18 ބިލިއަން ރުފިޔާ އަކީ އަސާސީ ހިދުމަތްތައް ގާއިމުކުރެވޭނެ އަދަދެއް: އިބޫ

ދައުލަތަށް އާމްދަނީގެ ގޮތުގައި މިހާރު ލިބޭ 18 ބިލިއަން ރުފިޔާ އަކީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުކޮށްދެވޭނެ އަދަދެއް ކަމަށް ގުޅިފައިވާ ޕާޓީ ތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
އިބޫ މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު އއ. މާޅޮހަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
އިބޫ ވިދާޅުވީ ދައުލަތަށް އާމްދަނީގެ ގޮތުގައި މިހާރު ލިބެމުންދާ 18 ބިލިއަން ރުފިޔާ އަކީ ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމުކުރެވޭނެ އަދަދެއް ކަމަށާއި ނަމަވެސް އަދިވެސް ރަށްރަށުގައި އަސާސީ ހިދުމަތްތައް ގާއިމުނުކުރެވި އެތައް ދުވަހަކަށް މަޝްރޫއުތައް ލަސްވެފައި ހުރީ ބޮޑު އަގުގައި މަޝްރޫއުތައް ހިންގާތީ ކަމަށެވެ. 21 ވަނަ ގަރުނުގެ ދުވަސްތައް ގުނަމުންދާއިރު ރައްޔިތުން ކޮންމެހެން ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުކުރެވިފައި ނެތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
"ނަރުދަމާ ނިޒާމެއް ރަށެއްގައި އެޅުމަށް 1.5 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ހިސާބުތަކުން ދައްކާއިރުގައި އެއަށް އެބަ ހަރަދުކުރޭ ތިން މިލިއަން ހަތަރު މިލިއަން ޑޮލަރު. ސަބަބަކީ އެއީ. ތިން ހަތަރު ރަށުގެ ނަރުދަމާ އެޅޭ ވަރަށް އެއް ރަށުގެ ނަރުދަމާ މިއަޅަނީ. ތިން ހަތަރު ރަށުގެ ފެނުގެ ނިޒާމު ގާއިމުކުރުމަށް ކުރާ ހަރަދު އެއް ރަށަށް މިކުރަނީ. ބަނދަރުވެސް ހުރީ. އެސަބަބުތަކަށްޓަކައި ރާއްޖެ ތަރައްގީ ނުވެ މިހިސާބަށް އައިސްފައި މިއޮތީ.،" އިބޫ ވިދާޅުވި އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ