މި މަހުން ފެށިގެން މުސާރައިގެ އާ އޮނިގަނޑަށް އަމަލު ކުރަން ފަށާފައިވާއިރު، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކުޑަވާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް އިހުތިޖާޖު ކުރުމަށް ކޯޓުތަކުގެ މުވައްޒަފުން ކަޅުހެދުމުގައި މިއަދު އޮފީހަށް ނުކުމެއްޖެ އެވެ.
ވީ ކިހިނެއް؟ - މުސާރައަށް ގެނައި ބަދަލާ މެދު އިހުތިޖާޖު ކުރުމަށް މާލެ ސަރަހައްދުގެ އިތުރުން ބައެއް ރަށްރަށުގެ ކޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް މިއަދު އޮފީހަށް ނުކުތީ ކަޅުހެދުމުގަ އެވެ.
ތަފްސީލް - މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާ އެކު ލީގަލް އޮފިސަރުންނަށް އޭގެ ފައިދާ ނުފެންނާތީ މީގެ ކުރިން 81 ލީގަލް އޮފިސަރުން ސޮއިކޮށް ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތަކަށް ވަނީ ޕެޓިޝަނެއް ފޮނުވައިފަ އެވެ.
އަލަށް ގެނައި ބަދަލުގެ ތެރެއިން ލީގަލް އޮފިސަރުންނަށް ލިބެން ޖެހޭ ބައެއް އިނާޔަތްތައް މަދުވެ، އިތުރު ގަޑީގެ ފައިސާ ކެޕްކުރުމާއި ޖޮބް މެޓްރިކްސްއަށް ގެނައި ބަދަލުގެ ސަބަބުން ޖުމުލަ ލިބޭ މުސާރަ ކުރިއަށް ވުރެ ވެސް ވަނީ ކުޑަވެފަ އެވެ.
ދައުލަތުގެ އެކި އިދާރާތަކާއި ލޯކަލް ކައުންސިލްތަކުގައި މަސައްކަތްކުރާ ލީގަލް އޮފިސަރުން މީގެ ކުރިން ހަތަރު ފަންތިއަކަށް ބަހާލާފައިވެ އެވެ. ނަމަވެސް މިހާރު ގެނައި ބަދަލުގެ ސަބަބުން މަގާމު ދަށްކޮށް ދެ ފަންތިއަކަށް ވަނީ ބަހާލައިފަ އެވެ.
ދެ ފަންތީގެ މުވައްޒަފުންގެ އަސާސީ މުސާރައަށް ކުޑަ އިތުރުވުމެއް އައި ނަމަވެސް ކުރިން ލިބޭ ހާއްސަ އިނާޔަތް ވަނީ އުނިކޮށްފަ އެވެ. އޭގެ ބަދަލުގައި ހިމަނާފައިވަނީ ކެޕްކޮށްފައިވާ ހާޒިރީ އެލަވަންސްއެކެވެ. އަދި ކުރިން ދޭ ހިދުމަތުގެ އިނާޔަތް ވަނީ ކުޑަކޮށްފަ އެވެ.
ލޯކަލް ކައުންސިލްތަކުގައި މަސައްކަތްކުރާ ލީގަލް އޮފިސަރުން ގެއަށް ގެންދެވޭ ޖުމުލަ މުސާރައަށް އައި ބަދަލަކީ:
ފުރަތަމަ ގްރޭޑްގައި ތިބި ލީގަލް އޮފިސަރުންނަށް ކުރިން ޖުމުލަ 19،161ރ. ލިބޭ؛ ނަމަވެސް މިހާރު ލިބޭނީ ކުރިއަށް ވުރެ 240ރ. މަދުން 18،920ރ.
މަތީ ގްރޭޑްގައި ތިބި ލީގަލް އޮފިސަރުންނަށް ކުރިން ޖުމުލަ 20،220ރ. ލިބޭ؛ ނަމަވެސް މިހާރު ލިބޭނީ ކުރިއަށް ވުރެ 1،300ރ. މަދުން 18،920ރ.
ދައުލަތުގެ އެހެން އިދާރާތަކުގައި މަސައްކަތްކުރާ ލީގަލް އޮފިސަރުން ވެސް ކޮންމެ ދެ އަހަރަކުން ޕްރޮމޯޓްވަމުން ދިއުމާ ގުޅިގެން އެންމެ މަތީ ގްރޭޑަށް 18،706ރ. ޖުމުލަ ލިބެ އެވެ. މިހާރު އެ މުވައްޒަފުންނަށް ވެސް އިތުރުވީ 18،920ރ.އާ ހަމައަށެވެ.
ނަމަވެސް ޕެންޝަން އުނިކޮށް، އިތުރު ގަޑީގެ ފައިސާ ކެޕްކުރުމުން ލިބޭ ގެއްލުން ފާހަގަކޮށްފައިވެ އެވެ. އެ ގޮތުން:
ކުރީގައި ހަފުތާއަކު 5 ދުވަހު، ދުވާލަކު 8 ގަޑިއިރު މަސައްކަތްކޮށްގެން ލިބެނީ 15،863ރ.
މިހާރު ހަފުތާއަކު 6 ދުވަހު، ދުވާލަކު 8 ގަޑިއިރު މަސައްކަތްކޮށްގެން ވެސް ލިބޭނީ 14،540ރ.
ޕެޓިޝަނުގައި އިތުރަށް ފާހަގަކޮށްފައިވާ ކަންބޮޑުވުމަކީ:
ލޯކަލް ކައުންސިލްތަކާއި ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ލީގަލް އޮފިސަރުންނަށް ޕްރައިވެޓް ޕްރެކްޓިސްކުރުން މަނާކޮށްފައިވީ އިރު، ނަން-ޕްރެކްޓިކްސް އެލަވަންސެއް ނުލިބުން
ހިދުމަތުގެ މުއްދަތާއި ހޯދި ކުރިއެރުންތަކަށް ބަލައިގެން ދެމުން ދިޔަ ސްޓެޕް އެލަވަންސް އުނިކުރުމުން ލީގަލް އޮފިސަރެއްގެ ގޮތުގައި އެތައް އަހަރަކު މަސައްކަތްކޮށްފައިވާ މުވައްޒަފަކާއި އަލަށް ވަޒީފާއަށް ނުކުންނަ މުވައްޒަފަކާ އެއްވަރުކުރުން
ލީގަލް އޮފިސަރުންގެ މަގާމު ދަށްކުރުމުގެ ސަބަބުން އެހެން ދާއިރާތަކުގައި ޑިޕްލޮމާ ފެންވަރަށް ކިޔަވައިގެން ތިބި މުވައްޒަފުންނަށް ލިބޭ ވަރުގެ މުސާރައެއް މާސްޓާސް ޑިގްރީއަށް ކިޔަވާފައި ތިބި ލީގަލް އޮފިސަރުންނަށް ނުލިބޭ
ލީގަލް ސެކްޝަންތަކުގެ ހެޑްގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުންގެ އިތުރު ޒިންމާތައް ހުރި ނަމަވެސް މަގާމު ދަށްކުރުމުގެ ސަބަބުން އެ ކަމަށް ރިއާޔަތްނުކުރެވޭކަން
މުސާރައިގެ އާ އޮނިގަނޑުގައި އާ މަގާމުތަކެއް ހިމަނައިގެން މަގާމުތަކަށް ގެނައި ބަދަލުގެ ސަބަބުން ވެސް ކުރިން ހިދުމަތުގައި ތިބި ގިނަ މުވައްޒަފުންގެ މުސާރަ ކުރިއަށް ވުރެ މަދުވެފައިވޭ
މުސާރައިގެ ބަދަލަށް ހިތްހަމަނުޖެހި ޝަރުއީ ދާއިރާގެ މުވައްޒަފުން އޮފީހަށް ނުކުތީ ކަޅުހެދުމުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ