ދެ ދުވަސް ވަންދެން ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ހަތް މީހަކު މަރުވެ، އިތުރު ދެ މީހަކު ގެއްލިފައިވާ ކަމަށް ދެކުނު ކޮރެއާގެ ސަރުކާރުން މިއަދު ބުނެފި އެވެ.
މީގެ އިތުރުން ވެސް، ކޮރެއާގެ މެދުތެރޭ ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ އެކި ހާދިސާތަކުގައި އަށް މީހަކު މިއަދު ތާށިވި ކަމަށް ވެސް ކޮރެއާ ސަރުކާރުން ވަނީ ބުނެފަ އެވެ.
ތިން މީހަކު މަރުވެފައި ވަނީ އިރުމަތީ އޮންނަ ޔިއޯންގްޖޫ އަދި މެދުތެރޭ ޗިއޮންގްޔޭންގް ކައުންޓީން މިއަދު ކަމަށް ކޮރެއާގެ މިނިސްޓްރީ އޮފް އިންޓީރިއާ އަދި ސޭފްޓީން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވެ އެވެ.
ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މަރުވި ދެ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި، މެދުތެރޭ ނޮންސަން ސިޓީގައި އިމާރާތެއް ވެއްޓުމުގެ ސަބަބުން އިތުރު ދެ މީހަކު މަރުވެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.
އުތުރު ޖައިއޮންގްސަންގް ޕްރޮވިންސުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އިތުރު ދެ މީހަކު މަރުވެފައިވާ ކަމަށް ވެސް ވަނީ ލަފާކުރެވިފަ އެވެ.
ކޮރެއާގެ ނޫސްތަކުން ރަސްމީ ފަރާތްތަކާ ހަވާލާދީ މިއަދު ބުނެފައިވާ ގޮތުގައި، މިހާތަނަށް ޖުމްލަ ތިން މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. މަރުވި މީހުންނާއި ގެއްލުނު މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އިދާރާތަކުން ބުނެފައިވެ އެވެ.
ބޯކޮށް ވާރޭވެހި، ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ކޮރެއާގެ 13 އަވަށަކާއި ސިޓީއަކުން ވަގުތީ ގޮތުން ކަރަންޓު ކެނޑިފައިވެ އެވެ. އަދި މެދުތެރޭ ގޮއެސާން ޑިސްޓްރިކްޓުގައި އެކަނި ވެސް، ކޯރެއް ފުރިގެން ބަންޑުން ވެދާނެތީ 6،000 އާންމުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ. އެ ސަރަހައްދުގެ ނޫސްތަކުން ވަނީ ހަތް މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ރިޕޯޓުކޮށްފަ އެވެ.
ދެކުނު ކޮރެއާއަށް މިހާރު ކުރަމުންދާ ވިއްސާރަ ހުއްޓާ ނުލައި ގިނަ ސަރަހައްދުތަކަކަށް ކުރަމުން ދާނޭ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.
ކޮންމެ އަހަރެއްގެ ހޫނު މޫސުމާ ދިމާކޮށް ދެކުނު ކޮރެއާއަށް ކުރާ ވިއްސާރައިގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމަކީ އާންމު ކަމެކެވެ.
މޫސުން ގޯސްވެ ދެކުނު ކޮރެއާއިން 7 މީހަކު މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ