ފެންނަމުން މިދަނީ އެމްޑީޕީގެ ވެރިކަން ވެއްޓެން ދިޔަ ގޮތާ ދާދި އެއް މަންޒަރެއް : ނަޝީދު

ރައީސް ޔާމީންގެ ސަރުކާރުގެ ތެރެއިން މިއަދު ފެންނަމުން މިދަނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އެމްޑީޕީގެ ސަރުކާރު ވެއްޓެން ދިޔަ ގޮތާއި ދާދި އެއް މަންޒަރެއް ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ޒައިދު ފިއުޗާ އެނާޖީ އެވޯޑް ދިނުމުގެ ހަފްލާގައި ބައިވެރިވެ ވަޑައިގަތުމަށްފަހު އަބޫދާބީން އެނބުރި ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި މިއަދު މެންދުރުފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު އަބޫދާބީއަށް ފުރި ފަހުން ރާއްޖެ މިވަނީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި ކަމަށެވެ.
"ރައީސް ޔާމީންއަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑާ އެއް މިންވަރަށް، އަޅުގަނޑުގެ ސަރުކާރު ވެއްޓިގެން ދިޔަ ގޮތް. އެ އިރުގައި ކަންތައް ދިމާވަމުން އައި ގޮތް. އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ ފިޔަވަޅަކުން ފިޔަވަޅަކުން ހަމަ ސީދާ އެ މަންޒަރު،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ ކާމިޔާބުގެ އައްސޭރިއަކަށް ރާއްޖެ އަށް ދެވެން އެބައޮތް ކަމަށާއި ގިނަ ދުވަސްތަކެއްގެ ހަރާބުގެ ތެރެއަށް ގެންދެވުމުގެ ފުރުސަތުވެސް އެބައޮތް ކަމަށެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ރައީސް ޔާމީން ނިންމަވާފައިވަނީ މިމަހުގެ 25 ވަނަ ދުވަހު ޗައިނާގެ ސިލްކް ރޫޓްގެ އެގްރިމެންޓްގައި ސޮއެ ކުރައްވަން ކަމަށާއި، އެ އެގްރީމެންޓާއެކު ދެ ބިލިއަން ޑޮލަރަށް 99 އަހަރަށް ލ. އަތޮޅުން ބޮޑު ބިމެއް މިލިޓަރީ ބޭސްއެއް ހެދުމަށް ޗައިނާއަށް ދޭން ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް އެކަން ކޮށްފި ނަމަ ރާއްޖެ އާއި ބޭރުގެ އެހެން ގައުމުތަކުގެ ގުޅުން ވަރަށް ގޯސްވެގެން ދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ނަޝީދު ވަނީ ސިޔާސީ އެކި ފަރާތްތަކާ ދެކޮޅަށް ސަރުކާރުން މިހާރު ކުރަމުންދާ ކަންތައްތައް ހުއްޓާލުމަށް ރައީސް އަބްދުﷲ ޔާމީނަށް ގޮވާލައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ގައުމު ހަމަނުޖެހުމުގެ ތެރެއަށް ގެންގޮސްގެން ނުވާނެ ކަމަށާއި ހުރިހާ ސިޔާސީ ފަރާތްތަކާ ވެސް މަޝްވަރާ ކުރަންޖެހޭނެ ކަމަށެވެ.
އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބެއްލެވުމުގެ ދަށުން ޕާޓީތަކުގެ މެދުގައި މިހާރު ވެސް މަޝްވަރާތައް ކުރުމަށް ލަސްވެފައިވާ ކަމަށާއި، ގާނޫނު އަސާސީއަށް ބަދަލެއް ގެންނަ ނަމަ އެކަން ވެސް ޕާޓީތަކުން އެއްބަސްވެވޭ ގޮތެއްގެ މަތިން ކުރުމަށް ވެސް ސަރުކާރަށް ނަޝީދު ވަނީ ގޮވާލައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ