24 ކިލޯގެ ހެރޮއިންއާ ގުޅުންހުރި ފުލުހަކީ އީރާންގެ އެޖެންޓަށް ފައިސާ ފޮނުވި މީހާ

ކަނޑުމަގުން ރާއްޖެ އަށް މިދިޔަ މަހު އެތެރެކުރަން އުޅުނު 24 ކިލޯގެ ހެރޮއިން އަތުލައިގަތް މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ ފުލުހަކީ މަސްތުވާތަކެތި ފޯރުކޮށްދިން އީރާންގެ އެޖެންޓަށް ފައިސާ ފޮނުވުމުގައި ހަރަކާތްތެރިވި މީހާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. މާޗު 10 ވަނަ ދުވަހު އަތުލައިގަތް 24 ކިލޯގެ ހެރޮއިން އަކީ ފަހުގެ ތާރީހުގައި ރާއްޖެ އިން އެއް ފަހަރާ އެންމެ ގިނައިން އަތުލައިގަތް މަސްތުވާތަކެެއްޗެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކުރި 18 މީހުންގެ ތެރޭގައި ހަތަރު ދިވެއްސަކާއި ޕާކިސްތާނުގެ 11 ރައްޔިތެއްގެ އިތުރުން ބަންގްލަދޭޝްގެ ތިން މީހަކު ހިމެނެ އެވެ. 24: ކަނޑުމަގުން ރާއްޖެ އަށް އެތެރެކުރަން މަސައްކަތްކުރި 24 ކިލޯގެ ހެރޮއިން ޕެކެޓްތައް.-- ފޮޓޯ: ޕޮލިސް މި އޮޕަރޭޝަނާ ބެހޭ ގޮތުން ޕޮލިސް ލައިފްގެ އަހަރީ އަދަދުގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން މަސްތުވާތަކެތި ހިފައިގެން އިރާންގެ ޗަބާހަރު ބަދަރުން ރާއްޖެ އަށް ދަތުރުކުރަމުން ދިޔަ "ހޮރުމޯޒު" ބޯޓާ ބައްދަލުކުރުމަށް، ވައިލެޓް ނަމަކަށް ކިޔާ ދޯނީގައި ދިޔަ ދިވެހިން ތިން ދަތުރެއް ކޮށްފައިވެ އެވެ. އެގޮތުން، މާޗު 4ގެ ހަވީރު ވިލިމާލޭން ދަތުރު ފަށައި، އއ. ރަސްދޫ އާއި އުކުޅަހާ ދެމެދު އެ ރޭ މަޑުކޮށްގެން ތިބުމަށް ފަހު، އީރާންގެ ބޯޓާ ބައްދަލުކުރުމަށް ކަނޑައަޅާފައިވާ ހިސާބަށް ވައިލެޓް ދޯންޏަށް ދެވުނީ ޖެހިގެން އައި ދުވަހުގެ ހެނދުނު އެވެ. ނަމަވެސް، އޭރު އަދި އީރާންގެ ބޯޓަށް އެ ހިސާބަށް ނުދެވޭތީ ވައިލެޓް ދޯނި އަނބުރާލާފައި އައިސް ވަނީ ވިލިމާލޭ ފަޅަށެވެ. "މާރޗް 6 ވަނަ ދުވަހުގެ [ހަވީރު 5:30] ވީއިރު ވައިލެޓް ދޯނީގެ ކެޕްޓަނާ އެ ދޯނީގެ ފަޅުވެރިން ދިޔައީ ދެވަނަ ފަހަރަށް ހޮރުމޯޒް ބޯޓު ކައިރި އަށް ދިއުމަށް ދޯންޏަށް ތެޔޮ އަޅައި ދަތުރަށް ދޯނި ތައްޔާރުކުރަމުންނެވެ. އެ ވަގުތު މާލޭގައި ހަރަކާތްތެރިވަމުން ދިޔަ ދިވެހިން ވަނީ އީރާންގައި ހުންނަ އެ މީހުންގެ މިތުރަށް، ބޭރު ފައިސާ ފޮނުވާ ކުންފުންޏެއް މެދުވެރިކޮށް ފައިސާ ފޮނުވުމަށް، މި މައްސަލާގައި ފުލުހުން ހައްޔަރުކުރި ފުލުހުންގެ މީހާ އަށް އަންގާފަ އެވެ،" ރިޕޯޓުގައިވެ އެވެ. ކަނޑުމަގުން ރާއްޖެ އަށް 24 ކިލޯގެ ހެރޮއިން އެތެރެކުރި އިރާންގެ ބޯޓު.-- ފޮޓޯ: ޕޮލިސް އީރާންގެ ބޯޓާ ބައްދަލުކުރުމަށް ވައިލެޓް ދޯނި ދެވަނަ ދަތުރުކުރީ މާޗު 7ގަ އެވެ. އެ ދުވަހު ވެސް ވިލިމާލޭން ދަތުރު ފަށައި، އއ. ރަސްދޫ އާއި އުކުޅަހާ ދެމެދު އެ ރޭ މަޑުކޮށްގެން ތިބުމަށް ފަހު، އީރާންގެ ބޯޓާ ބައްދަލުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދަށް ދެވުނީ މާޗު 8ގެ ހެނދުނު އެވެ. އެހެން ނަމަވެސް، އީރާންގެ ބޯޓަށް އެ ހިސާބަށް ނުދެވޭތީ ވައިލެޓް ދޯނި އަނބުރާލާފައި ގޮސް ބަނދަރުކުރީ އއ. އުކުޅަހުގަ އެވެ. މާލޭގައި ހަރަކާތްތެރިވަމުން ދިޔަ ދިވެހިން ވަނީ އީރާންގައި ހުންނަ އެ މީހުންގެ މިތުރަށް، ބޭރު ފައިސާ ފޮނުވާ ކުންފުންޏެއް މެދުވެރިކޮށް ފައިސާ ފޮނުވުމަށް، މި މައްސަލާގައި ފުލުހުން ހައްޔަރުކުރި ފުލުހުންގެ މީހާ އަށް އަންގާފަ އެވެ. ވައިލެޓް ދޯނިން ކުރި ތިން ވަނަ ދަތުރު ކޮށްފައި ވަނީ މާޗު 9ގަ އެވެ. އީރާންގެ ބޯޓާ ބައްދަލުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު ކަމަށްވާ އއ. މަތިވެރީގެ ކަނޑުން 39 ނޯޓިކަލް މޭލު ބޭރަށް ވައިލެޓް ދޯންޏަށް އެ ދުވަހު ވާސިލް ވެވުނު ނަމަވެސް އީރާންގެ ބޯޓަށް އެ ހިސާބަށް ދެވުނީ ޖެހިގެން އައި ދުވަހުގެ ހެނދުނު އެވެ. "އީރާންގެ ހޮރުމޯޒް ބޯޓާއި ވައިލެޓް ދޯނި ބައްދަލުވި ވަގުތު ހޮރުމޯޒް ބޯޓުން ވަނީ ފައިބަރު ޑިންގީއެއް ކަނޑަށް ދޫކޮށްލާފަ އެވެ. ހޮރުމޯޒުން އެ ޑިންގީ ކަނޑަށް ދޫކޮށްލުމާ އެކު ވައިލެޓް ދޯންޏަށް އެ ޑިންގީ ނެގުމަށްފަހު ވެސް ވައިލެޓް ދޯނި ގިނަ އިރުތަކެއް އެ ސަރަހައްދުގައި ހޭދަ ކުރުމަށް ފަހު އެނބުރި މާލެ އައުމަށް ދަތުރު ފަށާފައި ވަނީ އެ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގަ އެވެ،" ރިޕޯޓުގައިވެ އެވެ. ކަނޑުމަގުން ރާއްޖެ އަށް 24 ކިލޯގެ ހެރޮއިން އެތެރެކުރަން މަސައްކަތްކުރި މީހުން ދަތުރުކުރި ދޯނި.-- ފޮޓޯ: ޕޮލިސް ފުލުހުން ބުނި ގޮތުގައި ވައިލެޓް ދޯނިން ކުރި ތިން ދަތުރުގައި ވެސް އެ ދޯނީގައި ތިބި މީހުން ދިޔައީ އީރާންގައި ހުރި އެ މީހުންގެ އެޖެންޓާ ފޯނުން ގުޅާ، ދަތުރާ ބެހޭ މައުލޫމާތު ދެމުންނެވެ. އަދި ދޯންޏަށް ޑިންގީ ނެގުމަށް ފަހު ވެސް އީރާންގައި ހުރި އެޖެންޓަށް ގުޅާ، ހޮރުމޯޒް ބޯޓާ ބައްދަލުވި ކަމަށާއި ހުރިހާ ކަމެއް ރަނގަޅަށް ދިޔަ ކަން އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުންގެ ރިޕޯޓުގައިވާ ގޮތުން މި އޮޕަރޭޝަނަށް މަތިވެރީގައި ޕޮލިސް އިންޓެލިޖެންސްގެ ފަސް ފުލުހަކު ގާއިމުކޮށް، މަސްތުވާތަކެތި އަތުލައިގަތުމުގައި ކަނޑުމަހުން ހަރަކާތްތެރިވާނެ 16 ފުލުހުންގެ މައްޗަށް އެކުލެވޭ ޓީމެއް ކަނޑައަަޅާފައިވެ އެވެ. އަދި މާލޭގައި ސަވައިލެންސް ޓީމެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ޕޮލިސް އިންޓެލިޖެންސްގެ ހަތް ފުލުހަކު ކަނޑައަޅާފައިވާ އިރު، ގްރައުންޑް އެނަލިސިސް ޓީމްގެ ގޮތުގައި ޕޮލިސް އިންޓެލިޖެންސްގެ އަށް ފުލުހަކު ވެސް ހަމަޖައްސާފައިވެ އެވެ. މީގެ އިތުރުން، ގްރައުންޑް ޓެކްނިކަލް ޓީމެއްގެ ގޮތުގައި ޕޮލިސް އިންޓެލިޖެންސްގެ ފަސް ފުލުހަކު ކަނޑައަޅާ، ކޯވާޓް ޓީމެއްގެ ގޮތުގައި ޕޮލިސް އިންޓެލިޖެންސްގެ ތިން ފުލުހަކު ހަރަކާތްތެރިވަމުން ދިޔަ އެވެ. ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި މި މަސްތުވާތަކެތީގެ މަގުމަތީ އަގު 36 މިލިއަން ރުފިޔާ އަށް އެރި ނަމަވެސް ރާއްޖޭގައި އެ ތަކެތި ވިޔަފާރިކޮށްގެން ލިބޭ އާމްދަނީ 100 މިލިއަން ރުފިޔާ އަށް އަރާނެ އެވެ. ފުލުހުންގެ އޮޕަރޭޝަނާ ބެހޭ ވީޑިއޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ