ލަވަކިޔުންތެރިޔާ އަރްޖިތު ލަންޑަންގައި ޝޯ ދެނިކޮށް ސްޓޭޖުން ކަރަންޓު ކަނޑާލައިފި

އިންޑިއާގެ އިތުރުން ދުނިޔޭގެ ގިނަ ބައެއްގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ލަވަކިޔުންތެރިޔާ އަރްޖިތު ސިންގް ލަންޑަންގައި ބޭއްވި ކޮންސެޓެއްގައި ލަވަކިޔަމުން ދަނިކޮށް ސްޓޭޖުން ކަރަންޓު ކަނޑާލައިފިއެވެ. މިދިޔަ ހުކުރު ދުވަހުގެރޭ ލަންޑަންގައި ދިރިއުޅޭ ލަވަކިޔުންތެރިޔާގެ ފޭނުންނަށް ޚާއްސަކޮށްގެން ޓޮޓެންހަމް ހޮޓްސްޕާ ސްޓޭޑިއަމްގައި ބޭއްވި ކޮންސެޓުގައި ކަރަންޓު ކަނޑާލާފައި ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަޝްހޫރުކަމެއް ހޯދި ފިލްމު "ސައްޔާރާ"ގެ ޓައިޓްލް ލަވަ އަރްޖިތު ކިޔަމުން ދަނިކޮށެވެ. ސޯޝަލް މީޑިއާގައި ވެސް ޓްރެންޑްވެފައިވާ ލަވަ "ސައްޔާރާ" އަކީ ލަވަކިޔުންތެރިޔާ ފަހީމް އަބްދުﷲގެ އަޑުން އަސްލު ކިޔާފައިވާ ލަވައަކަށްވީ ނަމަވެސް އަރްޖިތުގެ އަޑުން އެ ލަވަ ކިޔަން ފެށުމާ އެކު ގިނަ ބައެއްގެ ތަރުހީބުގެ އަޑު ސްޓޭޑިއަމްތެރޭގައި ގުގުމަންފެށިއެވެ. އަރްޖިތު ސިންގް ލަންޑަންގައި ޕާފޯމް ކުރާ މަންޒަރު ފެންނަ ފޮޓޯއެއް އަދި ފިލްމު "ސައްޔާރާ"ގެ ޕޯސްޓަރެއް--ފޮޓޯ/ހިންދުންސްތާންޓައިމްސް އެހެންނަމަވެސް އެ ލަވަ ކިޔަން ފެށިތަނާ ކުޑައިރުކޮޅެއްގެތެރޭ ސްޓޭޖުން ކަރަންޓު ކަނޑާލުމުން އެތަނަށް ޝޯ ބަލަން އެއްވެތިބި ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ. ގާތްގަނޑަކަށް 40،000އާ ކައިރިކުރާ އަދަދަކަށް ޝޯ ބަލަން މީހުން ދިޔަ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސްޓޭޖުން ކަރަންޓު ކަނޑާލައި، ޝޯ ކުރިއަށްދިޔަ ސްޓޭޑިއަމްގެ ލައިޓުތައް ނިވާލީ ލަންޑަންގެ ގަޑިން 10:30ގައެވެ. އޭރު ވެސް އަރްޖިތުއަށް ކަނޑައެޅިފައިވާ ވަގުތު ހަމަވެ އިތުރު ވަގުތު ވެސް ލަވަކިޔުންތެރިޔާއަށް މާކުރިން ވެސް ވަނީ ދީފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ފިލްމު "ސައްޔާރާ"ގެ ލަވަ ކިޔަމުން ދަނިކޮށް ކަރަންޓު ކަނޑާލި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައި ވާއިރު އެ ކޮންސެޓްގެ ވީޑިއޯތައް ވެސް ވަނީ ޓްރެންޑްވެފައެވެ. މި ވީޑިއޯތަކަށް ކޮމެންޓު ކުރަމުން ބައެއް މީހުން ބުނެފައި ވަނީ، ސްޓޭޑިއަމްއިން ކަރަންޓު ކަނޑާލީ ގަސްތުގައި ކަމަށާއި ސްޓޭޑިއަމްއަށް އެއްވެ ތިބި އަރްޖިތުގެ ފޭނުންނަށް އަލްވަދާއު ކިޔުމުގެ ފުރުސަތު ވެސް ދީފައިނުވާ ކަމަށެވެ. އަނެއްބަޔަކު ބުނެފައި ވަނީ ކިތަންމެ މަޝްހޫރު ލަވަކިޔުންތެރިއެއް ނުވަތަ ފަންނާނަކަށް ވިޔަސް އެ ޤައުމެއްގައި ކަނޑައެޅިފައި އޮންނަ ގަވައިދަށް ހުރުމަތްތެރިކޮށް ހިތަންވާނެ ކަމަށާއި ވަކި މީހަކަށްޓަކައި މުއައްސަސާތަކުން ކަނޑައަޅާފައި އޮންނަ އުސޫލުތަކާއި ޤަވައިދުތައް ބަދަލުނުކުރެވޭނެ ކަމަށެވެ. އިންޑިއާގެ އެންމެ އަގުބޮޑު އަދި ޑިމާންޑު ބޮޑު މިއުޒީޝަނުންގެތެރޭ ހިމެނޭ ލަވަކިޔުންތެރިޔާ އަކީ އިނގިރޭސިވިލާތުގެ ސްޓޭޑިއަމްއެއްގައި މިހާތަނަށް ޝޯއެއް ދިން ފުރަތަމަ ލަވަކިޔުންތެރިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ