ހުރްމުޒްއާ ގުޅޭ އެއްބަސްވުމެއް ނެތް، ޢުމާނަށް ޙަމަލާދޭން ޖެހިދާނެ: ޓްރަމްޕް

ހުރްމުޒް ކަނޑުއޮޅި ހުޅުވައިލުމާ ގުޅޭ ގޮތުން އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބުނާ ރިޕޯޓުތައް ދޮގުކުރައްވައި، ޢުމާނަށް ޙަމަލާދޭން ޖެހިދާނެ ކަމުގެ އިންޒާރު ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ. އޭނާ މި މޭރުމުން އިންޒާރުދެއްވާފައި މި ވަނީ، ހުރްމުޒްގެ ބާރު އީރާނާއި ޢުމާންގެ އަތްމައްޗަށް ދޫކޮށްލުމަށް ވޮޝިންގޓަނުން އެއްބަސްވެފައިވާ ކަމުގައި އީރާންގެ މީޑިއާތަކުން ރިޕޯޓުކުރުމުން އެ ކަމަށް ރައްދު ދެއްވަމުންނެވެ. އަދި، އެމެރިކާގެ އަސްކަރިއްޔާއިން އީރާންގެ ބަނދަރުމަތީ ރަށަކަށް އަނެއްކާވެސް ޙަމަލާދީފައިވާ ދަނޑިވަޅެއްގައެވެ.
މޭ 27 ވަނަ ދުވަހު އެމެރިކާއިން ދީފައިވާ ޙަމަލާތައް އަމާޒުކޮށްފައި ވަނީ އީރާންގެ ބަނދަރުމަތީ ރަށް ބަންދަރު ޢައްބާސްއަށެވެ. އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލަކު ބުނީ އެ ޙަމަލާތައް އަމާޒުކޮށްފައި ވަނީ އަސްކަރިއްޔާގެ ގްރައުންޑް ކޮންޓްރޯލް ސްޓޭޝަންތަކަށް ކަމުގައެވެ. އަދި، އީރާންގެ ހަތަރު އަސްކަރީ ޑްރޯނަށް ޙަމަލާދީ ވައްޓައިލާފައިވާނެ ކަމުގައެވެ. ބަންދަރު ޢައްބާހަށް ޙަމަލާތަކެއް ދީފައިވާ ކަން އީރާންގެ މީޑިއާތަކުން ވެސް ރިޕޯޓުކޮށްފައިވެއެވެ.
މިއީ، އެޕްރީލު 8 ވަނަ ދުވަހު އަމަލުކުރަން ފެށި ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފަށް އެމެރިކާއިން
ދީފައިވާ ޙަމަލާތަކެކެވެ. މޭ 25 ވަނަ ދުވަހު ވެސް އެމެރިކާއިން އެއްބަސްވުމާ ޚިލާފަށް އީރާނަށް ޙަމަލާތައް އަމާޒުކުރިއެވެ. އެއީ، ދިފާޢީ ޙަމަލާތަކެއްގެ ގޮތުގައި އެމެރިކާއިން ސިފަކުރި ނަމަވެސް، އީރާނުގެ ޚާރިޖީ ވުޒާރާއިން ވަނީ އެމެރިކާއިން އެއްބަސްވުމާ ޚިލާފުވެފައިވާ ކަމުގައި ބުނެފައެވެ.
ކަނޑުއޮޅީގެ ކޮންޓުރޯލު އީރާނާއި ޢުމާނުން ގުޅިގެން ބެލެހެއްޓުމާއި، އެމެރިކާގެ ޙިޞާރު އުވައިލައި އެ ސަރަޙައްދަށް ފޮނުވާފައިވާ ސިފައިން ބޭލުމަށް ވޮޝިންގޓަނުން އެއްބަސްވެފައިވާ ކަމުގައި ބުނާ ރިޕޯޓުތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ، ހުރްމުޒަކީ ބައިނަލްއަޤުވާމީ ކަނޑުގެ ސަރަޙައްދެއް ކަމަށާއި، ޢުމާނުން ވެސް އެހެން ޤައުމުތަކެކޭ އެއްގޮތަށް އަމަލުކުރަންޖެހޭނެ ކަމުގައެވެ. އަދި، އެމެރިކާއިން ބޭނުންވާ ގޮތަށް އަމަލުކުރުމަށް ޢުމާނުން ދެކޮޅުހަދާނަމަ، ޙަމަލާދީ "އެ މީހުން ގޮއްވައިލަން ޖެހިދާނެ" ކަމުގައި ވިދާޅުވެ، އޭނާ ވަނީ އިންޒާރު ދެއްވާފައެވެ.
ފެބުރުވަރީ 28 ގައި އެމެރިކާއާއި ޔަހޫދީން ގުޅިގެން ފެށި މި ހަނގުރާމަ ތިންވަނަ މަހަކަށް ދެމިގެން ގޮސްފައިވާއިރު، ޙަމަލާތަކުގައި އީރާންގެ އެތައް ހާސް ބަޔަކު ވަނީ ޝަހީދު ކޮށްލާފައެވެ. އަދި، ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް ވަނީ ލޮޅުން އަރާފައެވެ. ޓްރަމްޕްގެ އިންޒާރުތަކަށް ރައްދުދެއްވަމުން އީރާންގެ ޤާނޫނުހަދާ މަޖިލީހުގެ ޤައުމީ ސަލާމަތާބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހީމް ޢަޒީޒީ ވިދާޅުވީ، ވޮޝިންގޓަނުގެ ބިރުދެއްކުމަށް ތެހްރާނުން ފަސްނުޖެހޭނެ ކަމުގައެވެ.
އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައާ ގުޅުވައި، ޔަހޫދީ ދައުލަތް ބަލައިގަތުމަށް އެއްބަސްވެ އިބްރާހީމް މުޢާހަދާގައި ސޮއިކުރުވުމަށް ޓްރަމްޕް ގެންދަވަނީ މުސްލިމް ޤައުމުތަކަށް މަޖުބޫރުކުރައްވަމުންނެވެ. ނަމަވެސް، ސަޢޫދީ ޢަރަބިއްޔާ، ޤަޠަރު، ޕާކިސްތާން، ތުރުކީވިލާތް، މިޞްރު އަދި އުރުދުނުން ވަނީ އެ ކަމަށް އިންކާރުކޮށްފައެވެ. އީރާންގެ ބަނދަރުތަކުގައި އަޅުވާފައިވާ ޙިޞާރު ތަން
ފީޒުކުރުމަށް 15,000 އެއްހާ އެމެރިކާ ސިފައިންގެ ފައުޖެއް އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާއިރު، އީރާނުން ދަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ފުރުޞަތު ގިނަ އުޅަނދުތަކަކަށް ދެމުންނެވެ. މި ގޮތުން، މޭ 27 ވަނަ ދުވަހު އެކަނިވެސް، 23 އުޅަނދަކުން ވަނީ އެ ކަނޑުއޮޅި ހުރަސްކޮށް ދަތުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ