ބާރަށު ކައުންސިލްގެ އެކައުންޓް ފްރީޒް ކުރަން ކޯޓުން އަމުރުކޮށްފި

ހއ.ބާރަށު ރަށުކައުންސިލް އިދާރާގެ ބޭންކް އެކައުންޓް ފްރީޒް ކުރުމަށް ބޭންކް އޮފް މޯލްޑިވްސްގެ މައްޗަށް ބާރަށު މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.
އިއްޔެ ބާރަށު މެޖިސްޓްރޭޓް ކޯޓުން ބޭންކް އޮފް މޯލްޑިވްސްއަށް އަމުރުކޮށްފައިވަނީ އެރަށު ކައުންސިލް އިދާރާގެ އެކައުންޓް ބަލައި ޗެކްކޮށް އެކައުންޓް ނަމްބަރާއި އެކައުންޓްގައި ހުރި ފައިސާގެ ތަފްސީލް ފޮނުވުމަށެވެ.
ބާރަށު ކައުންސިލް އިދާރާގެ ރައީސް ވިދާޅުވީ ރަށުކޯޓުން އެފަދަ އަމުރެއް ނެރެފައިވަނީ އެރަށު ރެހެންދި މޫވްމަންޓް ޖަމްއިއްޔާއަށް އެރަށު ކައުންސިލުން ދޭންޖެހޭ ފައިސާ ނުދީވާތީކަމަށެވެ. މީގެ ކުރިން ބާރަށު ކޯޓުން ވަނީ އެފައިސާ ދިނުމަށް ރަށު ކައުންސިލަށް ހުކުމްކޮށްފައެވެ. އަދި އެ ހުކުމާއެއްގޮތަށް ބާރަށު ކައުންސިލުން އެށަރު ރެހެންދި މޫވްމަންޓްއަށް ދައްކާފައި ނުވާތީ ހުކުމް ތަންފީޒް ކުރުމަށް އެޖަމްއިއްޔާއިން ހިށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.
"ކައުންސިލްގަ ނެތްފައިސާއެއް ކިހިނެތްތޯ ދޭނީ، އެކައުންޓް ފްރީޒް ކޮށްފިއްޔާ ކައުންސިލް ހިންގަން ދަތިތަކެއް ދިމާވާނެ،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ބާރަށު ކޯޓުން މިދިއަ ޑިސެމްބަރު ހަތް ވަނަ ދުވަހު ކައުންސިލްގެ މައްޗަށް ކުރި ހުކުމުގައިވަނީ 2005 ވަނަ އަހަރާއި 2006 ވަނަ އަހަރު ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން އެރަށުގައި ކަރަންޓްގެ ހިދްމަތް ދިން ދެ ކުންފުނީގެ ތެރޭގައި ރެހެންދި މޫވްމަންޓް ހިމެނޭކަމަށާއި އަދި ކަރަންޓްގެ ހިދަމަތް ދިން ދެކުންޏަށް ސަބްސިޑީގެ ގޮތުގައި ސަރުކާރުން ދިން ފައިސާގެ ތެރެއިން ރެހެންދި މޫވްމަންޓަށް ލިބިފައިވާ 107,499ރ ގެ އިތުރަށް ކައުންސިލުން އެޖަމްއިއްޔާއަށް ދޭންޖެހޭ 161,191ރ ވިހި ދުވަހުގެ ތެރޭގައި ދިނުމަށް ކައުންސިލްގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ