ސަރުކާރުގެ މަގްސަދަކީ ކައުންސިލަރުން މަދުކޮށްގެން ކައުންސިލްތަކުގެ މައްޗަށް ބާރުވެރިވުން: ޝާހިދު ސަރުކާރުގެ މަގްސަދަކީ ކައުންސިލަރުން މަދުކޮށްގެން ކައުންސިލްތަކުގެ މައްޗަށް ބާރުވެރިވުން: ޝާހިދު

ސަރުކާރުގެ މަގްސަދަކީ ލޯކަލް ކައުންސިލްތަކުގެ އަގު ވައްޓާލައި، ކައުންސިލަރުންގެ އަދަދު މަދުކޮށް ކައުންސިލްތަކުގެ މައްޗަށް ބާރުވެރިވުން ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ފުވައްމުލަކު ސިޓީގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، އަންނަ އަހަރު ބާއްވާ ކައުންސިލްތަކުގެ އިންތިހާބުން "ބޮޑުތަނުން ބަލިވާނެކަން" ސަރުކާރަށް މިހާރު ޔަގީން ކުރެވިފައިވާ ކަމަށެވެ. ކައުންސިލްތަކުގެ ބާރު ކަނޑުވާލަން ސަރުކާރުން މަސައްކަތް ކުރަނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީ ބޮޑުތަނުން ބަލިވާނެކަން ގަބޫލުފުޅު ކުރެއްވޭތީ މިހާރު ފައްޓަވާފައިވާ މަސައްކަތަކީ ކައުންސިލްތަކުގެ އަގުވައްޓާލުމާއި ކައުންސިލްތަކުގެ ބާރު ކަނޑުވާލުމާއި ކައުންސިލްތައް ކުޑަ ކުރުން،" ޝާހިދު ވިދާޅުވި އެވެ.
ކައުންސިލަރުންގެ އަދަދު މަދު ކުރުމުން ދައުލަތުގެ ބަޖެޓަށް ލުއިވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ޝާހިދު ވިދާޅުވި އެވެ. މަދު ކުރާ ކައުންސިލަރުންގެ ބަދަލުގައި، ކައުންސިލްތަކަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި މިނިސްޓްރީ އޮފް ސިޓީސްއަށް ސިޔާސީ މުވައްޒަފުން އައްޔަން ކުރާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
"ބަޖެޓަށް އެއްވެސް ލުޔެއް ނާންނާނެ. ހަމައެކަނި ކުރައްވަން ބޭނުންފުޅުވާ ކަމަކީ ސިޓީ ކައުންސިލުގެ މައްޗަށް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާ އައްޔަން ކުރުމަށްފަހު ރައްޔިތުންގެ އަތުން ބާރު ނިގުޅައިގަތުން،" އޭނާ ވިދާޅުވި އެވެ.
މި ސަރުކާރު ވެރިކަމަށް އައި ފަހުން ލާމަރުކަޒީ ނިޒާމު ފުނޑާލަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ޝާހިދު ފާހަގަ ކުރެއްވި އެވެ. ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުމާއެކު އެ މަސައްކަތް ކޮންމެވެސް ވަރަކަށް ކާމިޔާބުވެ، ކައުންސިލްތަކުގެ ބާރުތައް ވަރަށް ބޮޑަށް ހަނިކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"މިހާރު މި އޮތީ ދެ ފުށުން ރޮންދާ ޖައްސައިގެން ގޮސް ކައުންސިލްތަކަށް ދީފައި އޮތް ބާރު ރޮންދާލަމުން ގޮސް ތުނި ސަފްހާއަކަށް ވާވަރަށް [ތުނިކޮށްފައި]،" ޝާހިދު ވިދާޅުވި އެވެ.
ކައުންސިލަރުންގެ އަދަދު މަދު ކުރުމަކީ ރައީސް މުހައްމަދު މުއިއްޒު ގެންގުޅުއްވާ ވިސްނުމެކެވެ. އޭގެ ބޭނުމަކީ ދައުލަތުގެ ހަރަދު ކުޑަ ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވެ އެވެ.
ލޯކަލް ކައުންސިލްތަކުގެ ބާރު ހަނިވާ ގޮތަށް ސަރުކާރުން ވަނީ ގާނޫނަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި ކައުންސިލްތަކުގެ ދަށުގައި ހުންނަ ބައެއް ބިންތައް ސަރުކާރަށް ނެގޭ ގޮތަށް އިސްލާހެއް ވަނީ ފާސްކޮށްފަ އެވެ. އަދި ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ވެސް ސަރުކާރަށް ނުފޫޒު ފޯރުވޭ ގޮތަށް ވަނީ ބަދަލެއް ގެނެސްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ