މިހާރު ކުރިއަށްދާ ދެވަނަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތުގައި ދަ ގުރޭންޑޭއަމީގޯސް ނިއު ޖެނެރޭޝަން (ދަ ގޭންގް) ގެ މައްޗަށް ކުރިހޯދާ، ޖޭޖޭ ސުޕޯޓްސް ކުލަބުގެ ފެށުން ރަނގަޅު ކޮށްފިއެވެ.
ޓާރފް ދަނޑުގައި ކުޅުނު މި މެޗު ޖޭޖޭ ސްޕޯޓްސް އިން ކާމިޔާބުކުރީ 3-1 ލަނޑުންނެވެ.
މިމެޗުގެފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ޖޭޖޭ އިންނެވެ. އެލަނޑު 19މިނެޓުގައި ޖޭޖޭއަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ނައުޝާދެވެ. އެޓީމުގެ ދެވަނަ ލަނޑަކީ ދަގޭންގުގެ ޢަބްދުﷲ ފައުޒާން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ދެޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ޖޭޖޭގެ ތިން ވަނަ ލަނޑު 52 ވަނަ މިނެޓުގައިކާމިޔާބު ކޮށްދިނީ ބުރެޒިލްގެ ފޯވަރޑް ލީމާ އެވެ.
ދަ ގޭންގް ގެ ހަމައެކަނި ލަނޑު މެޗުގެ 67 ވަނަމިނެޓުގައި ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަހާފުގައި ކުޅެން ނުކުތް ސިނާޒު ހިލްމީ އެވެ.
ދެ ގްރޫޕަކަށްބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ގްރޫޕް އޭގައި ވާދަކުރަނީ ސްޕޯޓްސްކުލަބް މެކާނޯ އާއި މަހިބަދޫ ސްޕޯޓްސް ކްލަބު އާއި ދަ ގްރޭންޑް އަމީގޯސްނިއުޖެނެރޭޝަން ސްޕޯޓްސް ކްލަބް އާއި ޖޭޖޭ ސްޕޯޓްސް ކްލަބު އަދިކުޑަހެންވެއިރު ޔުނައިޓެޑް އެވެ.
ގްރޫޕް ބީގައި ވާދަކުރަނީ ކްލަބް ޒެފްރޯލް އާއި ކްލަބް ޕީކޭ އާއި ވީކޭ ސްޕޯޓްސް ކްލަބު ބީޖީސްޕޯޓްސް ކްލަބެވެ.
މިމުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގެ ދެޓީމު ކަމަށްވާ ކުލަބު ޒެފްރޯލް އާއި ކުލަބު ޕީކޭ އެވެ.
މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެއެހީތެރިކަމާއެކު ކުރިއަށް ގެންދާ މިއަހަރުގެ މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ މަހުގެ 14ވަނަ ދުވަހުއެވެ.
މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ގްރީން ސްޓްރީޓެވެ. އެޓީމް މިހާރު އަންނަނީ ފުރަތަމަ ޑިވިޝަންގައި ވާދަކޮށް ރަނގަޅު ނަތީޖާއެއް ހޯދަމުންނެވެ.
ދަ ގޭންގް ގެ މައްޗަށް ކުރި ހޯދާ، ޖޭޖޭ ސްޕޯޓްސްގެ ފެށުން ރަނގަޅުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ