ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދާ ބެހޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަންގައި ހުރި މައްސަލަތައް ވީހާ އަވަހަކަށް ބަލައި ނިންމުމަށާއި އެ މައްސަލަތައް ބަލައި ނިމެންދެން އޭނާ އަށް ފަނޑިޔާރުންގެ ބެންޗުގައި ނުއިންނެވޭނެ ގޮތް ހެދުމަށް ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ގޮވާލައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ޑރ. ވަހީދު ވިދާޅުވީ ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅުމުގައި "އެންމެ ބޮޑު ޒިންމާއެއް އަޅަންޖެހޭ ފަރާތަކީ ޖޭއެސްސީ" ކަމަށާއި އެ ކޮމިޝަންގެ މެމްބަރުން މިއަދު ވެސް ބައްދަލުކުރައްވައި އަބްދުﷲ ގާޒީގެ މައްސަލަ ބައްލަވަން ފެއްޓެވުން މުހިންމު ކަމަށެވެ.
މިހާރު އުފެދިފައިވާ ހަމަނުޖެހުންތަކަށް ފިނިކަން ގެނައުމަށްޓަކައި، ސިފައިންގެ ބެލުމުގެ ދަށުގައި ހުންނެވި އަބްދުﷲ ގާޒީ ވީހާ އަވަހަށް މިނިވަންކުރެއްވުމަށް ވެސް ޑރ. ވަހީދު ގޮވާލެއްވި އެވެ. އަބްދުﷲ ގާޒީ މިނިވަންކުރުމަށް މީގެ ކުރިން ވެސް އެމަނިކުފާނު ވަނީ ގޮވާލައްވައިފަ އެވެ.
އިދިކޮޅު ސިޔާސީ ޕާޓީތަކުން މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތައް ހުއްޓާލައި، މިހާރު އުފެދިފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި ގާނޫނީ ގޮތުންނާއި ސިޔާސީ ގޮތުން މަސައްކަތްކުރުމަށް ވެސް ޑރ. ވަހީދު އެދިވަޑައިގަތެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރީ ގާނޫނީ އިމުގެ ބޭރުން ކަމަށް ޑރ. ވަހީދު މިއަދު ވެސް ތަކުރާރުކުރެއްވި އެވެ. އަދި އެކަމާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތައް ސުލްހަވެރިކަމާއެކު ހައްލުކުރެވޭ ކަމަށާއި "އެކަންކަމަށް ފިނިކަމެއް ގެނައުމަށްޓަކައި ހުރިހާ ފަރާތްތަކަކުން ވެސް މަސައްކަތްކުރަން އެބަޖެހޭ" ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އެގޮތުން ސިޔާސީ ފަރާތްތަކުން އެއްބަޔަކު އަނެއް ބަޔަކަށް ހޫނު ބަސްތަކެއް ކުރުމުގެ ބަދަލުގައި "ހަމަޖެހިލައިގެން ކަންކަމާމެދު ވިސްނާލުން" މުހިންމު ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އަދި މިހާރު މިއޮތީ އެކަމަށް ވިސްނާލުމަށް "ހުސްވަގުތުކޮޅު" އައިސްފައި ކަމަށް ވެސް ޑރ. ވަހީދު ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރީ ގާނޫނާ ހިލާފަށް ކަމަށާއި އޭނާ މިނިވަންކުރުމަށް ގޮވާލުމުން ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުނު ނަމަވެސް އެ ގޮތަށް ވާހަކަ ދެއްކެވީ އިހްލާސްތެރިކަމާ އެކުގައި ކަމަށް ޑރ. ވަހީދު ވިދާޅުވި އެވެ.
"އަޅުގަނޑު ދެންނެވި އެއްޗެއް ދަންނަވާފައިވާނީ ވަރަށް އިހްލާސްތެރިކަމާ އެކީގައި، މި ވަގުތު ގައުމަށް ހެޔޮ އެދޭ މީހެއްގެ ހައިސިއްޔަތުން. އަޅުގަނޑު ހުރި މަގާމުގެ ހައިސިއްޔަތުން ވަކި ފަރާތަކަށް ނުޖެހި،" ޑރ. ވަހީދު ވިދާޅުވި އެވެ.
"ދެން އެކަމާ ބައެއް ބޭފުޅުން ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ނަމަ މައާފުކުރެއްވުން އެދެން."
މިހާރު އުފެދިފައިވާ މައްސަލައިގައި ރައީސް ނަޝީދާ މަޝްވަރާކުރެއްވިންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން ޑރ. ވަހީދު ވިދާޅުވީ މަގާމު ހައިސިއްޔަތުން ދައްކަވަންޖެހޭ ހުރިހާ ވާހަކައެއް ދައްކަވާ ކަމަށާއި ރައީސް ނަޝީދާއި އެމަނިކުފާނާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ނައިބު ރައީސްގެ އަމިއްލަ ބްލޮގުގައި ވެސް އިއްޔެ ފާޑުވިދާޅުވެފައިވެ އެވެ. އެ ބްލޮގުގައި ވިދާޅުވެފައިވަނީ ގާނޫނީ އިމުގެ ބޭރުން އަބްދުﷲ ގާޒީ ހައްޔަރުކުރުމުން ލަދުވެތިވެވަޑައިގަންނަވާ ކަމަށެވެ. އަދި އެ މައްސަލަ ހާއްސަ ވަނީ އޭނާ އަކީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަށް ވެގެން ނޫން ކަމަށާއި ދިވެހިރައްޔިތަކު އެގޮތަށް ގާނޫނީ އިމުން ބޭރުން ހައްޔަރުކުރުމުން ކަމަށް ވިދާޅުވެފައިވެ އެވެ.
މައްސަލަތައް ބަލައި ނިމެންދެން ފަނޑިޔާރުންގެ ބެންޗުގައި އަބްދުﷲ ގާޒީ އަށް ނުއިންނެވޭ ގޮތް ހެދުމަށް ނައިބު ރައީސް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ