ޕެންޝަން ފަންޑުން ގެދޮރޮ ގަތުމަށް ފައިސާ ބޭނުންކުރުމުގެ ގަވާއިދު ގެޒެޓްކޮށްފި

ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިކުރުމުގެ ޕްރޮގުރާމުތަކަށް ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރުމުގެ ގަވައިދު މިއަދު ގެޒެޓްކޮށް އަމަލުކުރަން ފަށައިފި އެވެ.
ސޯޅަ މާއްދާގެ މައްޗަށް އެކުލެވޭ މި ގަވައިދުގެ ނަމަކީ "ގެދޮރު ގަތުމަށްޓަކައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ކޮލެޓަރަލައިޒް ކުރުމާ ބެހޭ ގަވައިދު" އެެވެ.
މި ގަވައިދަކީ މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމް (އެމްއާރްޕީއެސް)ގެ މެންބަރުންގެ ތެރެއިން ގެދޮރު ގަތުމަށް ބޭނުންވާ މެންބަރުންނަށް، އެ މެންބަރެއްގެ ރިޓަޔާމަންޓް ސޭވިން އެކައުންޓް (އާރްއެސްއޭ)ގައި ހުރި ފައިސާ ގެދޮރު ގަތުމުގެ މުއާމަލާ ގުޅިގެން ކޮލެޓަރަލައިޒް ކޮށްދިނުމާ ބެހޭ އުސޫލުތައް ކަނޑައެޅުމަށާއި އެކަމާ ގުޅޭ އެންމެހާ ކަންކަން ހިންގާ ބެލެހެއްޓުމަށްޓަކައި އެކުލަވާލާފައިވާ ގަވައިދެކެވެ.
މި ގަވައިދުގައި ބުނެފައިވަނީ މިސްކީމްގެ ދަށުން ހުއްދަ ކުރެވޭ ލޯނަކީ މިސްކީމް ހިންގުމަށްޓަކައި ޕެންޝަން އޮފީހާއެކު އެއްބަސްވުން ހަދާ ޑައުންޕޭމަންޓްގެ ގޮތުގައި ކޮލެޓަރަލައިޒް ކުރެވޭ ފައިސާ ގަބޫލުކުރަން އެއްބަސްވާ މުއައްސަސާއަކުން ކޮލެޓަރަލައިޒް ކުރުމަށް ޝަރުތު ހަމަވާ މުއާމަލާތްތަކަށް ދޫކުރާ ލޯނަކަށް ވާންވާނެ ކަމަށެވެ.
މިގަވައިދުގައިވާ ގޮތުން ކޮލެޓަރަލައިޒް ކުރުމަށް ޝަރުތު ހަމަވާ މެންބަރުންނަކީ އެމްއާރްޕީއެސްގެ މެންބަރެއް ކަމުގައިވުމާއި، ޕެންޝަން އޮފީހުން ކަނޑައަޅާ އުސޫލެއްގެ ދަށުން އެ މެންބަރެއްގެ އާރްއެސްއޭގައި ފައިސާ ހުރި ފަރާތެއް ކަމުގައިވުމާއި، އެމްއާރްޕީއެސް އިން ރިޓަޔާމަންޓް ބެނެފިޓް ލިބެމުންދާ ފަރާތެއް ކަމުގައި ވެގެން ނުވެ އެވެ. އަދި އެމްއެމްއޭ އިން ލައިސަންސް ދީފައިވާ ގެދޮރުގެ ތަރައްގީއަށް ފައިނޭންސް ކުރާ މުއައްސަސާއަކުން ލޯން ހަމަޖެހިފައިވާ ފަރާތެއް ކަމުގައި އެފަދަ މުއައްސަސާއަކުން ޕެންޝަން އޮފީހަށް އަންގާފައިވާ ފަރާތެއް ކަމުގައިވެސް ވެގެން ނުވެ އެވެ. ގެދޮރު ގަތުމަށްޓަކައި ނަގާ ލޯނުގެ ޑައުންޕޭމަންޓްގެ ގޮތުގައި އާރްއެސްއޭގައި ހުރި ފައިސާ ކޮލެޓަރަލައިޒް ކުރުމުގެ އިއުތިރާޒެއް ނެތް ކަމަށް އިގުރާރުވާ މެންބަރެއް ކަމުގައި ނުވުމާއި، އުމުރުން މީލާދީ ގޮތުން 60 އަހަރުވެފައިވާ ދިވެހި މެންބަރަކު ކަމުގައި ނުވުމާއި އަދި އުމުރުން 65 އަހަރުވުމުގެ ކުރިން ލޯން ދައްކާ ހަލާސް ކުރެވޭނެ ފަރާތެއް ކަމުގައި ނުވުންވެސް ޝަރުތު ތަކުގެ ތެރޭގައި ހިމެނެ އެވެ.
ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިކުރުމުގެ ޕްރޮގުރާމުތަކަށް ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަަށް އިސްލާހު ހުށަހެޅުއްވީ ޕީޕީއެމްގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އެވެ. މިއިސްލާހު މަޖިލީހުން ފާސްކުރުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިބިލް ތަސްދީގު ކުރެއްވީ މިއަހަރުގެ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ