ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަ ޖެނެރަލް މުހުތާޒު މުހުސިން ސިޔާސީ ވެއްޖެ ކަމަށް އާބާދީގެ 70 އިންސައްތައަށް ވުރެ ގިނަ މީހުންގެ ތާއީދު ހޯދާފައިވާ ޖުމްހޫރީ ޕާޓީއާއި އެމްޑީޕީން މިއަދު ވަނީ ބުނެފަ އެވެ. އެ ދެ ޕާޓީއަށް ދިވެހި ރައްޔިތުންގެ 70 ޕަސަންޓް ތާއީދު އޮތްކަން އިނގެނީ ފާއިތުވި ދުވަސްތަކުގައި ބޭއްވުނު އިންތިހާބު ތަކުގައި އެ ޕާޓީ ތަކުން ހޯދާފައިވާ ނަތީޖާތަކުންނެވެ. އެހެންކަމުން 70 ޕަސަންޓް ގެނައި ގޮތް ސާފުކުރެއްވުމަށް "70 ގެ" ދައުވާއެއް ނުކުރައްވާނެ ކަމަށް އުއްމީދުކުރަމެވެ.
ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަ ޖެނެރަލް ސިޔާސީ ވެއްޖެ ކަމަށް އެމްޑީޕީއާ ޖޭޕީން މިއަދު ބުނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އިތުރު ބައެއްގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދިއުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލެއްވުމާއި ގުޅިގެން އެމަނިކުފާނާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޕީޖީ މުހުތާޒު މުހުސިން ރޭ ހަވީރު ނޫހުގައި ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދުދެއްވަ އެވެ.
ޕީޖީ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގާނޫނު އަސާސީގެ ރޫހާ ހިލާފުވެއްޖެ ކަމަށާއި އަޅާނެ ފިޔަވަޅެއް ބަލަމުންދާ ކަމަށެވެ. ނަމަވެސް ގާނޫނު އަސާސީއާ ހިލާފުވި ގޮތެއް ވިދާޅުވެފައެއް ނުވެ އެވެ.
ނަޝީދުގެ މައްސަލަ އަނބުރާ ގެންދިއުމަށް ގާސިމް ގޮވާލެއްވުމުން އެމަނިކުފާނާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމުގައި ޕީޖީ ވިދާޅުވާއިރު ނަޝީދުގެ މައްސަލަ އަނބުރާ ގެންދިއުމަށް ގާސިމް އިބްރާހިމަށް ވުރެ ކުރިން ޕީޕީއެމުން ވަނީ ގޮވާލާފަ އެވެ. ޕީޕީއެމުން އެކަމަށް ގޮވާލެއްވީ މީގެ އެއް އަހަރާ އެއްމަސް ކުރިން އެ ޕާޓީގެ އޭރުގެ ތަރުޖަމާން އަދި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް އެވެ. މަހްލޫފް އެކަމަށް ގޮވާލެއްވީ ޓްވިޓާގައި 23 ނޮވެމްބަރު 2013 ގައެވެ. އެ ހަބަރު ރާއްޖޭގެ ބައެއް މީޑިއާ ތަކުގައި ޝާއިއުކޮށްފައިވެސްވެ އެވެ.
"ޕީޕީއެމްގެ ސްޕޯކްސްޕާސަން މަހްލޫފް ޓްވިޓާ މެދުވެރިކޮށް ވިދާޅުވީ ނަޝީދުގެ މައްޗަށް ކޮށްފައިވާ ދައުވާ، ގައުމާއި ރައްޔިތުންގެ މަސްލަހަތަށްޓަކައި އަނބުރާ ގެންދިއުމަށް ރައީސް ޔާމީނަށް ގޮވާލައްވާ ކަމަށެވެ." ހަވީރު ނޫހުގައި ޝާއިއު ކޮށްފައިވަނީ އެގޮތަށެވެ.
ޕީޕީއެމްގެ މެންބަރެއް ކަމުގައިވާ މަހްލޫފް ވިދާޅުވީމާ ޕީޖީ އެ ހަނދާން ނެތުނީތޯ އެވެ. ނޫނީ ސިޔާސީ ބޭފުޅުން ވިދާޅުވާ ފަދައިން ސިޔާސީ ފަރާތެއްގެ ނުފޫޒުގައި ތާށިވުމުން ވަކި ބޭފުޅަކު ވިދާޅުވާހާ ގޮތަކަށް އަމަލުކުރަން މަޖުބޫރުވަނީތޯ އެވެ. ނަމަވެސް ގާނޫނު އަސާސީ އެކުލަވާލެވިފައިވަނީ ޕީޖީ ބޭނުންވުމުން ބޭނުންވާހާ ކަމެއް ހިތްޕުޅާވި ގޮތަކަށް ކުރެއްވޭ ގޮތަކަށް ނޫނެވެ. ޕީޖީއަށް "ގޮތަކަށް" ފެނިވަޑައިގަތެއް ކަމަކު ގާނޫނު އަސާސީގައި ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ބައެއް ކަމަށް ބުނެފައިވެ އެވެ.
ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައި ބުނެފައިވަނީ ގާނޫނުގެ ކުރިމަތީގައި، އަދި އެމީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަ ވެގެންވާ މީހެއް ކަމުގަ އެވެ. އަދި ގާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއި އެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ހައްގެއް ކަމުގައިވެސް އެ މާއްދާގައިވެ އެވެ.
ނަޝީދުގެ މައްސަލަ އަނބުރާ ގެންދިއުމަށް ގާސިމް އިބްރާހިމް ގޮވާލެއްވުމުން ފިޔަވަޅު އަޅުއްވަން ތިހާ ވަރުގަދަ ޖޯޝަކާ ފޯރިއެއް ހުންނެވިނަަމަ ފިޔަވަޅު އަޅުއްވާށެވެ. އެކަމަކު ގާނޫނު އަސާސީއާ ގާނޫނުގެ އިމުގެ ތެރޭގައި އެކަން ކުރިއަށް ގެންދަވާށެވެ. އަދި ފިޔަަވަޅު އަޅުއްވާނަމަ ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައިވާ ގޮތަށް ތަފާތުކުރުމެއްނެތި އެކަން ކުރައްވާށެވެ. ދައުވާ ކުރާ ލިސްޓުގެ ކުރީގައި ޕީޖީ މިހާރު ހިމަނުއްވާފައިވާ ގާސިމް އިބްރާހިމްގެ ނަމުގެ ކުރިއަށް އަހްމަދު މަހްލޫފުގެ ނަން ގެންނަވާށެވެ. މިހެން ދެންނެވި ނަަމަވެސް ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އޮތް ގޮތުން ގާސިމަށްވެސް އަދި މަހްލޫފަށް ވެސް ފިޔަވަޅު އެޅޭނެ ޖާގަ އޮތް ކަމަކަށް ނުދެކެމެވެ.
ގާނޫނު އަސާސީގެ 27 ވަަނަ މާއްދާގައި ބުނެފައިވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތެއްގެ މަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ހިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ.
މިހާރުގެ ޕްރޮސެކިއުޓަ ޖެނެރަލް މުހުތާޒު މުހުސިނަށް މަޖިލީހުން ރުހުން ދެއްވުމަށް ވޯޓަށް އެހުމަށް ތައްޔާރުވަމުން ދިޔައިރު ބައެއް ސިޔާސީ ބޭފުޅުން ވިދާޅުވަމުން ގެންދެވި ވާހަކަތައް ހަނދާންކޮށްލުމަކީވެސް ވަގުތާ ހާލަތަށް ބަލާއިރު ގޯސް ކަމަކަށް ނުވާނެ ކަަމަށް އުއްމީދުކުރަމެވެ. އޭރު ބައެއް ސިޔާސީ ޕާޓީތަކުން ބުނަމުން ދިޔައީ މުހުތާޒަކީ މިނިވަން މުސްތަގިއްލު މަގާމަކަށް އައްޔަނު ކުރަން އެކަށީގެންވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު އެ މަގާމަށް އައްޔަންކުރައްވައިފިނަމަ ސިޔާސީ ނުފޫޒު އެމަނިކުފާނުގެ މައްޗަށް އަންނާނެ ކަމަށާއި ޕީޖީގެ މުސްތަގިއްލުކަން ގެއްލިގެން ދާނެ ކަމަށްވެސް ސިޔާސީ ފަރާތްތަކުން އޭރު ބުނެފައިވެ އެވެ.
ސިޔާސީ ނުފޫޒު ގަދަ ބައެއް ބޭފުޅުންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ މަޝްހޫރު ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވާ ފަދައިން ޕީޖީ އަކީ ސިޔާސީ މީހުންގެ "ޕަޕެޓަކަށް" ވެގެން ނުވާނެ އެވެ. ގާނޫނު އަސާސީގެ 220 ވަނަ މާއްދާގެ (ނ) އޮތް ގޮތުން ސިޔާސީ މީހުންގެ ދަށުވެގެން ނުވަތަ ވަކި މީހަކު ބުނާހާ ގޮތަކަށް ކަންކަން ކުރުމުގެ ބާރު ޕީޖީއަށް ލިބިވަޑައިގެންފައެއް ނުވެ އެވެ.
ގާނޫނު އަސާސީގައި 220 ވަނަ މާއްދާގެ (ނ)ގައި ބުނެފައިވަނީ ޕްރޮސެކިއުޓަ ޖެނަރަލަކީ އޭނާގެ މަސްއޫލިއްޔަތު އަދާކުރުމުގައްޔާއި އޭނާއަށް ލިބިފައިވާ ބާރުތައް ބޭނުންކުރުމުގައި އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތަކުން އަންގާ ގޮތަށް ކަންކަން ކުރާ އަދި އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށުގައިވާ މީހަކަށް ވެގެން ނުވާނެ ކަމަށެވެ. ޕްރޮސެކިއުޓަ ޖެނަރަލްގެ މަސްއޫލިއްޔަތުޔައް އަދާކުރަންވާނީ އަދި ބާރުތައް ބޭނުންކުރަންވާނީ އެއްވެސް ފަރާތަކަށް ޖެހިލުންވުމެއް ނެތި ވަކި ފަރާތަކަށް މަންފާއެއް ހޯދައިދިނުމެއް ނެތި ތައައްސުބުން އެއްކިބާވެ ހުރެ ބަންޑާރަނައިބު ކަނޑައަޅާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތަށެވެ. އަދި އޭނާގެ މަސައްކަތުގެ އަސާސް ބިނާކުރަންވާނީ ހަމަހަމަކަމާއި، ހާމަކަމާއި، ޖަވާބުދާރީވުމުގެ މައްޗަށް ކަމަށްވެސް އެމާއްދާގައިވެ އެވެ.
ގާނޫނު އަސާސީއާ ގާނޫނުތަކުގައި ޕީޖީ އަމަލުކުރައްވަންވީ ގޮތާއި ދައުވާ ކުރުމުގައި ގެންގުޅެންވީ ހަަމަތައް ކަނޑައަޅާދީފައިވާއިރު ޕީޖީ ހިންގަވަން ވާނީ އެ މަގުންނެވެ. އެގޮތަށް އަމަލުނުކުރެއްވޭނަމަ ޖުމުހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހީމް މިއަދު ވިދާޅުވި ފަދައިން އަދި މާޒީގެ ތަޖުރިބާއަށް ބަލާއިރު ރައްޔިތުން ނިކުމެ ޕީޖީއަށް ޖަވާބުދީފާނެ އެވެ. ރައްޔިތުން ނިކުމެ ޕީޖީ ޖަވާބުދާރީ ކުރުވާ މަންޒަރު ބަލަން އަޅުގަނޑުމެން ބޭނުމެއް ނޫނެވެ. އަޅުގަނޑުމެން އެދެނީ މިނިވަން މުސްތަގިއްލު ބޭފުޅެއްގެ ގޮތުގައި ގާނޫނު އަސާސީއާ ގާނޫނީ އިމުގެ ތެރޭގައި މަނިކުފާނު އަމަލުކުރެއްވުމަށެެވެ.
ސިޔާސީ ބޭފުޅުން ސިޔާސަވެލައި ކަންކަމުގައި ސަމާސާކޮށްލި ނަމަވެސް މަނިކުފާނު ތިހުންނެވީ ސަމާސާކުރެއްވޭ ފަދަ މަގާމެއްގައެއް ނޫނެވެ. އެހެންކަމުން ގާނޫނު އަސާސީއާ ގާނޫނުތައް އަތްޕުޅަށް ލައްވައިގެން ސަމާސާ ނުކުރައްވާށެވެ. މަނިކުފާނު ރޭގެ ވަގުތެއްގައި ތިކޮށްލެއްވި ސަމާސާއަކުން އަޅުގަނޑުމެން އަންނަނީ ހިންޏެވެ. އެކަމަކު މަނިކުފާނުގެ އެ ސަމާސާ ބަސްފުޅުން ގައުމަށާއި ރައްޔިތުންނަށް ލިބޭނީ ގެއްލުމެވެ. އެހެންކަމުން އަވަހަށް ގާނޫނު އަސާސީގެ އިމުގެ ތެރެއަށް ވަޑައިގަންނަވާށެވެ.
ރައްޔިތުން ނިކުމެ ޕީޖީއަށް ޖަވާބު ދިނުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ