ހިޔާ ފްލެޓުން ސައިކަލެއް ވަގަށް ނެގި މީހަކު ޖަލަށް
ހުޅުމާލޭ ފޭސް 2، ހިޔާ ފްލެޓެއްގެ ބޭސްމަންޓުން ސައިކަލެއް ވަގަށް ނެގި މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ. ހުޅުމާލެ، ފޭސް 2، ހިޔާ ޓަވަރު 11 ގެ ބޭސްމަންޓުން ސައިކަލެއް ވަގަށް ނެގި މައްސަލައިގައި ޖަލު ހުކުމެއް އިއްވާފައިވަނީ، އެ ފަދަ ވައްކަންތަކުގެ ރެކޯޑް އޮންނަ، ސ،. ހިތަދޫ ތޫނުފިލިގޭ މުހައްމަދު ޝަފީއުގެ މައްޗަށެވެ. މި މައްސަލައިގައި ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް މިދިޔަ ހަފްތާގައި އިއްވީ، އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުކެމެވެ. އެކަމަކު، ކުރިން ބަންދު ކުރި 15 ދުވަސް އުނިކުރުމުން، އޭނާ ދެން ތަންފީޒު ކުރަންޖެހޭނީ، 11 މަހާއި 26 ދުވަހުގެ ޖަލު ހުކުމެވެ. މި އަހަރުގެ ޖޫން މަހުގެ ކުރީކޮޅު، ޝަފީއު މި ސައިކަލު ވަގަށް ނެގި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ، އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ. ލ. އަތޮޅު މީހެއްގެ މި ސައިކަލު، ހިޔާ ޓަވަރުގެ ބޭސްމަންޓުން ގެއްލިފައިވަނިކޮށް، މި ސައިކަލު ފެނުނީ ސައިކަލު ގެއްލުނުތާ ތިން ދުވަސް ފަހުން މާލޭންނެވެ. ސައިކަލު ފެނުނީ، ޝަފީއު އެ ސައިކަލުގައި އިންދައެވެ. މި މައްސަލައިގެ ޝަރީއަތުގައި ޝަފީއުވަނީ އޭނާ އެ ސައިކަލު ނެގި ކަމަށް އިއުތިރާފުވެފައެވެ. ޝަރީއަތުގައި އޭނާ އިއުތިރާފުވިނަމަވެސް، ރެކޯޑްތަކުން ދައްކާ ގޮތުގައި ސައިކަލު ފެނިގެން ފުރަތަމަ ޝަފީއު ހައްޔަރު ކުރުމުން އޭނާ ބުނެފައިވަނީ ސައިކަލަކީ ރައްޓެއްސަކު އޭނާ އަތަށް ދިން ސައިކަލެއް ކަމަށެވެ. ޝަފީއު އެހެން ބުނެފައިވަނީ އޭރު އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރު ކުރުމުން ބަންދު މަޖިލީހުގައެވެ. ބަންދާ މެދު ގޮތެއް ނިންމި މަޖިލީހުގައި ޝަފީއު ދައްކާފައިވާ ވާހަކަތަކުގައި، "އެއީ ރައްޓެއްސަކު ދިން ސައިކަލެއް، އެއީ ވަގަށް ނަގާފައިވާ އެއްޗެއްކަން ނޭނގޭ" ކަމަށް ބުނެފައިވީ ނަމަވެސް، ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި އޭރު ބުނީ ޝަފީއު ބުނާ ރައްޓެއްސަކީ ކާކުކަން އަދި އެ މީހަކާ ގުޅޭނެ ގޮތެއް ޝަފީއުއަށް ބުނެދެވިފައި ނުވާ ކަމަށެވެ. ރެކޯޑްތަކުން ދައްކާ ގޮތުން އޭރު އެ މައްސަލައާ ގުޅިގެން 15 ދުވަހަށް އޭނާ ބަންދުވެސް ކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ