"އަދަދު" ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނަސީރު މާފުށީ ޖަލުގައި ބަންދުގައި ކޮށްފައި ތިބި ގޮޅިން މޮބައިލް ފޯނެއް ފެނުނު ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
"އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮޮށް، އެ އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި، ޝަހުޒާން ޖަލަށްލީ 15 ދުވަހަށެވެ. ލީވާން ބަންދުކުރީ 10 ދުވަހަަށެވެ. އެ ދެ ނޫސްވެރިން ވެސް މިހާރު ވަނީ ހުކުމް ތަންފީޒުކޮށް ނިމި، މިނިވަންވެފަ އެވެ.
މިނިވަންވުމަށް ފަހު އިއްޔެ ޝަހުޒާން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އާއި ލީވާން އެކުގައި އެއް ގޮޅިއެއްގައި ފުރަތަމަ ބޭއްތިބުމަށް ފަހު، ވަކިކޮށް އެކަހެރި ގޮޅިއަކަށްލީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ކަމަށެވެ. އޭނާގެ ގޮޅިއަށް ކޮންމެ ރެއަކު ޖަލު އޮފިސަރުން ދަގަނޑު މުގުރާއި މަރުތޭލަ ހިފައިގެން ވަދެ އެނދާއި ފާރުތަކުގައި ތަޅާހެދީ އޭނާއަށް ބިރުދައްކަން ކަމަށް ވެސް ބުންޏެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި ހޯމް މިނިސްޓަރު އިހުސާން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝަހުޒާން ދެއްކީ "100 ޕަސެންޓް ދޮގު ވާހަކަ" ކަމަށެވެ.
The most trusted news source in the Maldives
މިނިސްޓަރު ވިދާޅުވީ އާންމު މީހަކު ދިން މައުލޫމާތަކާ ގުޅިގެން ޝަހުޒާނާއި ލީވާން އަދި އިތުރު ދެ މީހަކު ބަންދުކޮށްފައި ތިބި ޖަލު ގޮޅި ކަރެކްޝަން އޮފިސަރުން ވަދެ އެ މީހުންގެ ހާޒިރުގައި ބަލާފާސްކުރިއިރު ކަބަޑުގެ ތެރޭގައި ހުރި އަންނައުނުތަކެއްގެ ތެރެއިން ފޯނެއް ފެނިފައިވާ ކަމަށެވެ.
"މިކަމާ ގުޅިގެން ޖަލުގެ އެހެން ގައިދީންނާ ވެސް މިފަދަ ކަންކަމުގައި އަމަލު ކުރާ ގޮތަށް މި ދެ މީހުން ވާނީ މޮނިޓާ ކުރެވޭ ގޮތަށް ވަކިން ދެ ގޮޅީގައި ބަންދުކުރެވިފައި. އަދި އެ ފަހުން މީގެ ކުރިން ވެސް ޖަލުގެ ކަންކަމުގައި އަމަލުކުރާ ފަދައިން އެ ގޮޅިތައް ވާނީ ވަކި އިންޓަވަލްތަކުގައި ބަލާފާސްކޮށްފައި،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ޖަލަށް ވެއްދުން މަނާތަކެތި ގޮޅިން ފެނިފައިވާ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެއީ ވަކި ގައިދީއަކަށް ވެގެން ނޫނީ ވަކި މީހަކަށް ވެގެން ޖަލު އޮފިސަރުނ ކުރާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ޖަލުގެ މިފަދަ ކަންކަމަކީ ރައީސް މުއިއްޒު ގޮތް ނިންމަވާ އަދި އެ މަނިކުފާނު އެއްވެސް ވަރަކަށް އިރުޝާދު ދެއްވާ ކަންކަމެއް ނޫން ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
The most trusted news source in the Maldives
ނަމަވެސް، ގޮޅިން ފެނުނު މޯބައިލް ފޯނަކީ ދެ ނޫސްވެރިންނާ ގުޅުން އޮތް އެއްޗެއް ކަން ސާބިތުވި ކަމެއް ނުވަތަ ނޫން ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. އަދި ގޮޅީގައި ދެން ތިބި މީހުންނާ މެދު އެ ފިޔަވަޅު އެޅި ކަމެއް ނުވަތަ ނޫން ކަމެއް ވެސް ނޭނގެ އެވެ.
ލީވާންގެ ގާނޫނީ ޓީމުން ބުނެފައިވާ ގޮތުގައި އޭނާ ބަންދުގައި ބެހެއްޓި ގޮޅީގައި އިތުރު މީހަކު ނެތް ކަމާއި އެއީ މުޅިން އެކަހެރިކޮށް ބޭއްވުން ކަމަށެވެ. އަދި އެ ގޮޅިއާ ޖެހިގެން ހުރީ މަރުގެ މައްސަލަތަކުގައި ތުހުމަތުވާ މީހުން ތިބި ގޮޅިތަކެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ވަކީލު ފާހަގަކޮށްފައިވާ ގޮތުގައި ލީވާންގެ ސިއްހީ ފަރުވާއަށް ވެސް ކަރެކްޝަނަލް ސާވިސް އިން ހުރަސްއެޅި އެވެ. އޭނާއަކީ ހަމުގެ މައްސަލައެއް ހުންނަ މީހަކަށް ވާއިރު ޖަލަށްލީ ފަހުން އެ ހާލަތު ގޯސްވި ކަމަށެވެ. އެ ހާލަތަށް ބޭނުންވާ ހާއްސަ ލޯޝަނެއް އާއިލާއިން ޖަލަށް ފޮނުވި ނަމަވެސް، އެ ލީވާން އަށް ފޯރުކޮށްދީފައި ނުވާ ކަމަށް އާއިލާއިން ވެސް ވަނީ ބުނެފަ އެވެ.
ނޫސްވެރިން ފާހަގަކުރި މި ކަންކަމާ ގުޅޭ ތަހުގީގެއް ހިއުމަން ރައިޓްސް ކޮމިޝަންއިން ދަނީ ކުރަމުންނެވެ.
ޝަހުޒާނާއި ލީވާން ތިބި ޖަލު ގޮޅިން ފޯނެއް ފެނުނު، މައްސަލަ ތަހުގީގު ކުރާނެ: މިނިސްޓަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ