ރިޔާސީ ޔޮޓް "އަރުމާޒު"ގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކުރަން ފަށައިފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު އަބްދުލްގައްޔޫމްގެ ބޭނުމަށް ގެނައި ލަގްޒަރީ ޔޮޓް "އަރުމާޒު"ގެ މައްސަލައެއް ތަހުގީގުކުރަން ފަށައިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފި އެވެ.
ކޮމިޝަންގެ ރައީސް އަލީ ރަޝީދު އުމަރު މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ބޭނުންކުރައްވަން ރިޔާސީ ގަނޑުވަރަށް ހޯދައިފައިވާ ލަގްޒަރީ ޔޮޓާ ބެހޭ މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅީ އާންމު ފަރާތަކުން ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލަ ބަލަން ފެށި ފަހުން ގަވައިދާ ހިލާފު ކަންތައްތަކެއް މިހާތަނަށް ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.
"ޔޮޓާ ބެހޭ ލިޔެކިޔުންތައް ރައީސް އޮފީހާއި ފިނޭންސް މިނިސްޓްރީން ހޯދައި އެ މައްސަލަ ތަހުގީގުކުރަމުންދާތާ ހަފުތާއެއް ވަނީ. އަޅުގަނޑު އުންމީދުކުރަން ވަރަށް އަވަހަށް މި މައްސަލަ ނިންމާލެވޭނެ ކަމަށް. މިހާތަނަށް ވެސް ގަވައިދާ ހިލާފު ކަންތައްތަކެއް ވަނީ ފާހަގަކުރެވިފައި. ގަވައިދާ ހިލާފުވެގެން ކޮރަޕްޝަނަށް މަގުފަހިވަނީ،" ކޮމިޝަންގެ ރައީސް މިއަދު ވިދާޅުވި އެވެ.
ޖަރުމަނުވިލާތުގެ ކުންފުންޏެއް ކަމަށްވާ ޕީއާރްމެރިން ޔޮޓްބާއު ޖީއެމްބީއެޗް އެންޑް ކޮ ކޭޖީއާ އެކު 19 ޖޫން 1998ގައި ވި އެއްބަސްވުމެއްގެ ދަށުން ރިޔާސީ ގަނޑުވަރަށް ގެނައި ލަގުޒަރީ އުޅަނދާ ބެހޭ ބައެއް މައުލޫމާތު ވެސް އެންޓިކޮރަޕްޝަން ކޮމިޝަނުން މިއަދު ވަނީ އާންމުކޮށްފަ އެވެ. އެގޮތުން 102/ 3100 ޕީއާރް، ގޯލްޑެން ސީރީޒް ސްކައިލް ލައުންޖް ޔޮޓެއް ގަތުމަށް އެއްބަސްވީ 4.7 މިލިޔަން އެމެރިކާ ޑޮލަރު ( 37،500،00 61،0ރ.) އަށް ކަމަށް ކޮމިޝަނުން ބުންޏެވެ.
ކޮމިޝަނުން ބުނީ އެ އަދަދަށް އެއްބަސް ވެގެން ޔޮޓް ބަނދެގެން މާލެއަށް ގެނައިރު ޔޮޓްގެ ހަރަދުގެ ގޮތުގައި 7.4 މިލިޔަން އެމެރިކާ ޑޮލަރު ( 50،257.40 95،8ރ. ) ޔޮޓަށް ހަރަދުކޮށްފައިވާ ކަމަށާއި ޔޮޓްގެ އަގު އަދާ ކުރުމަށް ސްރީލަންކާގެ ޕީޕަލްސް ބޭންކުން ލޯނެއް ވެސް ނަގާފައިވާ ކަމަށެވެ. އެ ލޯނަކީ 1998 ވަނަ އަހަރު ޖަރުމަނު ވިލާތުގެ ކުންފުންޏާއެކު ވި އެއްބަސްވުމުގައި ބުނާ އަދަދަށް ނަގާފައިވާ ލޯނެއް ކަމަށް ވެސް ބުންޏެވެ.
ނަމަވެސް ކޮމިޝަނުން ބުނީ 2001 ވަނަ އަހަރު އޯގަސްޓް މަހުގެ ތެރޭގައި އެ ލޯނަށް 1،9 މިލިޔަން ޑޮލަރު އިތުރުކޮށް ލޯނުގެ އަދަދަކީ 6.7 މިލިޔަން ޑޮލަރު ( 59،481.30 86،1ރ.) ކަމަށް ހަމަޖައްސާފައިވާކަން އެނގޭ ކަމަށާއި ލޯނުގެ އިތުރަށް ހިނގާފައިވާ ހަރަދުތައް ކޮށްފައި ވަނީ ދިވެހި ސަރުކާރުގެ ބަޖެޓުން ކަން ވެސް އެނގޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ