ހިތުގެ އާލާސްކަންފުޅެއްގައި ސިންގަޕޫރުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އުޅުއްވަނީ ފިއްލަވައިގެން ނޫން ކަމަށާއި އޭނާ ރާއްޖެ ގެނައުމަށް ފުލުހުންގެ އެހީއަށް އެދުމަކީ ކަރެކްޝަންސް އިން ހިންގި ފިޑި އަމަލެއް ކަމަށް އެ ޕާޓީގެ ސެކެޓަރީ ޖެނަރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ.
ސަމީރު މިހެން ވިދާޅުވީ ގާސިމްއަށް ބޭސްފަރުވާއަށް ދިން މުއްދަތު ހަމަވި އިރުވެސް އެމަނިކުފާނު ރާއްޖެ ވަޑައިގެންފައި ނުވާތީ ގާސިމް އުޅުއްވަނީ ފިއްލަވައިގެން ކަމަށް ބެލެވޭނެ ކަމަށް ކަރެކްޝަންސް އިން މިއަދު ބުނުމާ ގުޅިގެން އެވެ.
އިދިކޮޅު ޕާޓީތަކުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސަމީރު ވިދާޅުވީ ގާސިމް ރާއްޖެ ވަޑައިގަތުމަށް ކަރެކްޝަން އިން އަނގާފައި ވަނީ އެމަނިކުފާނުގެ ބޭސްފަރުވާ ފުރިހަމަ ނުވަނީސް ދަތުރު ނުކުރެވޭނެ ކަމަށް ޑޮކްޓަރުން ބުނެފައި ވަނިކޮށް ކަމަށެވެ. އަދި އެމަނިކުފާނަށް ރާއްޖެ ނާދެވިފައި ހުރީ ބޭސްފަރުވާ ފުރިހަމަ ނުވާތީ އެކަމުގެ ހުއްދަ ނުލިބިގެން ކަމަށާއި ނަމަވެސް ގާސިމްއާ މެދު ސަރުކާރުން އަމަލު ކުރައްވަނީ އިންސާފުވެރި ގޮތަކަށް ނޫން ކަމަށް. ސަމީރު ވިދާޅުވި އެވެ. އަދި ގާސިމް ހުރީ ފިއްލަވައިގެން އުޅުއްވާ ކަމަށް ގަބޫލު ނުކުރާ ކަމަށް ސަމީރު ވިދާޅުވި އެވެ.
"ގާސިމް ފިއްލަވައިގެން އުޅޭ ކަމަށް ކަރެކްޝަން އިން ބުނާ ކަމަށް ވާނަމަ އިންސާފުވެރިވާހަކައެއް ނޫން، ފިއްލަވައިގެން އުޅޭ ކަހަލަ ހާލަތެއް ނުވަތަ އުޅޭނެ ކަމަށް ވެސް ޖުމްހޫރީ ޕާޓީން އަދި އިދިކޮޅު ޕާޓީތަކުން ގަބޫލެއް ނުކުރޭ،" ސަމީރު ވިދާޅުވި އެވެ. "ސަރުކާރުން އަނިޔާވެރިކަމަށް އިސްކަން ދީގެން އަމަލު ކުރުމަކީ ގަބޫލު ކުރާނެކަމެއް ނޫން، ބޭސްފަރުވާއަށް މުއްދަތު ދޭން ޖެހޭ، ގާނޫންތަކާއި ކޯޓުގެ ހުކުމުގައި ވެސް ފާހަގަކޮށްފައި އެބަވޭ އެމަނިކުފާނަށް އެ ފުރުސަތު ލިބެން ޖެހޭ ކަމަށް،" ސަމީރު ވިދާޅުވި އެވެ.
ގާސިމްގެ މައްސަލާގައި އެމަނިކުފާނުގެ ވަކީލުން މީގެ ކުރިން ބުނެފައި ވަނީ ގާސިމް ފިއްލަވައިގެން ބޭރު ގައުމުގައި ނޫޅުއްވާނެ ކަމަށާއި ނަމަވެސް ބޭސްފަރުވާ ފުރިހަމަ ކުރެއްވުމަށް ފަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ކަރެކްޝަން އިން ގާސިމްގެ ބޭސްފަރުވާއަށް އެންމެ ފަހުން އިތުރުކޮށްދިން ހަތް ދުވަހުގެ މުއްދަތު ވެސް އިއްޔެ ވަނީ ހަމަވެފަ އެވެ.
ހިތުގެ ބައްޔަކަށް ފަރުވާ ކުރައްވަމުން ގެންދަވާ ގާސިމް ވަނީ ކާމިޔާބު އޮޕަރޭޝަނެއް ކުރައްވާފަ އެވެ. ނަމަވެސް އެއަށް ފަހު އިއްޔެ ރާއްޖޭ ވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގަތުމުން ޑޮކްޓަރުން މަޑު ކުރަން ލަފާދީފައި އޮތުމުން އޭނާ ފްލައިޓަކަށް ނާރުވަ އެވެ.
ރިޝްވަތުގެ މައްސަލާގައި ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ހުކުމް އައިސްފައިވާ ގާސިމްގެ ބޭސްފަރުވާއަށް ކަރެކްޝަނުން ފުރަތަމަ ދިނީ 10 ދުވަހުގެ މުއްދަތެކެވެ. ނަމަަވެސް އެ މުއްދަތުގެ ތެރޭގައި ބޭސްފަރުވާ ނުކުރެވޭތީ އިތުރު 10 ދުވަސް ވެސް އެ ސާވިސްއިން ދިނެވެ.
ގާސިމް އުޅުއްވަނީ ފިއްލަވައިގެނެއް ނޫން: ޖޭޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ