ޕެންޝަން އޮފީސް އުމަރު ޝޮޕިން އާކޭޑަށް ބަދަލުކޮށްފި

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެމްޕީއޭއޯ) ޗާންދަނީ މަގުގައި އަލުން ހަދާފައިވާ އުމަރު ޝޮޕިން އާކޭޑް ބިލްޑިންއަށް ބަދަލުކޮށްފި އެވެ.
ޕެންޝަން އޮފީސް އެންމެ ފުރަތަމަ ހިންގީ އަމީނީ މަގުގައި ކުރިން ހުރި ފިނޭންސް މިނިސްޓްރީގެ ބާ އިމާރާތުގަ އެވެ. އަދި އޭގެފަހުން ނިމުނު ހަފްތާގެ ނިޔަލަށް ޕެންޝަން އޮފީސް ހިންގީ މޫކައި ސުއިޓްސް ހޮޓަލުގަ އެވެ.
ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން ޕެންޝަން އޮފީހުގެ ޑިރެކްޓަރު، ސްޓޭކް ހޯލްޑާ ރިލޭޝަން އިސްމާއިލް ޝުޖާއު ވިދާޅުވީ ޕެންޝަން އޮފީހުގެ މަސައްކަތްތައް އުމަރު ޝޮޕިން އާކޭޑް ބިލްޑިންއަށް ބަދަލުކުރުމުގެ މަސައްކަތް ފެށީ މިދިޔަ ހަފްތާއިން ފެށިގެން ކަމަށެވެ. އަދި އެމަސައްކަތް މިހާރު އެކުގައި ނިމިފައިވާތީ މާދަމާއިން ފެށިގެން ޕެންޝަން އޮފީހުގެ ހިދުމަތްތައް ލިބިގެންދާނީ މި އިމާރާތުގައި ކަމަށްވެސް ވިދާޅުވި އެވެ.
ޕެންޝަން އޮފީސް ހިންގުމަށް ހަމަޖެހިފައިވަނީ އުމަރު ޝޮޕިން އާކޭޑް ބިލްޑިންގެ އަށެއް އަދި ނުވަވަނަ ބުރީގަ އެވެ.
އަލަށް ބަދަލުވި އިމާރާތަށް ކުލި ދައްކަންޖެހޭތޯ ދެންނެވުމުން ޝުޖާއު ވިދާޅުވީ އުމަރު ޝޮޕިން އާކޭޑް ބިލްޑިން ހެދުމަށް ޕެންޝަން ފަންޑުގެ އިދާރީ ފީގެ ގޮތުގައި ލިބޭ ފައިސާ އިން އިންވެސްޓްކޮށްފައިވާތީ އެ އިމާރާތަށް ކުލި ދައްކަން ނުޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންނަށް ވެސް މިތަނުގެ އޯނަޝިޕްގައި ކޮންމެވެސް ދައުރެއް އޮތީމާ މި އިމާރާތުގައި ދިގު މުއްދަތަކަށް ތިބެވޭނެ،" ޝުޖާއު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ މާދަމާއިން ފެށިގެން އުމަރު ޝޮޕިން އާކޭޑް ބިލްޑިންގުން ޕެންޝަން އޮފީހުގެ ހުރިހާ ހިދުމަތެއް ލިބުނު ނަމަވެސް އެ އިމާރާތުގެ މަސައްކަތް އަދި މުޅިން ނުނިމޭތީ އެ އިމާރާތަށް ވަދެ ނިކުމެ ހަދާ ބޭފުޅުންނަށް ކޮންމެވެސް ވަރެއްގެ ދަތިކަމެއް އަދި އިހްސާސްކުރަންޖެހިދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ