ޝަހުޒާންއާއި ލީވާން ޖަލުގައި ތިބި ގޮޅިން މޯބައިލް ފޯނެއް ފެނުމާއި ގުޅިގެން، އެމައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުގީގުކުރަމުންދާކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ޝަހުޒާން ހުކުމް ތަންފީޒުކުރުމަށްފަހު ޖަލުން މިނިވަންވެ ނޫސްވެރިންނަށް ދިން އިންޓަރވިއުއެއްގައި އޭނާ އޮތް ގޮޅިއަށް، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން، ޖަލު އޮފިސަރުންވަދެ ބިރު ދެއްކިކަކަމަށް ބުނެ ދައްކަމުންދާ ވާހަކަ ވަޒީރުވަނީ ދޮގުކުރައްވާފައެވެ.
ކޯޓު އަމުރާ ޚިލާފުވެގެން ނޫސްވެރިޔާ ޝަހުޒާންއާއި ލީވާން ޖަލަށް ލާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. ޝަހުޒާނަށް ކުރި 15 ދުވަހުގެ ހުކުމް ނިންމުމަށްފަހު ބުދަ ދުވަހު މިނިވަންވުމަށްފަހު ނޫސްތަކަށް ދިން އިންޓަރވިއުއެއްގައި ޝަހުޒާންވަނީ އޭނާއާއި ނޫސްވެރިޔާ ލީވާން ޖަލުގައި ތިބި ގޮޅިން ވަކިކޮށް ދެގޮޅިއަކަށް ލީ ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަށް އޭނާއަށް ބިރުދެއްކުމަށްކަމަށެވެ. އަދި އޭނާ އޮތް ގޮޅިއަށް ވަދެ ޖަލު އޮފިސަރުން އޭނާއަށް ބިރުދައްކާފައިވާކަމަށެވެ.
މިކަމާއި ގުޅިގެން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔަތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަހުޒާން ހަދަމުންދަނީ ކަނޑައެޅިގެން ދޮގު ކަމަށެވެ. ވަޒީރު ވިދާޅުވީ އާންމުންގެ ފަރާތުން ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޝަހުޒާންއާއި ލީވާން ތިބި ގޮޅި ބަލައި ފާސްކުރިއިރު، އެގޮޅީގައި އަލަމާރީގައި ހުރި އަންނައުނު ތަކުގެ ތެރެއިން މޯބައިލް ފޯނެއް ފެނިފައިވާކަމަށެވެ.
އަދި އެފަދަ ކަމެއް ހިނގައިފިނަމަ، އެހެން ގައިދީންނާމެދު އަމަލުކުރާ އުސޫލުން މިދެމީހުންގެ މައްސަލައިގައިވެސް ދެމީހުން މޮނީޓަރކުރެވޭގޮތަށް ވަކިން ދެމީހުން ބައިތިއްބާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިފަދަކަމެއް ހިނގައިފިނަމަ މީގެކުރިންވެސް ވަކި ގަޑިތަކެއްގައި ގައިދީން ތިބޭ ގޮޅިއަށްގޮސް ބަލައި ފާސްކުރާކަމަށާއި އެއީ ވަކި ފަރާތަކުން އަންގައިގެންކުރާކަމެއް ނޫންކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ޖަލުގެ އެފަދަ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާއަށް ހުންނަ ބޭފުޅަކު ގޮތް ނިންމަވަންޖެހޭކަންކަމެއް ނޫންކަމަށާއި، ވަޒީރުގެ މަޤާމާ ހަވާލުވެވަޑައިގެންނެވިފަހުން ދުވަހަކުވެސް ރައީސުލްޖުމްހޫރިއްޔާ، ޖަލުގެ އެފަދަ އެއްވެސްކަމެއްގައި އިރުޝާދެއް ދެއްވާފައިނުވާކަމަށެވެ.
މިމައްސަލައާއި ގުޅިގެން އިތުރަށް ތަފްސީލް ހިއްސާކުރައްވަމުން ވަޒީރުވަނީ، ޝަހުޒާންއާއި ލީވާން ދެގޮޅިއަށް ލީ މައްސަލައިގައި ރާއްޖޭގައި ހިންގާ 3 ނޫހަކުން އެމަނިކުފާނަށް ގުޅިކަމަށާއި، މިކަމުގައި ކަން ހިނގިގޮތް ތަފްސީލުކޮށް ކިޔައިދިން ނަމަވެސް ރައްޔިތުންނަށް ތެދު ހާމަވާނެހެން އެނޫސްތަކުން މިޚަބަރު ސާފުކޮށް، ގެނެސްދީފައި ނުވާކަމަށެވެ. އަދި އެނޫސްވެރިންގެ ޒިންމާ އެދުވަހު އަދާކުރިނަމަ، ޝަހުޒާން ޖަލުން މިނިވަންވެ ހެދި ދޮގުތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަވާނެކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ މިމައްސަލައިގައި ޝަހުޒާންއާއި ލީވާން ތިބި ގޮޅިން ފެނުނު، މޯބައިލް ފޯނުގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުގީގުކުރަމުންދާކަމަށެވެ.
ކޯޓު އަމުރާ ޚިލާފުވެގެން ޝަހުޒާންގެ މައްޗަށްކޮށްފައިވަނީ 15 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި ލީވާންގެ މައްޗަށްކޮށްފައިވަނީ 10 ދުވަހުގެ ހުކުމެކެވެ.
ޝަހުޒާންއާއި ލީވާން ޖަލުގައި ތިބި ގޮޅިން މޯބައިލް ފޯނެއް ފެނުނު މައްސަލަ ތަޙުގީގުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ