މ. ނާލާފުށިން ކަރަންޓު ކެނޑި މުޅި ރަށުގެ ރައްޔިތުންނަށް ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ނާލާފުށީ ކައުންސިލްގެ ރައީސް އަހްމަދު ޝާހީން ވިދާޅުވީ މިއަދު ހެނދުނު 10:30 ގައި މުޅި ރަށުން އެއްކޮށް ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އެެހެންނަމަވެސް ރަށުގައި މަސައްކަތްކުރާ ޓެކްނީޝަނުންގެ މަސައްކަތުން ރަށުގެ ބައެއް ހިސާބުތަކަށް ކަރަންޓު ފޯރު ކޮށްދެމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ޝާހީން ވިދާޅުވީ ރަށުގައި ތިން ޖަނަރޭޓަރު ހުރި ނަމަވެސް މިހާރު ބޭނުން ކުރެވޭ ހާލަތުގައި ހުރީ ދެ ޖަނެރޭޓަރު ކަމަށާއި އެ ދެ ޖަނެރޭޓަރުން އެކަތި މިއަދު ހަލާކުވެފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ ދެ ސަރަހައްދަކަށް ކަރަންޓު ދޫކުރަނީ ބައިގަޑިން ބައިގަޑިން ފަހަރަކު ސަރަހައްދަކަށް ކަަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް ކަރަންޓު ކެނޑެން ދިމާވީ އިންޖީނަށް ދިމާވި ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ދަންނަވަން ދަތި ކަމަށްވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ ހާލަތެއްގައި ކަރަންޓު ދެމުންގެންދާތީ ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށާއި ކައުންސިލަށް އެކަމުގެ ޝަކުވާ އިންތިހާއަށް ލިބެމުންދާ ކަމަށެވެ. އަދި ވިދާޅުވީ މިހާރު މ. މުލިން ފެނަކައިގެ ޓެކްނީޝަނެއް ގެނެސް މައްސަލަ ޖެހިފައި ހުރި ޖަނަރޭޓަރު ހެދުމުގެ މަސއްކަތް ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް ކަރަންޓު ލިބޭނެ ވަކި އިރެއް ބުނަން ދަތިކަމަށްވެސް ވިދާޅުވި އެވެ.
އާބާދީގައި 530 މީހުން ދިރިއުޅޭ ނާލާފުށީގައި ހުންނަ ޖަނަރޭޓަރަކީ މުޅި ރަށަށް ކަރަންޓު ފޯރުކޮށްދެވޭ ވަރަށް ވުރެ ކުޑަ ޖަނަރޭޓަރެއް ކަމަށްވެސް ޝާހިން ވަނީ ފާހަގަ ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ރަށުގައި މިހާރު ބޭނުން ކުރަމުންދަނީ 56 ކިލޯ ވޯޓުގެ ޖަނަރޭޓަރަކާއި 80 ކިލޯ ވޯޓުގެ ޖަނަރޭޓަރެއް ކަމަށެވެ.
ޝާހިން ވިދާޅުވީ މީގެ ކުރިންވެސް އެރަށަށް މިފަދަ މައްސަލަތައް ދިމާވެގެން ކަމާބެހޭ އެކި އެކި މުއައްސަސާތަކަށް ތަކުރާރުކޮށް ދެންނެވިފައިވާނޭ ކަމަށެވެ. ނަމަވެސް މިކަމުގައި އެއްވެސް ހައްލެއް އަދި މިހާތަނަށް ލިބިފައިނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ނާލާފުށީ ރައްޔިތުން ކަރަންޓު ލިބޭނެ ވަގުތެއްގެ އިންތިޒާރުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ