ވިޔަފާރިވެރިންނަށް ލިބޭ ފައިދާ ދަށްކޮށްލާ އެމީހުން "ހަފުސްކޮށްލުމަކީ" ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި ސަރުކާރުން ބޭނުންވަނީ ވިޔަފާރިވެރިންނަށް އިތުރު ތަނަވަސްކަމާއި ޔަގީންކަން ދިނުން ކަމަށް ފިނޭންސް މިނިސްޓަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ބަޖެޓާ ބެހޭ ގޮތުން ވާހަކަ ދެއްކެވުމަށް ފިނޭންސް މިނިސްޓްރީގައި މިދިއަ ހޯމަދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ޓޫރިޒަމުން ސަރުކާރަށް ލިބޭ އާމްދަނީ އިތުރުކުރުމާ ބެހޭ ގޮތުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ "ސަރުކާރުގެ ސިޔާސަތަކީ މަސައްކަތްކުރާ މީހުން (ވިޔަފާރިވެރިން) ފެލާލުމެއް ނޫން" ކަމަށެވެ.
ސަރުކާރުގެ ސިޔާސަތަކީ "(ވިޔަފާރިވެރިންނަށް) އިތުރު ތަނަވަސްކަމާއި ފުރުސަތު ދީ ... އިތުރު ޔަގީންކަން އޮންނާނެ ގޮތަށް ކަންތައް ބައްޓަން ކުރުން" ގާސިމް ވިދާޅުވި އެވެ. "އެއްގޮތަކަށް ވެސް މީހަކު ވަކި ދާއިރާއަކުން ގޯޅި އަޅުވާލާ، އޭނާއަށް ކުރިއަށް ނުދެވޭ ވަރަށް ފައިދާއެއް ނެތް މިންވަރަށް އޭގެ ފައިދާ ދަށްކޮށްލުމެއް ނޫން."
ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިމް ވަނީ ބައެއް ސުވާލުތައް ޒާތީ ގޮތުން ނަންގަވައިފަ އެވެ. އަދި އެ ސުވާލުތަކަށް ހިތްޕުޅުހަމަޖެހިވަޑައި ނުގެން ދެ ނޫސްވެރިޔަކު ނުކުތުމަށް ވެސް ގާސިމް އެންގެވި އެވެ.
ގާސިމް އެންމެ ފުރަތަމަ ކޯފާވީ ހަވީރުން ދެންނެވި ސުވާލަކާ ގުޅިގެންނެވެ. އެ ސުވާލު ފުރިހަމަ ކުރާކަށް ގާސިމް ފުރުސަތެއް ވެސް ނުދެއްވަ އެވެ.
"ސުވާލަކީ ގައުމުގައި ރިސޯސް ނެތިގެންތޯއޭ ލޯނު ނަންގަވަނީ. އަޅުގަނޑުމެންނަށް ފެންނަނީ މިގައުމުގެ އިގްތިސާދު ވަކި ބަޔަކު ކޮންޓްރޯލް ކުރާތަން. ކިހިނެތްތޯ މިވަނީ؟" ހަވީރު ނޫހުގެ އެގްޒެކެޓިވް އެޑިޓަރު އަހުމަދު ޒާހިރު ސުވާލުކުރެއްވި އެވެ.
"މިހާރު ތިޔަ ދިޔައީ މާ ޕާސަނަލް ލެވެލަކަށް. ނޫނީ ހިތަށް އައިހާ އެއްޗެއް ކިޔަނީ ކަންނޭނގެ. ނޫނީ ވެދާނެ ... ހަވީރު ނޫހުން ދެކެވަޑައިގަންވާ ގޮތް ކަމަށް. އެއީކީ ގާސިމަކަށް މިނިސްޓަ އޮފް ފިނޭންސަށް މާ ބޮޑު ޕްރެޝަރެއް އޮތް ކަމެއް ނޫން. ވާހަކަ ގެންނަވާ ނަޒަރަކުން، ރާގަކުން އަޅުގަނޑަށް ވެސް ޖަވާބު އަރުވަން ވެސް އެނގޭނެ،" ގާސިމް ވިދާޅުވި އެވެ.
ސަރުކާރަށް ލިބޭ އާމްދަނީގެ ތިންބައިކުޅަ އެއްބައި އިމްޕޯޓް ޑިޔުޓީގެ ގޮތުގައި ހުރިހާ ރައްޔިތުންގެ އަތުން ނަގާ ވާހަކަ އާއި ޓެކްސް ތައާރަފު ނުކުރާ ވާހަކަ އާއި ތިން ޕަސެންޓުގެ ޓެކްސްއެއް ރިސޯޓްތަކުން ނެގުމަށް ސަރުކާރުން ވިސްނުން ގެންގުޅުއްވިޔަސް އެކަން ހަގީގަތަކަށް ނުވާ ވާހަކަ އާއި އަދި ރާއްޖޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ރިސޯޓްތަކުން ކަމަށް އެހެން ފުރުސަތެއްގައި ހަވީރުން ދެންނެވުމުން ވެސް ގާސިމް އިތުރަށް ކޯފާވި އެވެ.
"މިހާރު ތި ސުވާލުކުރައްވާ ހަވީރުގެ މަނިކުފާނަށް ތިގޮތަށް ވިސްނިވަޑައިގެންނެވި ކަމަށް ވެދާނެ. އެކަމަކު މަނިކުފާނަށް ފޯކަސް ކުރެއްވިފައި ތިހުރީ ވަކި ދާއިރާއެއްގައި ރާއްޖޭގެ އިގްތިސާދު ބައްޓަންކުރަން ތިބި ބަޔަކު ފެލާލަން ކަމަށް ވިއަސް، ދިވެހި ގައުމު ހިންގަން ތިބި ބަޔަކު ނުވަތަ ރައްޔިތުންގެ މަޖިލީހުން އެގޮތަށް ނުވިސްނަވާ ކަމަށް ވަންޏާ އަދި އެކަމެއް ނުކުރެވޭނެ ކިތައްމެ ވަރަށް ޒާތީ ގޮތުން އެއްޗެއް އޮތްކަން އިހުސާސް ވެގެން ވިދާޅުވަމުން ގެންދެވިއަސް،" ގާސިމް ވިދާޅުވި އެވެ.
ހަވީރުން ސުވާލު ކުރަނީ އެއްވެސް ޒާތީ ކަމެއް އޮވެގެން ނޫން ކަމަށް ވިދާޅުވުމުން، ނޫސްވެރިންގެ ބައްދަލުވުން ދޫކޮށް އެތަނުން ނުކުމެގެން ދިއުމަށް ގާސިމް އަމުރުކުރެއްވި އެވެ.
"އެގޮތަށް ގަބޫލު ނުކުރެއްވޭ ކަމަށް ވަންޏާ ނުކުންނަވާ. އެހެން ވެއްޖެއްޔާ (ޒާތީ ކަމެއް ނެތިއްޔާ) މައިތިރިވެ ވަޑައިގަންނަވާ. އަޅުގަނޑު ޖަވާބު ދޭން ފެށީމަ ކެތްތެރިވެ ވަޑައިނުގެންނެވޭ ކަމަށް ވަންޏާ ނިކުމެވަޑައިގަނޭ. އަވަހަށް މިހާރު ނުކުމެވަޑައިގަންނަވާ،" ގާސިމް ވިދާޅުވި އެވެ.
ގާސިމްގެ ވާހަކަފުޅަށް ޖަޒީރާ ނޫހުގެ ނޫސްވެރިއަކު ހުރަސް އެޅުއްވުމުން ވެސް ބައްދަލުވުން ދޫކޮށް ދިޔުމަށް އެ ނޫސްވެރިޔާ އަށް ވެސް ގާސިމް އެންގެވި އެވެ. އަދި ސޯޝަލް ސެކިޔުރިޓީ އަށް ކަނޑައަޅާފައިވާ ބަޖެޓާ ބެހޭ ސުވާލަކަށް ޖަވާބު ދެއްވުމުގެ ކުރިން އެ ނޫސްވެރިޔާ އިސްލާމު ދީނުގެ އުސޫލުތައް ގަބޫލު ކުރައްވަމުތޯ ވެސް ގާސިމް އެއްސެވި އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ހަވީރު ނޫހުގެ ނޫސްވެރިން ވަކި ގޮތަކަށް ދުށް ކަމުގައި ވިއަސް ކަންތައްތައް ކުރިއަށް ދާނީ މުޅި ގައުމުގެ މަސްލަހަތު ކުރިއަށް ޖައްސަން މުޅި ސަރުކާރަށް ފެންނަ ގޮތަކަށް ކަމަށެވެ. އަދި ޓޫރިޒަމް އިންޑަސްޓްރީން ލިބެމުންދާ ފައިދާ ދިވެހި ރައްޔިތުންނަށް އޮޅުވާ ނުލެވޭނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެންގެ ދިރިއުޅުން މިހާތަނަށް ތަރައްގީކުރެވިފައި މިވަނީ ކޮން ސަބަބަކާ، ކޮން ވަސީލަތަކުން ކަން ވެސް އެއީ ދިވެއްސަކަށް އޮޅިފައި އޮތް އެއްޗެއް ނޫން. އަދި އޮޅުވާލަން ބަޔަކު އުޅުނަސް ދިވެހި ރައްޔިތުންނަށް އެބަ އެނގޭ، ޓޫރިޒަމުން ކަން ސީދާ ގޮތުންނާއި ނުސީދާ ގޮތުން އާމްދަނީ ލިބެމުން މި އަންނަނީ. އެހެންވީމަ ޓޫރިޒަމް އިންޑަސްޓްރީ ދިރުވާ ތަރައްގީކުރާ ފަރާތްތަކަށް ޝުކުރު އަދާކުރަން ޖެހޭ،" ޓޫރިޒަމުން ލިބޭ އާމްދަނީ އިތުރުކޮށްގެން އެކަނި ވެސް ސަރުކާރުގެ ހަރަދުތައް ހަމަޖެއްސިދާނެތޯ ދެންނެވުމުން ދެއްކެވި ވާހަކަފުޅުގައި ގާސިމް ވިދާޅުވި އެވެ.
ވިޔަފާރިވެރިން "ހަފުސްކޮށްލުމަކީ" ސަރުކާރުގެ ސިޔާސަތެއް ނޫން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ