އެއަރޕޯޓުން 7 މިނެޓުން ދެވޭ "ޑުސިޓް ޑީ2 ފޭދޫ މޯލްޑިވްސް" މި މަހު ހުޅުވަނީ

ތައިލެންޑްގެ މަޝްހޫރު ހޮޓެލް ޗެއިން ޑުސިޓް ހޮޓެލްސް އެންޑް ރިސޯޓްސްއިން އެ ކުންފުނީގެ ފުރަތަމަ އޯލް-އިންކްލޫސިވް ލައިފްސްޓައިލް ރިސޯޓް، ޑުސިޓްޑީ2 ފޭދޫ މޯލްޑިވްސް ހުޅުވުމަށް ތައްޔާރުވަމުން އެބަދެއެވެ.
އޭޝިއާގެ އެންމެ ވަރުގަދަ އެއް ހޮޓެލްޗެއިން، ތައިލެންޑްގެ ދުސިތު އިންޓަނޭޝަނަލް އިން ރާއްޖޭގައި ހުޅުވާ ޑުސިޓް ބްރޭންޑްގެ ދެވަނަ ޕްރޮޕަޓީއެވެ. މީގެ 13 އަހަރު ކުރިން ބ. މުއްދޫގައި ހުޅުވި ފަސްތަރީގެ ރިސޯޓަކީ އެ ކުންފުނީގެ ފުރަތަމަ ރިސޯޓެވެ.
މިމަހުގެ 27 ގައި ސޮފްޓް އޯޕަނިންގ ބޭއްވުމަށް ހަމަޖެހިފައިވާ މި ރިސޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ސްޕީޑް ބޯޓުން އެންމެ 7 މިނެޓުގެ ދުރުމިނުގައި އޮންނަ ގުދުރަތީ ރީތިކަން ފުރިހަމައަށް ލިބިފައިވާ ރަށެއްގައި ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ.
ޑުސިޓް އިންޓަނޭޝަނަލްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޖިލްސް ކްރެޓަލާޒް ވިދާޅުވި ގޮތުގައި މި ރިސޯޓަކީ ޒުވާނުންނާއި ޒުވާން ވިސްނުން ގެންގުޅޭ ފަތުރުވެރިންނަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ، ތައިލެންޑްގެ މެހެމާންދާރީ އެކުލެވޭ ރިސޯޓެކެވެ.
މި ރިސޯޓުގައި ހުންނާނީ 7 ކެޓަގަރީއެއްގެ 127 ވިލާއެވެ. މި ވިލާތަކުގެ ބޮޑުމިނަކީ 77 އިން 306 އަކަފޫޓެވެ. ކޮންމެ ވިލާއެއްވެސް ވަނީ ޒަމާނީ ފަސޭހަތަކާއެކު ފަރުމާކުރެވިފައެވެ. ގިނަ ވިލާތަކުގައި އަމިއްލަ ޕޫލް ހުރެއެވެ.
މީގެ އިތުރުން ރިސޯޓުގައި 5 ރެސްޓޯރަންޓާއި، ނަމް ސްޕާ، އަދި 240 މެހެމާނުންނަށް ޖާގަދެވޭ ކޮންފަރެންސް ފެސިލިޓީއެއް ހުންނާނެއެވެ.
އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރުގެ ގޮތުގައި ހަމަޖައްސާފައިވަނީ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ޔޯގެސްވަރަން ވީރަސާމީއެވެ. ރިސޯޓު ރަސްމީކޮށް ހުޅުވުން އޮންނާނީ މި އަހަރުގެ ފަހުކޮޅުގަ އެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ