އިސް ގާޒީ ހައިލަމްގެ މަސައްކަތުގެ ރޭޓާ މެދު ސުވާލު އުފައްދައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ހަވާލުވެވަޑައިގަންނަވާ މައްސަލަތައް ނިސްބަތުން މަދުކަން ކްރިމިނަލް ކޯޓުން ބަލަމުންދާ މައްސަލަތަކާ ބެހޭގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އެކުލަވާލި ރިޕޯޓަކުން ހާމަވެއްޖެ އެވެ. އެ ރިޕޯޓުގައި ބުނާ ގޮތުން، ރިޕޯޓު އެކުލަވާލި މުއްދަތާ ހަމައަށް ކްރިމިނަލް ކޯޓުގައި ނުނިމި 1910 މައްސަލަ އެބަ ހުއްޓެވެ. އޭގެ ތެރެއިން ނުނިމި 10 އަހަރުވެފައިވާ 12 މައްސަލަ، ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ 126 މައްސަލަ ހިމެނެ އެވެ. ނުނިމި ހުރި 1910 މައްސަލައިގެ ތެރެއިން ގާޒީ ހައިލަމް މިހާރު ހަވާލުވެވަޑައިގެން ހުންނެވީ 141 މައްސަލައާކަން ރިޕޯޓުން އެނގެ އެވެ. އެެހެންކަމުން، ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރައްވަމުން ގެންދަވާ 10 ގާޒީންގެ ތެރެއިން އެންމެ މަދު މައްސަލައާ ހަވާލުވެވަޑައިގެން ހުންނެވީ އޭނާ އެވެ. ކޯޓަށް ހުށަހެޅޭ މައްސަލަތައް ގާޒީންނާ ހަވާލުކުރަނީވެސް އިސް ގާޒީގެ ހައިސިއްޔަތުން ހައިލަމް އެވެ. ޖޭއެސްސީގެ ރިޕޯޓުގައިވާ ގޮތުން މި އަހަރުގެ މިހާތަނަށް ކްރިމިނަލް ކޯޓަށް ހުށަހެޅުނު 250 މައްސަލައިގެ ތެރެއިން ގާޒީ ހައިލަމް ހަވާލުވަޑައިގަތީ ހަ މައްސަލައާ އެވެ. ނަމަވެސް، އެހެން ގާޒީންނަށް އެވަރެޖްކޮށް 31 މައްސަލަ ހަވާލުކޮށްފައިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. "ބައެއް ގާޒީންނަށް ނިސްބަތުން މާ މަދު މައްސަލަ ހަވާލު ކުރާ އިރު އަނެއްބައި ގާޒީންނަށް ބުރަ ބޮޑުވާ ގޮތަށް އެކަށީގެންވާ އަދަދަށް ވުރެ ގިނަ މައްސަލަ ހަވާލުކޮށްފައިވާކަން ފާހަގަކުރެވެއެވެ. އަދި އެވަރެޖްކޮށް 31 މައްސަލަ ހަވާލުކުރެވިފައިވާ ގާޒީންގެ މެދުގައިވެސް މައްސަލަ ހަވާލުކުރުމުގައި ފަރަގު ހުރިކަމާއި، ހަމަހަމަކަން ނެތްކަން ފާހަގަކުރެވެ އެވެ." ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން، ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވާ މައްސަލަތަކުގެ ކަންކަން ބަލަން ގާނޫނުން އިސް ގާޒީއަށް މަތިކޮށްފައި އޮންނަ ޒިންމާ އޭނާ އަދާ ނުކުރާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި އެ ޒިންމާ އަދާ ކުރުމަށް ޖޭއެސްސީއިން ގާޒީ ހައިލަމްއަށް ނަސޭހަތްތެރި ވުމަށް ވެސް ރިޕޯޓުގައި ލަފާ ދީފައިވެ އެވެ. ކްރިމިނަލް ކޯޓުގެ ގާޒީން ބައްލަވާ މައްސަލައިގެ އަދަދު: އަހުމަދު ހައިލަމް: 141 މައްސަލަ ހަސަން ނަޖީބު: 157 މައްސަލަ އަލީ ރަޝީދު: 280 މައްސަލަ މުހައްމަދު ސަމީރު: 151 މައްސަލަ އަހުމަދު ޝަކީލް: 187 މައްސަލަ އިބްރާހިމް އަލީ: 280 މައްސަލަ ހުސެއިން ފާއިޒް ރަޝީދު: 165 މައްސަލަ އަލީ އާދަމް: 376 މައްސަލަ އިސްމާއިލް ރަޝީދު: 173 މައްސަލަ މީގެ ކުރިން ޕީޖީ އޮފީހުގެ، ޕަބްލިކް ޕްރޮސިކިއުޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ހައިލަމް ކްރިމިނަލް ކޯޓްގެ ގާޒީ ކަމަށް ހަމަޖެއްސި ފަހުން ވަނީ އަހަރަކާއި ހަ މަސް ފާއިތުވެފަ އެވެ. އެ ކޯޓުގެ އިސް ގާޒީ ކަމަށް އޭނާ ހަމަޖެއްސީ މިދިޔަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ