އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފި

ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.
މި މައްސަލަ އެޖެންޑާކުރެވިފައިވާއިރު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމާފައިވަނީ އިމްރާންގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ނުފެންނަ ކަމަށެވެ.
މިނިސްޓަރގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ބަހުސް ކުރުމަށް މަޖިލީހުގެ އާއްމު ކޮމިޓީން ނިންމާފައި ވަނީ މިނިސްޓަރަށް އޭނާގެ ދިފާއުގައި ވާހަކަ ދެއްކެވުމަށް 30 މިނެޓުގެ ފުރުސަތެއް ދެއްވުމަށެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދޭނީ 10 މެމްބަރުންގެ ސޮޔާއި އެކުއެވެ. ޝެއިހް އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައަޅުއްވާފައި ވަނީ 11 މެމްބަރުންގެ ސޮޔާއި އެކުއެވެ.
މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމާއި ގުޅޭގޮތުން އަނެއްކާ ވެސް ތަފާތު ގޮތަކަށް ރޭޑީއޯ ޕްރޮގްރާމެއްގައޮ މިނިސްޓަރ ވާހަކަ ދެއްކެވުމާއި، އަދި މޭޑޭ މުޒާހަރާގައި ކުރީގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާއި އަފްރާޝީމްގެ މަރާގުޅޭގޮތުން ދެއްކި ޑޮކިއުމެންޓްތަކަކީ އަސްލެއް ނޫންކަމަށް ވިދާޅުވުމެވެ. އަދި އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި މޭޑޭ މުޒާހަރާގައި ގެންގުޅުއްވި ހެކިތައް ނުވަތަ ޑޮކިއުމެންޓް ފުލުހުން އަތުލާފައިވާ ކަމަށް ވިދާޅުވެފައިވާތީ ކަމަށް އެ މައްސަލައިގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ