އެމްޑީޕީއާ މަޖިލީހުން ބުނަނީ ގަރާރު ފާސްވީ ކަމަށް، އެހެން މެންބަރުން ބުނަނީ ފާސް ނުވާ ކަމަށް!

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ގޮތަށް މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ގޮވާލާ އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ގަރާރު ފާސްކޮށްފި ކަމަށް އެމްޑީޕީގެ މެންބަރުން ނާއި މަޖިލީހުގެ އިދާރާއިން ބުނެފި އެވެ.
މި ގަރާރުގައި ބުނެފައިވަނީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީހަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓްލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ދައުލަތުގެ ކަމާއި ގުޅުންހުރި މުއައްސަސާތަކުން ކުރަންޖެހޭ ކަންކަން ކުރަމުން ގެންދިއުމަށާއި އެ ތާރީހުގައި އިންތިހާބު ބޭއްވުމަށް ގޮވާލާ ކަމަށެވެ.
މަޖިލީހުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ނައިބް ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު އެވެ. އެމްޑީޕީގެ މައްޗަށް ގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހްމަދު ދީދީ ތާއީދުކުރި މިގަރާރު މަޖިލީހުން ފާސްކުރި ނަމަވެސް މެންބަރުން ވޯޓްދިން ގޮތުގެ ތަފްސީލް އަދި ލިބިފައެއް ނުވެ އެވެ. އެމްޑީޕީ ގަރާރަށް ވޯޓަށް އެހިއިރު މަޖިލީހުން މީޑިއާތަކަށް ފޮނުވަމުންދިޔަ ލައިވް ފީޑް ވަނީ ކަނޑާލާފަ އެވެ.
ނަމަވެސް މަޖިލީހުގައި ތަޅުމުގައި ތިއްބެވި ބައެއް މެންބަރުން ޓްވީޓް ކުރައްވާފައިވާ ފޮޓޯ ތަކުން ފެންނަގޮތުންނަމަ މަޖިލީހުގެ ރައީސް އެމްޑީޕީގެ ގަރާރަށް ވޯޓަށް އެއްސެވީ މަޖިލީހުގެ ޗެމްބަރުގެ ތެރޭގައި މެންބަރުންގެ ކުރިމަތީގައި ކޮޅަށް ހުންނަވައިގެންނެވެ. މަޖިލީހުގެ ރައީސް ޗެމްބަރުގައި ކޮޅަށް ހުންނެވިއިރު ބައެއް މެންބަރުން ތިއްބެވީ މަޖިލީހުގެ ރިޔާސަތުގެ ގޮނޑި ބެހެއްޓިފައި ހުންނަ ތަނުގައި ގޮނޑި އަތުރައިގެން އިށީދެވަޑައިގެންނެވެ. އަދި އެވަގުތު މަޖިލީހުގެ އިދާރީ މޭޒުގައިވެސް ތިއްބެވީ މަޖިލީހުގެ މެންބަރުންނެވެ.
ގަރާރު ފާސް ކުރި ނަމަވެސް މަޖިލީހުގައި ހިމެނި ވަޑައިގަންނަވާ އެހެން މެންބަރުން ވިދާޅުވެފައި ވަނީ އެއީ ގަވައިދާ ހިލާފަށް ނަގާފައިވާ ވޯޓެއް ކަމަށާއި އެ ގަރާރު ފާސް ނުވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ އިދާރާއިން މިއަދު ބުނީ އަލީ ވަހީދު ހުށަހަޅުއްވައި މެންބަރު މާރިޔާ އަޙްމަދު ދީދީ ތާއީދުކުރެއްވި ހުށަހެޅުން ފާސްވެފައިވާ ކަމަށާއި ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 37 މެންބަރުންގެ އިއްތިފާގުން ކަމަށެވެ.
އެމްޑީޕީން ހުށަހެޅި ގަރާރު ފާސްވެފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ބުނާއިރު، މަޖިލީހުގެ ގަވައިދުގެ 164 ވަނަ މާއްދާގައި ބުނެފައިވަނީ މަޖިލީހުގައި ވޯޓް ނަގާނީ އިލެކްޓްރޯނިކް މެޝިން ބޭނުންކޮށްގެންނެވެ. ވޯޓްލާނީ ފެންނަ ކަމަށް ނުވަތަ ނުފެންނަ ކަމަށެވެ. ނުވަތަ ވަކިކޮޅަކަށް ވޯޓް ދޭން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް މަޖިލީހުގައި މިއަދު ވޯޓަށް އަހާފައިވަނީ މަޖިލީހުގެ ގަވައިދުގައި ބުނެފައިވާ ގޮތަކަށް ނޫނެވެ.
އެމްޑީޕީގެ ހުށަހެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ރ) ގެ ދަށުން، މަޖިލީހުގެ 29 މެންބަރުން ސޮއި ކުރައްވައި، 7 ސެޕްޓެމްބަރ 2013 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއިން މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ބޮޑު ފަރަގަކުން ދެވަނަ ބުރަށް ހޮވުމާގޮޅިގެން، ވާދަވެރި ސިޔާސީ ފަރާތްތަކުން ދުސްތޫރީ ހަމަތަކާއި، އުސޫލުތައް މުގުރާލައި، ޑިމޮކްރަސީއާއި ދުރަށް މިސްރާބު ޖަހާފައިވާކަމަށް ފެންނާތީވެ، ޤާނޫނުއަސާސީ މެދުވެރިކޮށް ދައުލަތުގެ އެންމެހާ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަކީ ޤާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައިވާ ޒިންމާއެއްކަމަށްވާތީވެ، މަޖިލީހުގެ ޖަލްސާއެއް ބާއްވައިދެއްވުން އެދި ހުށަހަޅުއްވާފައިވާ މައްސަލައިގެ ބަހުސްގެ މަރުޙަލާގައި ހުށަހަޅުއްވާފައިވާ ހުށަހެޅުއްވުމެކެވެ.
މި ހުށަހެޅުމުގައި ބަޔާންކޮށްފައިވަނީ “28 ސެޕްޓެމްބަރ 2013 ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ކުރިއަށް ގެންދިޔުމަށް އެއްވެސް ހުރަހެއް އެއްވެސް ފަރާތަކުން ކުރިމަތިނުކުރުވުމަށާއި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚް އެއްވެސް ސަބަބަކާހުރެ ލަސް ނުކުރުމަށާއި، އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ކުރާންޖެހޭ އެންމެހައި މަސައްކަތްތައް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ކުރިއަށް ގެންދިޔުމަށާއި، އިންތިޚާބު އެތާރީޚުގައި ބޭއްވުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރުންނާއި، ސަލާމަތީ ޚިދުމަތްތަކުންނާއި، ދައުލަތުގެ އެންމެހައި މުއައްސަސާތަކުން އިލެކްޝަންސް ކޮމިޝަންއަށް ފޯރުކޮށްދިނުމަށާއި، ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ އެންމެހައި ކަންކަން ކުރިއަށްދާއިރު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީ (241) އިން ސަލާމަތީ ހިދުމަތްތަކުން ކަންކަން ކުރާގޮތް ބަލަމުން ގެންދިޔުމަށާއި، އެފަދަ ހާލަތެއް ނެތްނަމަވެސް މަސައްކަތް ކުރިއަށް ގެންދިޔުމަށާއި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބާރަށް ކުރިއަށް ގެންގޮސް 28 ސެޕްޓެމްބަރ 2013 ވަނަ ދުވަހު ނިންމަންޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރަމެވެ.”
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 33 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރަނީ، ރައްޔިތުންގެ މަޖިލީހުގެ ރިސެސްގެ ތެރޭގައި ނުވަތަ ދައުރުން ބޭރު ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ، ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، އެހުށަހެޅުން ހުށަހަޅާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި ޖަލްސާތައް ބޭއްވޭނެގޮތް ހަމަޖައްސައި އެ ޖަލްސާތައް ބާއްވަންވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ