ރީތި އެސިސްޓް ދިން އިލާންއަކީ ގައުމީ ޓީމަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާ
އެންމެ ފަހުން ސްރީލަންކާއާ ދެކޮޅަށް ކުޅުނު ސުޕަ ލީގުގެ މެޗަކީ އެތަކެއް ގޮތަކުން ރާއްޖެއަށް ޚާއްސަވި މެޗެކެވެ. މެޗުގެ ނަތީޖާ ރާއްޖެ ކޮޅަށް ބުރަވުން އެކަންޏެއް ނޫނެވެ. މި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި 16 އަހަރުގެ އިލާން އިމްރާނު ކުޅެން އަރާފައިވެއެވެ. ކުޅެން އެރިތާ މާ ގިނައިރުތަކެއް ނުވަނީސް އޭނާ ވަނީ އަލީ ފާސިރު (ސެންޓޭ) ލަނޑު ޖެހުމަށް މަގު ފަހިކޮށްދީފައެވެ. އިލާންއަށް ސީނިއާ ގައުމީ ޓީމުން ފުރުސަތު ލިބުނީ އާ ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) ޓީމާ ހަވާލުވި ފަހުންނެވެ. މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ކުޅެން އެރުވި އިލާން ވަނީ ފަހު ވަގުތު ލަންކާ ކުޅުންތެރިން އަތުން ބޯޅަ ހޯދައިގެން ގޮސް، ގޯލް އޭރިއާ ތެރޭގައި ހުރި އަލީ ފާސިރު (ސެންޓޭ)އަށް ދިން ބޯޅައަކުން ރާއްޖޭގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އިލާންއަކީ ސީނިއާ ގައުމީ ޓީމަށް ގުޅުނު އެންމެ ހަގު ކުޅުންތެރިޔާއެވެ. މީގެ ކުރިން އެންމެ ހަގު ކުޅުންތެރިޔާގެ ރިކޯޑު ދަމަހައްޓަމުން އައީ ސިންގަޕޫރާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗެއްގައި ގައުމީ ޓީމަށް ކުޅުނު ބުރު ސްޕޯޓްސް ކުލަބުގެ 17 އަހަރުގެ އަބްދުﷲ ޔާމީނެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ސީނިއާ ޓީމުގައި ވެސް ހިމެނޭ އިލާން ވަނީ 16 އަހަރުގައި ގައުމީ ޓީމުން ޖާގަ ހޯދާ، އޭނާ ކުޅުނު ފުރަތަމަ މެޗުން ރާއްޖެ 3-0 ލަންކާގެ މައްޗަށް ކުރި ހޯދުމުގައި ވެސް މުހިންމު ދައުރެއް އަދާކޮށް، ތާރީޚުން ޖާގަ ހޯދާފައެވެ. އިލާން ވަނީ ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަންކަން އަދާކޮށް، ޒުވާން ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ. އިލާން ވަނީ އުމުރުން 14 އަހަރުގައި ކުލަބު ވެލެންސިއާއަށް ކުޅެފައެވެ. އަދި، ފުރަތަމަ ޑިވިޝަނުގައި ލަނޑު ޖަހައި، ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިން އެންމެ ހަގު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ. ގިނަ ބަޔަކު ދަނީ އިލާން ހޯދި މި ކާމިޔާބާ އެކު ތައުރީފު އޮއްސަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ