދަނީ،" އޭނާ ވިދާޅުވި އެވެ. ޑރ. މައުސޫމް ވިދާޅުވި ގޮތުގައި ކުޅުދުއްފުށިން ހިއްކި ބިމުން ބިން ވިއްކަން ނިންމުމާ ގުޅިގެން އެކަމާ ރައްޔިތުން ހިތްހަމަނުޖެހިގެން ކުރި މުޒާހަރާގައި އެތައް ބަޔަކަށް އަނިޔާވި އެވެ. އަދި ލާމަރުކަޒީ ގާނޫނު ގައިވާ ގޮތުގެ މަތިން ރައްޔިތުންނާ މަޝްވަރާކޮށްގެން ކަންތައް ކުރުމަށް އޭނާ ވަނީ ސަރުކާރަށް ގޮވާލައްވައިފަ އެވެ. "އަޅުގަނޑުމެން ސަރުކާރަށް ގޮވާލަނީ ރައްޔިތުންނާ މަޝްވަރާނުކޮށް ރައްޔިތުން ލޭކެކޭ މިންވަރު ބެލުމަށް އަޖުމަނުބައްލަވާށޭ،" ޑރ. މައުސޫމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ