އަދާލަތަށް ޕީޕީއެމުން ފައިސާ ހުށައެއް ނާޅަން: ޔާމީން

ޕީޕީއެމްއާ އެކު ކޯލިޝަން ހެދުމަށް ފައިސާ އާއި ސަރުކާރުގެ ބޮޑު ޕަސެންޓެއް އެޕާޓީން ހުށަހެޅި ކަމަށް އަދާލަތު ޕާޓީން ބުނި އެއީ ދޮގެއް ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހެޅުއްވުމަށްފަހު ނުކުމެވަޑައިގެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ އަދާލަތުގެ އެކި ފަންތީގެ ބޭފުޅުން ޕީޕީއެމްގެ އެކި ފަންތީގެ ބޭފުޅުންނާ މަޝްވަރާކުރެއްވި ކަމަށެވެ. ނަމަވެސް އޭނާ އަދާލަތުގެ އެއްވެސް މީހަކާ ވާހަކަ ނުދައްކާ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ ފައިސާ ހުށަހަޅައިގެން އަޅުގަނޑުމެންގެ ކޯލިޝަނަށް މީހުން ގެންނަ ބައެއް ނޫން. ފައިސާ ހުށަހަޅައިގެން ކޯލިޝަނަށް އަޅުގަނޑުމެން މީހުން ގެންނަ ކަމަށް ވަންޏާ މިއަށްވުރެ މާ ކުރިން އަޅުގަނޑުމެން ކޯލިޝަނަށް މީހުން ގެންނާނަން،" އޭނާ ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި ކޯލިޝަންގެ މަޝްވަރާތަކުގައި ފައިސާގެ އެއްވެސް ކަމެއް އުޅޭނަމަ އެކަމެއް ހުށަހަޅާފައިވާނީ ޕީޕީއެމާ އެކު ކޯލިޝަން ހެދުމަށް ހުށަހެޅި ފަރާތަކުންނެވެ. އޭނާ ވިދާޅުވީ ޕީޕީއެމާ އެކު ކޯލިޝަން ހެދުމަށް ބޭނުންވާ ޕާޓީތަކަށް އަދިވެސް އެފުރުސަތު އެބަ އޮތް ކަމަށެވެ.
"އެކަމަކު އެއީ ހުރިހާ ބޭފުޅުންގެ ވާހަކަފުޅުގައި ވިދާޅުވާހެން ދީނަށްޓަކައި، ގައުމަށްޓަކައި، ރައްޔިތުންގެ ހައްގުގައި ކުރާ ކަމަކަށް ވާންޖެހޭނެ. އެއިގައި ފައިސާ ވެސް ހިމެނިގެން ނުވާނެ އަދި އެހެން ކަމެއް ވެސް ހިމެނިގެން ނުވާނެ. އަދި އަމުދުން ފައިސާ ހިމެނިގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ.
ޕީޕީއެމްގެ މަގުސަދު ވަރަށް މާތް ކަމަށާއި އެއީ ރައްޔިތުންނަށް ހިދުމަތްކުރުން ކަމަށް ޔާމީން ވިދާޅުވި އެވެ. ޕީޕީއެމްގެ ވެރިކަމެއްގައި ރާއްޖޭގެ ހުރިހާ ރަށަކަށް ހަމަޖެހުން ގެނައުމަކީ ރައްޔިތުންނަށްވެ ވެޑައިގަންނަވާ ވައުދެއްކަމަށް އޭނާ ވިދާޅުވި އެވެ.
އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ އިއްޔެ ވިދާޅުވެފައިވަނީ ރައީސް މުހައްމަދު ވަހީދުގެ "ގައުމައިގެން ކުރިއަށް" ކޯލިޝަނުން ވަކިވުމުން ޕީޕީއެމްއާ އެކު ކޯލިޝަން ހެދުމަށް ފައިސާ އާއި ސަރުކާރުގެ ބޮޑު ޕަސެންޓެއް ހުށަހެޅި ކަމަށެވެ. އިމްރާން ވިދާޅުވީ ފައިސާ އާއި މަގާމަށް އެއްވެސް ބަޔަކާ އެކު އަދާލަތު ޕާޓީން ކޯލިޝަން ހެދި ނަމަ އެކަން ކުރާނީ ޕީޕީއެމްއާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ